05 Dec 2020, 20:16
ބަދުއަހުލާގީ އަމަލުތަކާ ގުޅުންހުރި މައްސަލައަކާ ގުޅިގެން މާލޭގެ ސެލޫން އަކުން ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ބިއުޓީ ހިދުމަތް ދޭ ތަނެއްގެ ގޮތުގައި މާލޭގައި ހިންގަމުންދިޔަ ތަނަކުން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބިދޭސީ ދެ އަންހެނުންނާއި ދިވެހި ފިރިހެެނެކެވެ. އެގޮތުން ހައްޔަރުކޮށްފައިވާ ދިވެހި މީހަކީ 28 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.