ދިވެހި ގައުމިއްޔަތުގެ އެންމެ ވަރުގަދަ ބިންގަލަކީ މާތްވެގެންވާ އިސްލާމްދީނާއި އެ ދީނުގެ އުސޫލުތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެގެ 69 ވަނަ ގައުމީ ދުވަސް ފަހާ ކުރުމުގެ ގޮތުން މިއަދު ހއ. އުތީމުގައި ގައުމާ މުހާބު ކުރައާވާ ދެއްވި ތަގުރީރުގަ އެވެ.

ރައީސް ވިދާޅުވީ ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ބިންގަލަކީ މާތްވެގެންވާ އިސްލާމްދީނުގެ މާތް އުޞޫލުތައް ކަމަށާއި އިސްލާމް ދީނުގެ އީމާންތެރިކަމާއި އިޙްސާންތެރިކަމާއި ކިބުރުވެރިކަމެއް ނެތުމާއި އޯގާތެރިކަމާއި ހަމަހަމަކަމާއި އިންޞާފުވެރިކަމާއި އެކެއް އަނެކަކާ އަޅާލުމުގެ މައްޗަށް ކަމަށެވެ.

"މާތްވެގެންވާ އިސްލާމްދީން، މުޅި އިންސާނިއްޔަތަށް ހިދާޔަތުގެ ނޫރެއްގެ ގޮތުގައި ފާޅުކޮށްދެއްވާފައިވާ އެންމެހާ ރިވެތި ގޮތްތައް. އަޅުގަނޑުމެން ރާއްޖޭގެ ޢަޤީދާއަކީ، އަޅުގަނޑުމެންގެ ދީނޭ، އަޅުގަނޑުމެން މި ދަންނަވާ ވާހަކައަކީ، އެއީ އަޅުގަނޑުމެންގެ މި މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އުޞޫލުތައް. އެއީ އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް ރުކުނަކީ. އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ ރުކުނެއް އެއީ، އަޅުގަނޑުމެންގެ ސަގާފަތާއި، އަޅުގަނޑުމެންގެ އާދަކާދަ. ޒަމާނުއްސުރެ ފެށިގެން އަޅުގަނޑުމެން ކަންކުރަމުން އައިގޮތް" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޤައުމިއްޔަތެއް ބިނާކޮށް، ޤައުމިއްޔަތެއްގެ މަންފާއާއި ފައިދާ، ރައްޔިތުންނަށް ހޯދައިދޭން ޤައުމެއްގެ ގޮތުގައި، ޤދެމިއޮންނަނީ، އެޤައުމަކީ ރައްޔިތުންގެ މެދުގައި، ޚާއްޞަ ކަންތައްތަކެއް އެއްގޮތްވެފައި އޮންނަ ނަމަ ކަމަށެވެ. އުތުރުން ތުރާކުނުން ފެށިގެން އައްޑޫ ގަމު މުއްޔާ ދެމެދުގައި ދިރި އުޅޭ ހުރިހާ ދިވެހިން، ޤައުމެއްގެ ގޮތުގައި ދިރިއުޅެމުން އަންނަތާ 2000 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށެވެ.

"މިއަދާ ހަމައަށްވެސް އެނގިވަޑައިގަންނަވާނެ، ޤައުމިއްޔަތު މާނަކުރުމުގައި، މިދެންނެވި މައިގަނޑު ދެ ރުކުނުގެ ބޭރަށް، އަޅުގަނޑުމެންގެ ފިކުރު މިވަނީ ނުހިންގިފައި. އަޅުގަނޑުމެންނަށް ޤައުމިއްޔަތެއް ބިނާކުރުމުގައި އަދި ޤައުމިއްޔަތެއް ބަޔާންކުރުމުގައި، އިސްލާމްދީނަކީ އަޅުގަނޑުމެންގެ ރާއްޖޭގެ އެންމެ މުހިންމު އެއް އަސާސް. މި ރާއްޖޭގެ ރައްޔިތުން ކުޑަކޮށްވެސް ދޫކޮށްލާން ބޭނުންނުވާނެ އިސްލާމްދީނެއް." ރައީސް ވިދާޅުވި އެވެ. "މި ރާއްޖޭގެ ރައްޔިތުންނެއް ވެސް، ވެރިންނެއް ވެސް ދުވަހަކު ވެސް ނޭދޭނެކަން [އެގޮތެއް] އެއީ އަޅުގަނޑުމެންނަށް އަބަދުވެސް ކަށަވަރުވާ ކަމެއް. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މުޅިން ފުންކޮށް ވިސްނާލައި، ކަށަވަރު ނުކުރެވިމިވާ ކަމަކީ، އަޅުގަނޑުމެން މިބުނާ ބަސްތަކަކީ ކޮބައިތޯ"

