06 Dec 2020, 08:46
ހިޔާ މަޝްރޫއުގެ އެޗް-7 ކެޓަގަރީ ނުވަތަ 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީއަކީ އެންމެ ގިނައަދަދެއްގެ މީހުން ފޯމު ހުށަހެޅި ކެޓަގަރީ އެވެ. ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން ކުރަން ފެށި މަސައްކަތަށް ފަހު އެ ކެޓަގަރީގެ ވަގުތީ ލިސްޓު އާންމުކުރީ މި މަހުގެ ފުރަތަމަ ދުވަހު އެވެ.
ނަމަވެސް އެތައް ހާސް ބަޔަކު ކުރި ދިގު އިންތިޒާރުގެ ނަތީޖާ ނުކުތީ އުންމީދު ކުރި ގޮތަކަށް ނޫނެވެ. ވަގުތީ ލިސްޓު އާންމުކުރި އިރު 1248 މީހުން ލިސްޓުން ބޭރު ކުރި އެވެ. އޭގެ ތެރޭގައި ކުރީ ސަރުކާރުން ފްލެޓު ލިބުނު ކަމުގެ ލިޔުން ދީފައި ތިބި 655 މީހުން ވެސް ހިމެނެ އެވެ. ދެހާސް އަށާރަ ވަނަ އަހަރު ހައުސިން މިނިސްޓްރީން 80 އަށް ވުރެ މަތިން ޕޮއިންޓް ދީފައި ތިބި އެތައް ބަޔަކަށް ފްލެޓް ކޮމިޓީން ދިނީ ސުމެކެވެ. ސަބަބަކަށް ބުނީ ޕޮއިންޓް ދޭ އުސޫލުން އެ މީހުން ޝަރުތު ހަމަނުވާ ކަމަށެވެ.
ފްލެޓް ކޮމިޓީން ބެލި ޝަރުތުތައް:
- ދިވެއްސަކަށްވުން
- ފޯމު ހުށަހަޅާ ތާރީހާ ހަމައަށް މީލާދީގޮތުން 18 އަހަރު ފުރި، 30 އެޕްރީލް 2018 އަށް މީލާދީގޮތުން 41 އަހަރު ފުރިފައިނުވުން
- ފޯމު ހުށަހަޅާ ތާރީހުގައި ކައިވެންޏެއްކޮށްގެން އުޅޭ ފަރާތަކަށްވުން
- ފޯމުގައި ހިމެނޭ ޖުމްލަ އާމްދަނީއަށް މަހަކު 7000 ރުފިޔާ ލިބުން
- މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅޭ އަދި މާލެ ހުޅުމާލެ ނުވަތަ ވިލިމާލޭގައި ފްލެޓަށް އެދޭމީހާ ނުވަތަ ފްލެޓަށް އެދޭ މީހާގެ އަނބި/ފިރިމީހާ ވަޒީފާ އަދާކުރުން ނުވަތަ، ފްލެޓަށް އެދޭ މީހާގެ އަނބި/ފިރިމީހާ ނުވަތަ/އަދި ދަރިން މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅޭ އަދި ފްލެޓަށް އެދޭ މީހާ ކ. އަތޮޅު އެއްވެސް ރަށެއް/ރިސޯޓެއްގައި ވަޒީފާ އަދާކުރުން
- މާލެއިން 600 އަކަފޫޓު ނުވަތަ 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް/ފްލެޓެއް/ރޯހައުސެއް ލިބިފައިވާ ފަރާތެއްކަމުގައި ނުވުން
އެތައް ސަތޭކަ މީހުންނަކީ އެ ކެޓަގަރީއަށް ޝަރުތު ހަމަނުވާ މީހުން ކަމަށް ފްލެޓް ކޮމިޓީން ކަނޑައެޅީ މި ހަ ޝަރުތަށް ބެލުމަށްފަހު އެވެ. އެންމެ ގިނަ މީހުން ޑިސްކޮލިފައި ކޮށްފައި ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ފަރާތަކަށް ނުވާތީ ކަމަށް ބުނެ އެވެ. މީގެ އިތުރުން ފޯމު ހުށަހެޅި ގިނަ އަދަދެއްގެ އަންހެނުންގެ ފިރިން މާލެ ސަރަހައްދުގައި ވަޒީފާ އަދާނުކުރާތީ ވެސް ވަނީ އެ ކެޓަގަރީއަށް ޝަރުތު ހަމަނުވާކަމަށް ކަނޑައަޅައިފަ އެވެ.
