06 Dec 2020, 13:02
ޕްރިމިއަރ ލީގުގައި ވެސްޓްހޭމްއާ ދެކޮޅަށް މެންޗެސްޓަރ ޔުނައިޓަޑް ރޭ ކުޅުނު މެޗުގައި، ފަހަތުން އަރާ ވެސްޓް ހޭމްގެ މައްޗަށް ކުރި ހޯދާ ޔުނައިޓަޑް ލީގުގެ އާ ރެކޯޑެއް ހަދައިފި އެވެ.
ރޭގެ ކާމިޔާބީއާއެކު ޔުނައިޓަޑް ވަނީ މިހާތަނަށް ޕްރިމިއާ ލީގުގައި ފަހަތުން އަރާ އެންމެ ގިނަ މެޗުތައް ކާމިޔާބުކުރި ޓީމަށެވެ. އެގޮތުން ރޭގެ މެޗުގެ ފުރަތަމަ ހާފް 1-0 ގެ ނަތީޖާއަކުން ވެސްޓް ހޭމް ކުރީގައި އޮވެ ނިމުނުއިރު، ޔުނައިޓަޑް ވަނީ ދެވަނަ ހާފްއަށް ނިކުމެ ނަތީޖާއެއްވަރު ކުރުމުގެ އިތުރުން އިތުރަށް ދެ ލަނޑު ޖަހާ، 3-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްފަ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުންވެސް ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފަ އެވެ. މެޗުގައި ވެސްޓް ހޭމްއަށް ލީޑު ހޯދައިދީފައި ވަނީ 38 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ނެގި ބޯޅަ ގޯލްގެ ތެރެއަށް ފޮނުވަލައިން އެ ޓީމުގެ ތޮމަސް ސައުސެކް އެވެ.
މެޗުގައި ޔުނައިޓަޑްގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ 65 ވަނަ މިނެޓުގައި ޕޮގްބާ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއިން އެވެ. އޭގެ ތިން މިނެޓު ފަހުން އެލެކްސް ދިން ޕާހަކުން ބޯޅަ ގޯލުގެތެރެއަށް ފޮނުވާލައިން ގްރީންވުޑް ވަނީ ޔުނައިޓަޑަށް މެޗުގެ ލީޑު ހޯދަދީފަ އެވެ.
މެޗުގެ ތިން ޕޮއިންޓް ޔުނައިޓަޑަށް ކަށަވަރުވެގެން ދިޔައީ 78 ވަނަ މިނެޓުގައި ރަޝްފޯޑް ވެސްޓް ހޭމްގެ ކީޕަރުގެ ބޯ މަތިން ގޯލްގެ ތެރެއަށް ފޮނުވާލި ޗިޕުންނެވެ. އެ ލަނޑާއެކު ރޭގެ މެޗު ވެގެން ދިޔައީ ޔުނައިޓަޑްގެ ތާރީހުގައި ފަހަތުން އަރާ އެ ޓީމު ކަމިޔާބު ކުރި 385 ވަނަ މެޗަށެވެ.