ރައީސް ވިދާޅުވީ ދިވެހިންގެ އަސާސާއި އަގީދާއަކީ، އިސްލާމްދީނޭ ބުނާއިރު ދިވެހިންގެ އަގީދާ އަކީ އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކާއި ރީތި ގޮތް ކަމަށެވެ. އަދި ރާއްޖޭގެ ޤައުމިއްޔަތުގެ އެއްބަޔަކީ ޑިމޮކްރަސީ ކަމަށާއި އަނެއް ބަޔަކީ ހަމަހަމަކަމާއި ޢަދުލުވެރި ފަނޑިޔާރުގެއެއް އޮތުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތުމާއި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށްދިނުން ކަމަށެވެ.

"އަދި ހަމަ އެހެންމެ، ރީތި ތަނަވަސް، ތާހިރު ދިރިއުޅުމެއް، އަޅުގަނޑުމެންނަށް އުޅެވޭނެ އިޤްތިޞާދީ ނިޒާމެއް ޙިމާޔަތް ކުރުން. ޙިމާޔަތް އަޅުގަނޑުމެން ކުރާން މިޖެހެނީ، ކިތަންމެ ކިތަންމެ ކަމެއް. އަޅުގަނޑުމެންގެ އިޤްތިޞާދު ޙިމާޔަތް އެބަ ކުރާންޖެހޭ. އަޅުގަނޑުމެންގެ ދީން ޙިމާޔަތް އެބަ ކުރާންޖެހޭ. އަޅުގަނޑުމެންގެ އާދަކާދަތައް ޙިމާޔަތް އެބަ ކުރާންޖެހޭ. މިއިން ކޮންމެ ކަމެއް އަޅުގަނޑުމެން އެބަ ދިރުވައި ބަލަހައްޓާންޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެ އަންނަނީ ބަދަލުވަމުން ކަމަށާއި ރާއްޖެ ދެކެމުން ދަނީ އިއްޔެ ދުށް މާޒީ ނޫން ކަމަށެވެ. އަދި މާދަމާ އެހެން ދުވަހަކަށް އަލިވިލޭއިރަށް ދިވެހިން ފައްކާ ކުރަމުން ދަނީ މުޅިން އެހެން އުޞޫލުތަކަކާ ގޮތްތަކެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ކުރީގެ އެއްވެސް އަސާސީ ގޮތެއް އަޅުގަނޑުމެން ދޫކޮށްލީއަކީއެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީއަށްޓަކައި، އަޅުގަނޑުމެންގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، އަޅުގަނޑުމެން ރާއްޖޭގައި ވެރިކަންކުރާގޮތް ބަދަލުކުރުމަށް، ދިވެހިން އެދި ތިބޭތާ އެތައް އެތައް އަހަރެއްވެއްޖެ. މާތްރަސްކަލާނގެ އިރާދަފުޅާ އެކުގައި، ދިވެހިންނަށް މިއަދު މިވަނީ، މި ނަޞްރު ލިބިފައި. ދިވެހިން ޒަމާނުއްސުރެ ފަށައިގެން ވެރިކަން ކުރަމުން އައިގޮތަށް މިވަނީ ބޮޑެތި ބަދަލުތަކެއް ގެނެވިފައި،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅޭ އިހުތިުފާލުތައް އުތީމުގައި މިއަދު ފެށި އިރު ގައުމީ ދުވަސް ނިސްބަތްވާ ބޮޑުތަކުރުފާނާއިޕޯޗުގިޒު އަޅުވެތިކަމުން ރާއްޖެ ސަލަމާތް ކޮށްދެވި ގޮތުގެ ތާރީހުގެ މައްޗަށް ވެސް ރައީސް ބައްލަވައި ވާހަކަފުޅު ދެއްކެވި އެވެ.