ޕެރިސް (ޑިސެމްބަރު 6) : ފަރަންސޭސި ފުލުހުންނަށް ގާނޫނީ ބޮޑެތި ބާރުތަކެއް ދޭގޮތަށް ފާސްކުރަންއުޅޭ އަމަނާބެހޭ ގާނޫނަކީ ފަރަންސޭސި ޖުމްހޫރިއްޔަތު ޚަރާބުކޮށް އަނިޔާވެރިކަން ކުރިޔަށް ނެރުންކަމަށާއި އެފުރުސަތު ސަރުކާރަށް ނުދޭނެކަމަށް އެގާނޫނާ ދެކޮޅަށް މުޒާހަރާކުރާ ފަރަންސޭސި ރައްޔިތުން ބުނެފި އެވެ. މުޒާހަރާވެރިން މިހެން ބުނާއިރު އެގާނޫނާ ދެކޮޅަށް ފަރަންސޭސިވިލާތުގައި އިއްޔެކުރި މުޒާހަރާތަށް ރޫޅާލުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް 64 މީހަކު ހައްޔަރުކޮށްފަ އެވެ.

އަމަނާބެހޭ ގާނޫނާ ދެކޮޅަށް ފަރަންސޭސިވިލާތުގެ އެކި ސަރަހައްދުތަކުގައި ގިނަ މުޒާހަރާތަކެއް ކޮށްފައިވާއިރު މުޒާހަރާކުރި މީހުންގެ ތެރެއިން ބަޔަކުވަނީ ފުލުހުންނާ ދިމާއަށް އޮއްގައު އުކައި، ބެރިކޭޑުތަކަށް އުކާލައި ވެހިކަލްތަކުގައި ރޯކޮށް، ފިހާރަތަކުގެ ބިއްލޫރިތައް ތެޅުންފަދަ ހަރުކަށި އަމަލުތަށް ހިންގާފަ އެވެ.

ފަރަންސޭސި ދާޚިލީ ވަޒީރު ޖެރާލްޑް ޑަރްމަނީން ވިދާޅުވި ގޮތުގައި ބާރުގެ ބޭނުންކޮށްގެން މުޒާހަރާތައް ރޫޅާލަންޖެހުނީ މުޒާހަރާވެރިން ސުލްހަވެރިކަން ދޫކޮށް ތަންތަނަށް ގެއްލުންދިނުމާއި ފުލުހުންނާ ދިމާއަށް އޮއްގައު އުކުންފަދަ ހަރުކަށި އަމަލުތައް ހިންގަންފެށުމުންނެވެ. މުޒާހަރާވެރިންގެ ހަމަލާތަކުގައި ފުލުހުންގެ އަށް މީހަކަށް އަނިޔާތަށް ލިބިފައިވާ ކަމަށާ މުޒާހަރާވެރިންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

މުޒާހަރާވެރިން ބުނާ ގޮތުގައި އަމަނާބެހޭ އައު ގާނޫނުގައި ފުލުހުންނަށް އިތުރު ބާރުތައްދިނުމަކީ ފަރަންސޭސި ގާނޫނު އަސާސީގައި އާއްމު ފަރުދުންނަށް ދިފައިވާ މިނިވަންކަން ވަރަށް ބޮޑަށް ހަނިވެ އަނިޔާވެރިކަން ކުރިޔަށް ނެރުމުގެ ގާނޫނީ ހުއްދަ ފުލުހުންނަށް ލިބޭނެކަމެކެވެ. އެހެކަމުން މިއީ އަނގަބަންދުކޮށްގެން ތިބެވޭނެ ކަމެއްނޫން ކަމަށާ މި ގާނޫނު ފާސްނުކުރާނެކަމުގެ ޔަގީންކަން ލިބެންދެން މުޒާހަރާތައް ކުރިޔަށްގެންދާނެ ކަމުގައެވެ.

މި ގާނޫނަކީ ފަރަންސޭސި ރައްޔިތުންގެ އެތަށް ބައެއްގެ ގުރުބާނީއާއި ލޭއޮހޮރުވުންތަކާ އެކު އެގައުމަށް ގެނަސްފައިވާ ޖުމްހޫރިއްޔަތުގައި ރައްޔިތުންނަށް ދޭ ފަރުދީ ހައްގުތަކާއި މިނިވަންކަން ހަލާކުކޮށް ރަސްކަމުގެ ދުވަސްވަރުގައި އޮތް ޚުދު މުޚުތާރު ހާލަތަށް ފަރަންސޭސި ވިލާތް ގެންދިޔުންކަމަށް މުޒާހަރާވެރިން ސިފަކުރެ އެވެ.

