އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވި ބައެއް މީހުންނާ އެކު ސަރުކާރުން "ޑީލް" ހަދަނީ މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނުހައްގު އިތުރު އަނިޔާ ދޭން ކަމަށް އިދިކޮޅުން ބުނެފި އެވެ.

ހިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަދި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާ އެކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އިއުތިރާފު އެއްބަސްވުމެއް ހަދައިފަ އެވެ.

އެއްބަސްވުމުގެ ދަށުން، އަދީބުގެ މައްޗަށް އުފުލި ދައުވާތަކަށް އެއްބަސްވުމުން އޭނާ އަށް އައިސްފައި ވަނީ 20 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ޒިޔަތުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިދޭން ދައުލަތުން ވަނީ އެދިފަ އެވެ.

މިއަދު 14:00ގައި ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ ދެ މައްސަލައެއްގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވާ އިރު، ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އެމްއެމްޕީއާރުސީ ހިންގި ބައެއް ފަރާތްތަކާ އެކު ސަރުކާރުން ޑީލް ހެދީ ރައީސް ޔަމީނަށް އިތުރު ނުހައްގު އަނިޔާ ދޭން ކަމަށެވެ.

"ކޮރަޕްޝަންގައި ބައިވެރިވި މީހުންނާއި ގެއްލުނު ފައިސާ ހޯދާކަށް ނޫޅޭ. މަރްހޫމް އަމީން ދީދީ އާއި މަރްހޫމް ނާސިރަށް ހެދި ގޮތެއް ރައީސް ޔާމީން އަކަށް ނުހެދޭނެ." މެމްބަރު ވިދާޅުވި އެވެ.