ފްލެޓު ކޮމިޓީން ބެލުމަށްފަހު ތަރުތީބު ކޮށްލި ލިސްޓާއެކު، އާންމުންގެ ޝަކުވާގެ ދިގު ލިސްޓެއް ވެސް ވަނީ ފެންމަތިވެފަ އެވެ. ގިނަ ބަޔަކު ބުނަނީ އެމީހުންގެ ނަން ލިސްޓުން އުނިކުރި ސަބަބު ސާފުނުވާ ކަމަށެވެ. އަދި ދިރިއުޅުމުގެ ހާލަތު ބެލުމަށްފަހު އެމީހުންނަށް ލިބުނު ޕޮއިންޓް މަދުވެ، ލިސްޓުގެ ފަހަތަށް ސޮއްސާލައިގެން ދިޔަ ސަބަބު ނޭނގޭ ކަމަށެވެ.
"އަޅުގަނޑަކީ ކުރިން 75 ލިބިގެން ފްލެޓް ކަށަވަރުވި ފަރާތެއް. މިފަހަރު ދިރިއުޅުމުގެ ހާލަތަށް ދަށްކޮށްފަ ފްލެޓް ފޭރިގެންފި. އަޅުގަނޑުގެ ހަމަ އެކަނި ކުށަކީ ފްލެޓަށް ފޯމުލުން ބާ؟ ތިން ކުދިންނާ އެކީ އެއް ކޮޓަރީގަ މި އުޅެނީ. ދިރިއުޅުމުގެ ހާލަތު އިތުރަށް ވަކި ރަނގަޅެއް ނުވޭ،" ފްލެޓް ގެއްލުނު ފަރާތަކުން ބުނެފައިވެ އެވެ.
"ކުރިން 87 ޕޮއިންޓް ލިބިފައިވާއިރު، ހާލަތު ބަލާފައި ވަނީ ޕޮއިންޓް މަދުކޮށްފައި 60.16 އަށް. އަޅުގަނޑަކީ ހާއްސަ އެހީއަށް ބޭނުންވާ ދެކުދިންގެ މަންމައެއް. ދިރިއުޅެނީ ކުއްޔަށް. އެހެންވެ ކުދިންނަށް ތެރަޕީވެސް ނުދެވޭ،" އިތުރު މީހަކު ބުންޏެވެ.
މިފަދަ އެތައް އެތައް ޝަކުވާއަކުން ސޯޝަލް މީޑިއާ ވަނީ ފުރިފަ އެވެ. ހާލަތު ބެލުމަށްފަހު، ހާއްސަ އެހީއަށް ބޭނުންވާ ބައެއް މީހުންނަށް ޕޮއިންޓް ގެއްލުނު އިރު، ސީލިންގުން ފެން ފައިބާ ކޮޓަރީގައި ތިން ދަރިންނާއެކު އުޅޭ ދެމަފިރިންގެ ހާލަތު "ރަނގަޅު" ކަމަށް ކޮމިޓީއަށް ފެނި ހާލަތަށް ޕޮއިންޓް ލިބޭ ގޮތެއް ނުވި އެވެ.
"އަޅުގަނޑުމެން އުޅެނީ ދެ ކޮޓަރި އެޕާޓުމަންޓެއްގަ. ސިޓިން ރޫމެއް ނުހުރޭ. ކުޑަކުޑަ އެކަކަށް ހުރެވޭ ވަރުގެ ކައްކާ ތަންކޮޅެއް ހުރޭ. ކަނީ ކޮޓަރީ އެނދުމަތީގަ. ވައި ދައުރުވާނެ ގޮތެއް ނުހުރޭ. ހުރިހާ ކޮޅަކުން ބެދިފަ. ވާރޭވެހޭނަމަ މުޅި ތަން ފެންބޮޑުވޭ. އެހެނަސް މަހަކަށް 15،000 ރުފިޔާ ދީގެން މިއުޅެނީ. މިހާލަތުގައި އުޅޭއިރުވެސް ހާލު ބަލަން އައިސް މިފަހަރު ޕޮއިންޓު ދިނީ ކުރިއަށް ވުރެ އަދި މަދުން. ފްލެޓު ހައްގުވާ މީހަކަށް ނުވި،" ދިރިއުޅޭ ތަނުގެ ހާލަތު ފެންނަ ވީޑިއޯއަކާ އެކު މީހަކު ބުނެފައިވެ އެވެ.
