ދަނގެތީ ދާއިރާ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ގެ ސިސްޓަމުން އެހެން މެމްބަރަކު ވޯޓުގައި ބައިވެރިވެވަޑައިގެންފައި ނުވާކަމަށާއި، ވޯޓު ދެއްވީ މެމްބަރު އަމިއްލައަށް ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ޖަލްސާގައި، އަސާސީ ހިދުމަތްތައް ދިނުމާގުޅޭ ކަންކަން ބަލަހައްޓާ އޮތޯރިޓީއެއް އުފައްދަން "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލް" ފާސްކުރުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި ނާޒިމް ބައިވެރިވަޑައިގެން ނަމަވެސް، މެމްބަރު ތަޅުމުގައި ފެންނަން ނެތުމުން ވަނީ ސުވާލު އުފެދިފަ އެވެ.

އެދުވަހު މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މެމްބަރު ނާޒިމް ތަޅުމުގައި ނެތީސް އެ މެމްބަރުގެ ސިސްޓަމުން ވޯޓު ރަޖިސްޓްރީވެފައިވާ ކަމަށާއި އެއީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި އެކަން ބައްލަވާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "ސަން"އަށް މިއަދު ވިދާޅުވީ، އެ މައްސަލައިގައި މެމްބަރު ނާޒިމް އާ ސުވާލުކުރުމުން، ތަޅުން ދޫކުރައްވައި ވަޑައިގަތީ ވޯޓު ދެއްވާފައި ކަމަށް ވިދާޅުވި ކަމަށެވެ.

ޒިޔާއު ވިދާޅުވީ ވޯޓުގައި ބައިވެރިވެވަޑައިގަތުމަށްފަހު މެމްބަރު ތަޅުން ދޫކުރައްވައި ވަޑައިގެންނެވިކަން އިދާރީ މޭޒަށް ވެސް ރިޔާސަތަށް ވެސް ފާހަގަނުވި ކަމަށެވެ.

"އެކަމަކު މެމްބަރު ނާޒިމް ވިދާޅުވީ ވޯޓު ދެއްވާފަ ކަމަށް ވަޑައިގަތީ. ވަޑައިގެންނެވިތަން ނުފެނުނީ،" ޒިޔާއު ވިދާޅުވި އެވެ.