05 Dec 2020, 22:18
ކޮވިޑާ ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެއް މަސް ދުވަހަށް އިިތުރުކޮށްފި އެވެ.
މިހާރު އިއުލާނުކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކާ ހަމަވަނީ މިރެއަށެވެ.
އެޗްޕީއޭ އިން މިއަދު ބުނީ މާޗު މަހުގެ 12 ވަނަ ދުވަހުން ފެށިގެން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ މަހު ހަތަރަކަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވާ އެ މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި 12 މާޗު 2020 އިން ފެށިގެން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހު ފަހެއްގެ ނިޔަލަށް ދަމަހައްޓަން ނިންމާފައިވާކަމަށެވެ.
އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެވޭ ކަމަށް މިނިސްޓަރަށް ލަފާދެއްވާފައިވާ ކަމަށް ގަރާރުގައި ވިދާޅުވެފައި ވެއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ ހާލަތު އިއުލާންކޮށްފައިވާ މުއްދަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޑިރެކްޓާ ޖެނެރްއަލް އޮފް ޕަބްލިކް ހެލްތަށް ބޮޑެތި ބާރުތަކެއް ލިބިގެންވެއެވެ. އެ ބާރުގެ ދަށުން ބޮޑެތި ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.
ރާއްޖޭގައި މިހާތަނަށް 13،100 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 12،199 މީހުން ވަނީ ބަލިން ރަނގަލުވެފައެވެެ. ބަލީގައި 47 މީހަކު ރާއްޖެއިން ވަނީ މަރުވެފައެވެ.