ހިޔާ މަޝްރޫއަށް ކުރިމަތިލީ މީހުންގެ ހައްގުގައި މަސައްކަތްކުރަން އުފެއްދި ޖަމިއްޔާ، "އާންމުންގެ އެކުވެރި ގުޅުމުން" ބުނީ ކުރީ ސަރުކާރުން ފްލެޓް ލިބުނު ކަމުގެ ލިޔުން ހަވާލުކުރި ފަރާތްތައް ލިސްޓުން އުނިކުރި ސަބަބު އެ ފަރާތްތަކަށް އެނގެންޖެހޭ ކަމަށާއި، އޭގެ ބަދަލުގައި މި ސަރުކާރުން ފްލެޓުދިން 655 ފަރާތަށް ފްލެޓު ދޭން ޖެހުނު ސަބަބުވެސް ސާފުވާންް ޖެހޭ ކަމަށެވެ.
"ލިސްޓުން އުނިކުރެވުނު 655 އަދި ލިސްޓަށް އިތުރުކުރި 655 މިދެކަން ކުރެވިފައިވަނީ އިންސާފުވެރިކޮށްތޯ ޔަގީންވާންޖެހޭ. އެކަން ނުކޮށް ލިސްޓު ފައިނަލް ކުރުން އެއީ އެންމެ އިންސާފުވެރި ގޮތް ކަމަށް ނުވާނެ،" އެ ޖަމިއްޔާއިން ބުންޏެވެ.
ފްލެޓް ކޮމިޓީން މީހުން ޑިސްކޮލިފައި ކުރި ސަބަބުތަކުގެ ތެރޭގައި، މާލެ އަތޮޅުގެ ރިސޯޓުތަކުގައި ވަޒީފާ އަދާނުކުރުން ހިމެނެ އެވެ. ނަމަވެސް ކޮމިޓީން އެގޮތަށް ނިންމީ ކިހިނެތް ބަލާފައިތޯ އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ދެހާސް އަށާރަ ވަނަ އަހަރު ފްލެޓް ލިބުނު އިރު އަދާކުރަމުން ދިޔަ ވަޒީފާ ބަދަލުވެފައި ތިބި އެތައް ބަޔަކު ތިބި އިރު، ކޮވިޑް19 އާ ގުޅިގެން ރަށަށް ދިރިއުޅުން ބަދަލުކުރަން މަޖުބޫރުވި މީހުންނާއި، ވަޒީފާއަށް ބަދަލު އައި މީހުން ވެސް ހިމެނެ އެވެ. އެމީހުންގެ ޝަކުވާއަކީ ހާލަތު ބެލުމަށްފަހު، އެކަންކަމަށް ރިއާޔަތްނުކޮށް ޑިސްކޮލިފައިކޮށްލުމެވެ.
"ކޮވިޑުގެ މިހާލުގައި ވަރަށް ގިނަ މީހުންވަނީ މާލޭގައި އުޅޭ ތަނުގެ ރެންޓު ނުދެއްކިގެން ރަށަށް ބަދަލުވެފަ. ފްލެޓު ކޮމިޓީގެ އުސޫލަކީ ބަލަން ދާން ގުޅާ ވަގުތުގައި މާލެ ދޫކޮށް ރަށަށް ބަދަލުވެފައިވާ ފަރާތެއްނަމަ މާލޭގައި ނޫޅޭ މީހަކަށް ހަދައި ކަޓުވާލުން. ކުރީގެ ލިސްޓުންވެސް މިފަދަ ކަންކަން ކޮށްފައިވޭ. ކޮވިޑާއި ހެދި ގެ ކަރަންޓީން ކޮށްފައި ހުރެ ހާލު ބަލަން ގެއަށް ނުވަދެވުނީމައި ދިރިއުޅުމުގެ ހާލަތަށް ސުމެއް ދީ ކަޓުވާލީ. ގެ ކަރަންޓީންކުރުމުން ހާލަތު ބަލަން ގެއަށް ނުވަދެވުމަކީ އެމީހާގެ ކުށެއް ނޫން. އެހެނަސް ފްލެޓު ކޮމިޓީއިން ނިންމީ މިހެން. ހަމަ އެގޮތަށް މިފަހަރު ގުޅި ވަގުތު މާލޭގައި ނެތް މީހުން އެއީ މާލޭގައި ނޫޅޭ ބަޔަކަށް ހެދީ،" ޖަމިއްޔާއިން ބުންޏެވެ.
