06 Dec 2020, 15:14
ޝިޕިންގް އެޖެންސީއާ ބެހޭ ގަވާއިދުގައިވާ ގޮތާ ހިލާފަށް ބައެއް ބައެއް ޝިޕިންގ އެޖެންސީތަކުން ފީ ނަގާ މައްސަލަ ބޮޑުވެ، އެގޮތަށް ފީ ނަގާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް އޮތޯރިޓީން ދީފި އެވެ.
ޝިޕިން އެޖެންސީއާބެހޭ ގަވާއިދު އަލުން އެކުލަވާލުމަށް ފަހު އެ ގަވާއިދަށް އަމަލުކުރަން ފެށީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.
އެ ގަވާއިދަށް އަމަލުކުރަން ފެށި ތާރީހުން ފެށިގެން އަގު ކޮންޓްރޯލްކޮށް، އަދި އެ ދުވަހުން ފެށިގެން ޑެލިވަރީ އޯޑާ އަކަށް ނެގޭނެ ފައިސާގެ އަދަދު ވެސް ވަނީ ކަނޑައަޅައިފަ އެވެ.
އެގޮތުން އިންކޯޓާމްސްގެ ދަށުން ޝިޕިން އެޖެންޓާއި ކޮންސައިނީއާއި އެއްބަސްވެފައިވާ ހިދުމަތުގެ އަގުގެ އިތުރަށް ސީދާ ގޮތުންނާއި ނުސީދާގޮތުން އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން އެއްވެސް ފީއެއް ނުވަތަ ޗާޖެއް ނުނެގޭނެ ކަމަށް ގަވާއިދުގައިވެ އެވެ.
ޑެލިވަރީ އޯޑާ ޗާޖުގެ ގޮތުގައި ފުލް ކޮންޓެއިނަރަކަށް ނުވަތަ އެއަށް ވުރެ ގިނަ ސީބީއެމް ހިމެނޭ ބީއެލް އަކަށް ނަމަ ނެގޭނީ 771 ރުފިޔާ އެވެ.
ޑެލިވަރީ އޯޑަރު ޗާޖު، ފުލް ކޮންޓެއިނަރަކަށް ވުރެ މަދުން ހުންނަ ބީއެލް އަކަށް ނެގޭނީ 385.50 ރުފިޔާ އެވެ.
ފުލް ކޮންޓެއިނަރު ނުވަތަ އެއަށްވުރެ ގިނަ ސީބީއެމް ހިމެނޭ މުދާ އަދި ފުލް ކޮންޓެއިނަރަށްވުރެ މަދުން ހުންނަ ބީއެލް ގައި ނުހިމެނޭ ބާވަތުގެ މުދަލަކަށް ދޫކުރެވޭ ޑީއޯ އަކަށް ނެގޭނީ 385.50 ރުފިޔާ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އިންކޯ ޓާމްސްގެ ދަށުން ޝިޕިންގް އެޖެންޓާއި ކޮންސައިނީއާއި އެއްބަސްވެފައިވާ ހިދުމަތުގެ އަގުގެ އިތުރަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން ފީއެއް ނުވަތަ ޗާޖެއް ނުނެގޭނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް އެ ގަވާއިދާއި ހިލާފަށް ބައެއް އެޖެންޓުން އަމަލުކުރަމުން އަންނަ ކަމަށެވެ.
އަދި ޝިޕިން އެޖެންސީ އާއި ބެހޭ ގަވާއިދުގެ ނުވަ ވަނަ މާއްދާއާއި ހިލާފަށް އެއްވެސް އެޖެންޓަކު އިތުރު ޗާޖަސް ނެގޭނެކަމަށް އިއުލާންކޮށްގެން ފީއެއް ނުވަތަ ޗާޖެއް ނެގުމަކީ ގަވާއިދުގެ ދަށުން މަނާކަމެއް ކަމަށް ވެސް އިއުލާނުގައިވެ އެވެ.
"މި ގޮތަށް ފީ ނުވަތަ ޗާޖަސް ނަގާ ފަރާތްތަކާ މެދު މި ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަން އަންގާ އިއުލާން ކުރީމެވެ." އިއުލާނުގައިވެ އެވެ.
ގަވާއިދާ ހިލާފަށް ކޮންޓްރޯލް ކޮށްފައިވާ އަގަށްވުރެ ބޮޑުކޮށް އަދި އިންކޯޓާމްސްގެ ދަށުން ޝިޕިން އެޖެންޓާއި ކޮންސައިނީއާއި އެއްބަސްވެފައިވާ ހިދުމަތުގެ އަގުގެ އިތުރަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން އެއްވެސް ފީއެއް ނަގައިފި ނަމަ، ފުރަތަމަ ފަހަރަށް 1000 ރުފިޔާ އިން ދެވަނަ ފަހަރަށް 10,000 ރުފިޔާ އަދި ދެފަހަރަށްވުރެ އިތުރުވެއްޖެ ނަމަ، އިތުރުވާ ކޮންމެ ފަހަރަކަށް 100,000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ އެވެ.