މިދިޔަ އަހަރު އޮކްޓޯބަރުން ނޮވެމްބަރަށް ބޭއްވި ކެމްބްރިޖް އޯލެވެލް އިމްތިހާނުގެ ނަތީޖާތައް އިއްޔެއިން ފެށިގެން ދޫކުރަން ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރީން ބުނެފި އެވެ.

މިނިސްޓަރުގެ ނައިބް ޑރ. އަބްދުﷲ ނަޒީރު މިއަދު ވިދާޅުވީ މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާތައް ދަރިވަރުންނަށް އިއްޔެއިން ފެށިގެން ދޫކުރަމުން އަންނަ ކަމަށާއި އޯލެވެލްގެ ނަތީޖާއާއި އެކު ދިވެއްސާއި އިސްލާމްގެ ނަތީޖާތައްވެސް ދޫކުރަން ފަށާފައިވާ ކަމަށެވެ.

"ސެންޓަރުތަކުން އޯލެވެލް ހެދި ދަރިވަރުންނަށް އެ ކުއްޖަކު ހެދި ސެންޓަރަކުން ނަތީޖާ [މިހާރު] ލިބޭނެ. އަމިއްލަ ގޮތުން [އިމްތިހާނު] ހެދި ކުދިންނަށް ނަތީޖާ ލިބޭނީ ޕަބްލިކް އެގްޒެމިނޭޝަނުން،" ނައިބް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ފަސް މާއްދާއިން ފާސްވެފައިވާ ކުދިންގެ ނިސްބަތްވަނީ 35 ޕަސެންޓްއަށް އަރާފައެވެ.

ޑރ. ނަޒީރު ވިދާޅުވީ މިދިޔަ އަހަރުގެ އޯލެވެލް ނަތީޖާގެ ފަސް މާއްދާއިން ފާސްވެފައިވާ މިންވަރުގެ ފައިނަލް އެނަލަސިސްއެއް މިހާރު މިނިސްޓަރީން ތައްޔާރުކުރަމުން އަންނަ ކަމަށާއި މާދަމާގެ ވަގުތެއްގައި އެ އެނަލަސިސް އިއުލާންކުރާނެ ކަމަށެވެ.

މިދިޔަ އަހަރު ކެމްބްރިޖް އޯލެވެލް އިމްތިހާނުގައި 180 އަށްވުރެ ގިނަ ސެންޓަރުން 6000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެ އިމްތިހާނު ހެދި އެވެ.