ޖަކާޓާ (ޑިސެމްބަރު 6): އިންޑޮނޭޝިއާގެ ސަރުކާރުން ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތު އެގައުމުގެ ސޯޝަލް އެފެއާޒް މިނިސްޓަރު ޖުލިއަރީ ބަތުބަރާގެ މައްޗަށް ކޮށްފި އެވެ.

އިންޑޮނޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން އިއްޔެ ބުނި ގޮތުގައި ބަތުބަރާގެ މައްޗަށް ކޮށްފައި ވަނީ އެހީގެ ޕްރޮގްރާމުގައި ބައިވެރިވި ކުންފުނިތަކުން 1.2 މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތެވެ. އެގޮތުން އެހީގެ ގޮތުގައިދޭ ކާނާގެ ކޮންމެ ޕެކޭޖަކަށް ބަތުބަރާއަށް 0.7 ޑޮލަރު ދިނުމަށް އޭނާ އެންގެވި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ބަތުބަރާ އަމިއްލައަށް އެންޓި ކޮރަޕްޝަން ކޮމިޝަނާ ހަވާލުވާން އެ ކޮމިޝަނުގެ ޗެއާމަން ފިރުލީ ބަހުރީ ގޮވާލެއްވި އެވެ. އަދި މިއަދު ބަތުބަރާ ވަނީ އެ ކޮމިޝަނަށް ވަޑައިގަންނަވާފަ އެވެ.

އެ މައްސަލާގައި މިނިސްޓަރުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ސާބިތުވެއްޖެ ނަމަ އޭނާ އުމުރަށް ޖަލަށް ލާން ހުކުމް ކުރެވިދާނެ ކަމަށް ބަހުރީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާ ހިސާބުން ހުއްޓައެއް ނުލާނަން. ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އިޖުތިމާއީ އެހީ ހޯދާ ގޮތާއި ބަހާ ގޮތް އަޅުގަނޑުމެން ވަރަށް ގާތުން ބަލާނަން،" ބަހުރީ ވިދާޅުވި އެވެ.

އެއީ އިންޑޮނޭޝިއާގައި ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ފާއިތުވި ދެ ހަފްތާ ތެރޭ ހައްޔަރު ކުރި ދެވަނަ މިނިސްޓަރެވެ. އެގޮތުން މިދިޔަ މަހުގެ 26ގައި އެގައުމުން ވަނީ މެރިޓައިމް އެފެއާޒް އެންޑް ފިޝެރީސް މިނިސްޓަރު އެދީ ޕްރަބޮވޯ، އެގައުމުން އިހީގެ ލާވާ އެކްސްޕޯޓް ކުރުމުގައި ރިޝްވަތު ނެންގެވުމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. އެ މައްސަލައިގައި އޭނާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

އިންޑޮނޭޝިއާ އަކީ އިރުދެކުނު އޭޝިއާގައި ކޮވިޑް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. އެގޮތުން މިދިޔަ މަހުން ފެށިގެން ކޮންމެ ދުވަހަކު އެގައުމުން ބަލީގެ 4،000 އާއި 6،000 ދެމެދުގެ އަދަދަކަށް ކޭސްތައް ފެންނަމުންދާ އިރު، މިހާތަނަށް ގާތްގަނޑަކަށް 570،000 މީހުންނަށް ވަނީ ބަލިޖެހިފަ އެވެ. އަދި ބަލީގައި 17،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.