06 Dec 2020, 08:59
ސްޕެނިޝް ލަލީގާގައި ރޭ ސެވިއްޔާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުގައި، ސެވިއްޔާ ބައި ކޮޅަށް ވަތް ލަނޑުން ރެއާލް އަށް ލިބުނު 1-0 ގެ ކާމިޔާބީ އާއެކު އެ ޓީމްގެ ކޯޗް ޒައިނުއްދީން ޒިދާންއަށް އޮތް ޕްރެޝަރު ލުއި ވެއްޖެ އެވެ.
ލަލީގާ އާއި ޗެންޕިއަންސް ލީގުގައި މިހާތަނަށް ރެއާލް ކުޅުނު މެޗުތަކުން އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވުމުން، ޒިދާންއަށް ވަނީ އެތައް ފާޑުކިޔުމެއް އަމާޒުވެފަ އެވެ. އެގޮތުން ޗެންޕިއަންސް ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ ރެއާލްއަށް ވަނީ އެ މުބާރާތުގައި އިތުރަށް ކުރިއަށް ދިޔުމުގެ ބާރު ގެއްލިފަ އެވެ.
އޭގެ އިތުރުން ލަލީގާގައި ކުޅުނު އެގާރަ މެޗުގެ ތެރެއިން ތިން މެޗުން ބަލިވެ ދެ މެޗުން އެއްވަރުވެފައިވާ ރެއާލް ރޭގެ ކާމިޔާބީއާއެކު ވަނީ މުޅިއަކު 20 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ޖެހިލާފަ އެވެ. އެ މުބާރާތުގެ ތާވަލްގެ އެއްވަނައިގައި 26 ޕޮއިންޓާއެކު އެތްލެޓިކޯ މެޑްރިޑް އޮތްއިރު، 24 ޕޮއިންޓާއެކު ތާވަލްގެ ދެވަނަ މަގާމް ހޯދާފައި ވަނީ ރެއާލް ސޮސައިޑާޑް އެވެ.
ރޭގެ މެޗުގެ މެޗުގެ ފުރަތަމަ ވަގުތުކޮޅު ތެރޭވެސް ރެއާލްއަށް ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން މެޗުގެ ފުރަތަމަ މިނެޓިގައި ރޮޑްރީގޯ ދިން ޕާސް ވިނިސިއުސް ހަނި އެންގަލްއަކުން ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ދިޔައީ ގޯލް ހުރަސްކޮށް ދަނޑިކައިރިން ބޭރަށެވެ. އަދި މެޗުގެ ހަތަރުވަނަ މިނެޓުގައި ސެވިއްޔާގެ ކީޕަރު ބައުނޫ ސާފުކޮށްލަން އުޅުނު ބޯޅަ ވިނިސިއުސް ގައިގައި ޖެހި ރީބައުންޑް ވެގެން ލިބުނު ފުރުސަތުގައިވެސް ރެއާލްއަށް ވަނީ ނަތީޖާ ބަދަލުކޮށްލެވޭ ގޮތް ނުވެފަ އެވެ.
މެޗުގެ ފުރަތަމަ ހާފް ކޮންޓްރޯލް ކުރަމުން ދިޔަ ރެއާލްއަށް އޭގެ އިތުރުންވެސް ވަނީ ލަނޑު ޖަހަން އެތައް ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް ރެއާލްގެ މަސައްކަތަށް ކިރިޔާވެސް ލުޔެއް ލިބޭވަރުވީ ދެވަނަ ހާފްގައި ސެވިއްޔާގެ ކީޕަރު ބައުނޫގެ ގައިގައި ޖެހިފައި ބައިކޮޅަށް ވައިން ލަނޑުން ރެއާލްއަށް މެޗުގެ ލީޑު ލިބުމުންނެވެ.
އެ ލަނޑު ބައިކޮޅަށް ވަނީ މެންޑީ އަރިމަތިން ފޮނުވާލި ރީތި ޕާސް ވިނިސިއޫސްގެ ބޫޓުކޮޅުން ލައްވާލުމުން ކީޕަރ ބައުނޫއަށް އޮޅި، އޭނާގެ ގައިގައި ޖެހި ގޯލްގެ ތެރެއަށް ބޯޅަ ޑިފްލްލެކްޓް ވެގެން ދިޔުމުންނެވެ. އެ ލަނޑާއެކު ބައުނޫ ވެގެން ދިޔައީ މުޅި 21 ވަނަ ގަރުނުގައިވެސް ލަލީގާގައި ފުރަތަމަ ފަހަރަށް ބައިކޮޅަށް ލަނޑެއް ވައިން ކުޅުންތެރިޔާއަށެވެ.