06 Dec 2020, 10:19
މަނާމާ (ޑިސެމްބަރު 6): އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކް ކުންފުނިން އުފެއްދި ކޮވިޑް-19 ވެކްސިން ބޭނުން ކުރަން ބަހުރައިން އިން އެމަޖެންސީ ހުއްދައެއް ދީފި އެވެ.
ބަހުރައިން އަކީ ފައިޒާގެ ވެކްސިން ބޭނުން ކުރަން ހުއްދަ ދިން ދެވަނަ ގައުމެވެ. މީގެ ކުރިން މިދިޔަ ބުދަ ދުވަހު އިނގިރޭސިވިލާތުން ވަނީ އެ ވެކްސިންއަށް ހުއްދަ ދީފަ އެވެ.
ބަހުރައިންގެ ނެޝަނަލް ހެލްތު ރެގިއުލޭޓަރީ އޮތޯރިޓީ (އެންއެޗްއާރުއޭ)އިން ބުނި ގޮތުގައި އެގައުމުން ކޮވިޑް ވެކްސިން ފުރަތަމަ ދޭނީ ބަލި ޖެހުމުގެ ނުރައްކާ ބޮޑު މީހުންނަށެވެ.
"ބަހްރައިން އިން ވަނީ ފައިޒާ/ބަޔޯއެންޓެކް ކޮވިޑް-19 ވެކްސިން ހައި-ރިސްކް ގްރޫޕުތަކަށް ދޭން ހުއްދަ ދީފަ،" އެންއެޗްއާރުއޭއިން ބުންޏެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ލަފާ ދީފައި ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒްތައް ސިއްހީ އަދި އިޖުތިމާއީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ދިނުމަށެވެ.
ފައިޒާ ވެކްސިންގެ ދެ ޑޯޒް ކޮންމެ މީހަކަށް ދޭން ޖެހެ އެވެ. އަދި އެ ވެކްސިންގެ ޑޯޒް ބަހްރައިން އިން ގަންނަ މިންވަރާއި ވެކްސިން ދޭން ފަށާ އިރެއް އެގައުމުން ހާމައެއް ނުކުރެ އެވެ.
އެ ވެކްސިން ރައްކާ ކުރަން ޖެހެނީ މައިނަސް 70 ޑިގްރީ ސެލްސިއަސްގައި ކަމުން އެއީ ބަހުރައިންގެ ވެކްސިން ޕްރޮގްރާމަށް ދިމާވާނެ ގޮން ޖެހުމެއް ކަމަށް އަލްޖަޒީރާއިން ރިޕޯޓް ކުރި އެވެ. އެގައުމުން ވެކްސިން ގެންދަން ބޭނުން ކުރާނީ ދައުލަތުގެ އެއާލައިން ގަލްފް އެޔާ ކަމަށް ބެލެވެ އެވެ.
މީގެ ކުރިން ބަހްރައިންއިން ވަނީ ޗައިނާގެ ސައިނޯފާމްގެ ކޮވިޑް ވެކްސިންއަކަށްވެސް ހުއްދަ ދީފަ އެވެ. އަދި އެ ވެކްސިން މިހާތަނަށް 6،000 މީހުންނަށް ދީފައިވެ އެވެ.
ފައިޒާއިން ވަނީ އަންނަ އަހަރު ވެކްސިންގެ 570 މިލިއަން ޑޯޒް ފޯރުކޮށްދިނުމަށް އެކި ގައުމުތަކާ އެކު އެއްބަސްވުންތައް ހަދާފަ އެވެ. އަދި އެ ކުންފުނިން ރާވާފައި ވަނީ އަންނަ އަހަރު 1.3 ބިލިއަން ޑޯޒް އުފެއްދުމަށެވެ.
ބަހްރައިންގެ އާބާދީ 1.6 މިލިއަނަށް އަރާ އިރު އެގައުމުގައި ކޮވިޑު ޖެހުނު މީހުންގެ އަދަދު ވަނީ 87،000އަށް ވުރެ އިތުރުވެފަ އެވެ. އަދި 85،000 މީހުންގެ ބަލި ރަނގަޅުވެފައިވާ އިރު 341 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.