ދެން އޮތީ ފިރިން މާލެ އަތޮޅު ނޫން އެހެން އަތޮޅުތަކުގެ ރިސޯޓުތަކުގައި ވަޒީފާ އަދާކުރާތީ، ލިސްޓަށް ޝަރުތު ހަމަނުވި އަންހެނުންގެ ވާހަކަ އެވެ. ނަމަވެސް މިއީ ހަމަޖެހޭ އުސޫލެއްތޯ އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ފިރިމީހާ މާލެ އަތޮޅު ނޫން ރިސޯޓެއްގައި ވަޒީފާ އަދާކުރި ނަމަވެސް، ފްލެޓަށް އެދުނު އަންހެން މީހާ ދަރިން ގޮވައިގެން މާލޭގައި ކުއްޔަށް ދިރިއުޅޭނަމަ، އަންހެން މީހާ ފްލެޓަށް ޝަރުތު ހަމަނުވާންވީ ކީއްވެކަން ސާފެއް ނުވެ އެވެ.
"ދަރިން ގޮވައިގެން މާލޭގައި އުޅޭ އަނބިމީހާ ފްލެޓަށް ލާއިރު އޭނަގެ ފިރިމީހާ އަކީ މާލެ / ހުޅުމާލެ/ ވިލިގިލީގައި ވަޒީފާގައި އުޅޭ މީހަކަށް ވާންޖެހޭ ކަމަށް ލާޒިމް ކުރުމަކީ ހަމަނުޖެހޭ ކަމެއް. ދިވެހި އެތައް އާއިލާއެއްގެ ފިރިން ވަޒީފާ އަދާކުރަނީ ރިސޯޓުގަ،" އާންމުންގެ އެކުވެރި ގުޅުމުގެ ވަގުތީ ރައީސް މިދުއަމް ސައުދު ބުންޏެވެ.
މިއީ 2018 ވަނަ އަހަރު ވެސް ފުރަތަމަ ބެލި އުސޫލެކެވެ. ނަމަވެސް ފަހުން ފިރިމީހާ ވަޒީފާއަދާކުރާ ތަނަށް ނުބަލައި، މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ވަނީ ޕޮއިންޓް ދީފަ އެވެ.
ރާއްޖޭގެ 40،000 އެތައް ބަޔަކު ރިސޯޓުތަކުގައި ވަޒީފާއަދާކުރާ އިރު، އެމީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންގެ އާއިލާތައް ކުލި ދައްކައިގެން މާލޭގައި ދިރިއުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އުމުރު ދުވަހު މާލޭގައި އުޅުނު އާއިލާއަށް ވެސް މިއަދު ފްލެޓް ހައްގު ނުވީ މާލޭގައި ދިރިއުޅެވޭނެ ވަރުގެ އާމްދަނީއެއް ހޯދަން ފިރިމީހާ މާލެ ސަރަހައްދުގައި ވަޒީފާ އަދާނުކުރާތީ އެވެ.
ފްލެޓް ކޮމިޓީގެ ލިސްޓާއެކު ކުރިން ފްލެޓް ލިބުނު ކަމުގެ ލިޔުމާއެކު އުންމީދުގައި ތިބި އެތައް ބަޔަކު މިވަނީ މާޔޫސްވެފަ އެވެ. ކުރީ ސަރުކާރުން ވެސް ނުހައްގުން ފްލެޓު ދީފައި ތިބި ބަޔަކު ތިބުމަކީ ނުވުމަށް ވުރެ ވުން އެކަށީގެންވާ ކަމެކެވެ. ނަމަވެސް ފްލެޓް ހައްގުވާ އެތައް ބަޔަކަށް ވެސް ކުރީ ސަރުކާރުން ވަނީ ލިޔުން ދޫކޮށްފަ އެވެ. އެވެސް ހަގީގަތެކެވެ.
ނަމަވެސް ހާލަތު ވަޒަންކޮށް، އިންސާފުން ފްލެޓް ދިނުމަށް މަސައްކަތް ފެށި ކޮމިޓީއަކުން އެފަދަ ނިކަމެތިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ، ޕޮއިންޓް ނުދިނުމަކީ އެއްވެސް ބަޔަކަށް ގަބޫލުކުރަން ފަސޭހަވާނެ ކަމެއް ނޫނެވެ. އެމީހުން އެތިބީ މިހާރު ދިރިއުޅެމުން އަންނަ "މީދާ ކޮށި"ތައް އެންމެންނަށް ދައްކާ، އެމީހުންގެ ދިރިއުޅުމުގެ ހާލަތު ކިޔައިދޭށެވެ.
ދެން އޮތީ އެމީހުންގެ ޝަކުވާފުނިތައް ހިފައިގެން ހިނގުމެވެ. ސިޓީ ލުމެވެ. ދިރިއުޅޭ ހާލަތު އަންގައިދޭ ފޮޓޯ އާއި ވީޑިއޯ ހެކި ހުށަހަޅައިގެން ވެސް ދާއިމީ ލިސްޓަށް އަރާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.