06 Dec 2020, 12:18
ލަލީގާގައި ރޭ ކަޑީޒްއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި 2-1 ގެ ނަތީޖާއަކުން ބަލިވެ، ވޭތުވެދިޔަ 30 އަހަރުތެރޭވެސް ނުދާހާ ދަށަށް ބާސާ ގޮށްސި އެވެ.
ރޭގެ ނާކާމިޔާބީއަށް ފަހު ބާސާ ވަނީ ލީގު ތާވަލްގައި 14 ޕޮއިންޓާއެކު ހަތްވަނައަށް ވެއްޓިފައެވެ. ބާސާ މިހާތަނަށް ކުޅުނު ދިހަ ލީގު މެޗުގެ ތެރެއިން އެ ޓީމް ވަނީ ހަތަރު މެޗުން ބަލިވެ، ދެ މެޗުން އެއްވަރުވެފަ އެވެ. މިއީ 1987-88 ވަނަ އަހަރުގެ ސީސަނަށް ފަހު ލީގުގެ ފެށުމުގައި ބާސާ މިހާ ދަށަށް ވެއްޓިފައިވާ ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުގައި ބާސާގެ ޑިފެންސުން ވަނީ ގިނަ މިސްޓޭކްތަކެއް ފެނިފަ އެވެ. އެގޮތުން މެޗުގެ އަށް ވަނަ މިނެޓުގައި ކަޑީޒް ލީޑު ނަގާފައި ވަނީވެސް ބާސާގެ ޑިފެންސަށް ހެދުނު މިސްޓޭކަކުންނެވެ. މެޗުގައި ކަޑީޒްއަށް ލިބުނު ކޯނަރަކުން ނެގި ބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭ ބާސާގެ ޑިފެންޑަރު އޮސްކަރއަށް ބޮލުން އެ ބޯޅަ ފޮނުވާލެވުނީ ގޯލާ ދިމާއަށެވެ. އެ ބޯޅަ ގޯލަށް ވަންނަން ދަނިކޮށް އެތެރެކޮށްލާ ކަޑީޒްއަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމްގެ އަލްވާރޯ ހިމެނޭ އެވެ.
މެޗުގެ ފުރަތަމަ ހާފްގައި ބާސާއިން ވަނީ މެޗު ކޮންޓްރޯލްކޮށް، ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. ނަމަވެސް އޭގެތެރެއިން ގިނަ ޝޮޓުތައް ވަނީ ކަޑީޒްގެ ގޯލަށް އަމާޒުވާގޮތް ނުވެފަ އެވެ. ބާސާއަށް މެޗުގެ ނަތީޖާ އެއްވަރު ކުރެވުނީ ދެވަނަ ހާފް ފެށިގެން މެޗުގެ 57 ވަނަ މިނެޓުގައި ބުސްކެޓްސް ފޮނުވާލި ޝޮޓް ކަޑީޒްގެ ޑިފެންޑަރ އަލްކަލާގެ ފައިގައި ޖެހި ބައިކޮޅަށް ގޯލެއް ވަނުމުންނެވެ.
މެޗުގައި ގިނަ ވަގުތު ބޯޅަ ހިފައްޓައިން ރަނގަޅު ކުޅުމެއް ބާސާ ދެއްކިނަމަވެސް، ކަޑީޒްގެ ޑިފެންސް ލައިނާއި ކީޕަރު ވަނީ ބާސާއަށް ލީޑު ހޯދުމަށް ހުރަސްއަޅާފަ އެވެ. ކަޑީޒްގެ މަސައްކަތުގެ ނަތީޖާއަކަށް ވީ، މެޗުގެ 63 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނެގުމެވެ. ބާސާގެ ކީޕަރު ސްޓީގެން ބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭ ހެދުނު މިސްޓޭކެއްގެ ބޭނުން ހިފާ، އެ ލަނޑު ކަޑީޒްއަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ އަލްވާރޯ ނެގްރެޑޯ އެވެ.
އެ ލަނޑާއެކު 2-1 ގެ ނަތީޖާއަކުން މެޗު ނިމިގެން ދިޔައިރު، މެޗަށް ފަހު ބާސާގެ ކޯޗް ރޮނާލްޑް ކޯއުމަން ބުނީ އެ ބައްޔަކީ ފަހަތަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް ކަމަށާއި، އެކަމާ ވަރަށް ދެރަވާ ކަމަށެވެ. އަދި އެފަދަ ލަނޑުތަކެއް ބާސާގެ ގޯލަށް ވައިންކަމުން ކުޅުންތެރިންގެ ކޮންސަންޓްރޭޝަން ދަށްކަން އަންގުވައިދޭ ކަމަށާއި، އެފަދަ ގޮތަކަށް ލަނޑުތަކެއް ވަދެގެން ދިޔުން އެއީ ވެގެން ވާނެ ކަމެއް ނޫން ކަމަށެވެ.