24 Jan 2012, 14:24
ރޭގެ މުޒާހަރާގައި އިދިކޮޅުފަރާތްތަކާއި އެމްޑީޕީ އެކްޓިވިސްޓުންގެ މެދުގައި ހިނގި ކުރިމަތިލުންތަކުގައި އެމްއެންބީސީގެ ނޫސްވެރިޔާ މޫސާ ނައުޝާދަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލަ އާއި ދި ޓީވީގޭ ސްޓޭޝަނަށް ގެއްލުން ދިން މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކުށްވެރިކޮށްފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މޫސާ ނައުޝާދަށް ހަމަލާދިނުމާއި ދި ޓީވީ ސްޓޭޝަނަށް ގެއްލުން ދިނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެ އަމަލަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާ ދެކޮޅަށް ހިންގި ވަރަށް "ފިނޑި"އަމަލެއް ކަމަށެވެ.
އަދި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކަށް ފުރައްސާރަކޮށް ބިރުދެއްކުމާއި ގެއްލުން ދިނުމުގެ އަމަލުތައް ގިނަވަމުން އަންނާތީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމަށާއި ރޭގެ ހަމަލާ ތަހުގީގުކޮށް އެކަން ކުރި ބަޔަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
މީގެ އިތުރުން މީޑިއާ އަށް ހަމަލާ ރައްދު ނުކުރުމަށާއި ބްރޯޑްކާސްޓިން ސްޓޭޝަންތަކާއި އެފަރާތުގެ މުދަލާއި ތަކެއްޗަށް ގެއްލުން ލިބޭ ގޮތަށް އަމަލުތައް ނުބެހެއްޓުމަށް، މުޒާހަރާތަކާއި އެފަދަ އެހެނިހެން ހަރަކާތްތައް އިންތިޒާމް ކުރާ ފަރާތްތަކަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.