މި ގާނޫނާ ދެކޮޅަށް އެންމެ ފުރަތަމަ މުޒާހަރާތައް ފެށުނީ މިދިޔަ ހަފްތާގަ އެވެ. މުޒާހަރާތައް ފެށުނީ ފުލުހުން ކަޅު ނަސްލުގެ މީހަކު މަސައްކަތްކުރާ ތަނަށްވަދެ އޭނާ ހައްޔަރު ކުރުމުގެ ނަމުގައި އޭނާއަށް ވަރުގަދައަށް އަނިޔާކުރަމުން ގެންދިޔަ މަންޒަރުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ޝާއިޢުކުރުމުންނެވެ. ފަރަންސޭސި ފުލުހުންގެ ޝިކާރައަކަށްވި ކަޅުނަސްލުގެ މީހާއަކީ މިޔުޒިކް ޑައިރެކްޓަރެކެވެ. ފުލުހުން އޭނާއަށް ގަސްދުގައި އަނިޔާކުރީ ނަސްލީ އިމްތިޔާޒުގެ ރޫހެއްގައިކަންވަނީ ހާމަވެފަ އެވެ.

ފަރަންސޭސި ފުލުހުންގެ އަނިޔާވެރިކަން މިހިސާބުގައި ހުރިއިރު ފުލުހުންނަށް ގާނޫނީ ބޮޑެތި ބާރުތަކެއް ދޭގޮތަށް ފާސްކުރަންއުޅޭ އަމަނާބެހޭ ގާނޫނަކީ ފުލުހުންގެ އަނިޔާވެރިކަން ހައްދުފަހަނަޅައި ދާނެކަމެއްކަމަށް ފަރަންސޭސި ރައްޔިތުންގެ ގިނަބަޔަކު ދެކެ އެވެ.

ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯންވެސްވަނީ ފަރަންސޭސި ފުލުހުން ކަޅުނަސްލުގެ މީހާއަށް ކުރިއަނިޔާއާމެދު ހައިރާންވެ ވަޑައިގެން އެކަން ކުށްވެރި ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް ފުލުހުންނަށް ގާނޫނީ ބޮޑެތި ބާރުތަކެއް ދޭގޮތަށް ގާނޫނެއް ފާސްކުރަން ފަރަންސޭސި ޕާލަމެންޓަށް ހުށަހަޅައިގެން އެކަމަށް މަސައްކަތް ކުރަނީ މެކްރޯންގެ ސަރުކާރުންނެވެ. މި ގާނޫނު އަދި ވުޖޫދަށް ނައި ނަމަވެސް އޭގެ 25 ވަނަ މާއްދާގައި ފުލުހުން ހިންގާ އެއްވެސް އަމަލެއް އަދި ހަރަކާތެއް ފޮޓޯނެގުމާއި ވީޑިއޯ ކުރުންވަނީ މަނާކޮށްފަ އެވެ.

މިދިޔަ ހަފްތާގައި މި ގާނޫނާ ދެކޮޅަށްކުރި މުޒާހަރާތަކަށް ފަހު ފަރަންސޭސި ސަރުކާރުންވަނީ އެ ގާނޫނުގެ ބިލަށް ބަދަލުތަށް ގެންނާނެކަމަށް ބުނެ އެބިލް އަނބުރައި ގެނަސްފަ އެވެ. ނަމަވެސް ފަރަންސޭސި ޕާލަމެންޓްގެ ދަށުގެ ކަމަށްވާ "ނެޝަނަލް އެސެމްބްލީ" އިންވަނީ އެބިލް ފާސްކޮށްފަ އެވެ. ގާނޫނަކަށް ވާނީ ފަރަންސޭސި ޕާލަމެންޓްގެ މަތިގެ ކަމަށްވާ ސެނެޓުން ވެސް އެބިލް ފާސްކޮށްގެންނެވެ. ސެނެޓަށް ފޮނުވުމުގެ ކުރިން އެ ބިލްވަނީ އަނބުރައި ގެނަސްފައެވެ. ނަމަވެސް ބަދަލުތަކަށް ފަހު އަލުން ހުށަހަޅާނެކަމަށް ފަރަންސޭސި ދާޚިލީ ވަޒީރު ވަނީ ވިދާޅުވެފަ އެވެ. (ނޫސްއެޖެންސީތައް)