އިދިކޮޅު ފަރާތަކުން ސަރުކާރާ ދެކޮޅަށް ރޭ މާލޭގައި ކުރި މުޒާހަރާގެ ބައިވެރިންނާއި އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ދެމެދު ރޭ ކުރިމަތިލުންތައް ހިނގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާއިރު ރޭގެ ހަމަ ނުޖެހުމުގެ ތެރޭގައި މާލޭގެ ބައެއް ތަންތަނަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތައް ދީފި އެވެ.

ގެއްލުން ދީފައިވާ ތަންތަނުގެ ތެރޭގައި ދިޓީވީ އާއި ޕީޓްރަލް ހޮޓަލާއި އަދި ފުލުހުންގެ ބައެއް ވެހިކަލްތައް ހިމެނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޭގެ ހަމަނުޖެހުންތަކާއި ގުޅިގެން މާލޭގެ ގިނަ ތަންތަނަށް ގެއްލުންދީފައިވާތީ އެ މައްސަލަތައް ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ދިޓީވީގެ ސީއީއޯ ޔޫސުފް ނަވާލް މިއަދު ވިދާޅުވީ ރޭގެ ހަމަނުޖެހުން ތަކުގައި ބަޔަކު އެ ސްޓޭޝަނުގެ ތިން ބިއްލޫރި ގަނޑެއް ތަޅާލާފައިވާ ކަމަށެވެ. އަދި އެ ސްޓޭޝަންގެ ތެރެއަށް ގެއްލުން ދިނުމަށް އޮފީސް ތެރެއަށް ބޮޑެތި ގާބުރި އުކާފައި ހުރި ކަމަށް ވެސް ވިދާޅުވި އެވެ.

ދިޓީވީއަށް ގެއްލުންތައް ދިންއިރު މައްޗަންގޯޅި ސަހަރާ ކަންމަތީގައި ހުންނަ ޕީޓްރަލް ހޮޓަލަށް ވެސް ބަޔަކު ވަނީ ބޮޑެތި ގެއްލުންތައް ދީފަ އެވެ. ޕީޓްރަލް ހޮޓަލުގެ ވަށައިގެން ޖަހާފައި ހުރި ހުރިހާ ބިއްލޫރިތަކެއް ވަނީ އެއްކޮށް ތަޅާލައިފަ އެވެ.

މަންޒަރުދުށް މީހަކު ބުނި ގޮތުގައި ރޭ ބޮޑު ގްރޫޕެއް ގޮސް އެ ހޮޓަލުގެ ބިއްލޫރިތައް ތަޅާލާފައި ވަނީ ލަޓިބުރިތަކެއް ބޭނުންކޮށްގެން ކަމަށެވެ.

"ހީވާގޮތުގައި އެ މީހުންނަކީ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްފައި ތިބި މީހުން. ބައެއް މީހުން ތިބީ ހަމަޔަކު ވެސް ނޫން،" ޕީޓްރަލް ހޮޓާ ސަރަހައްދުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ އެމްއެމްއޭ ސަރަހައްދުން މާލެ ތެރެއަށް ފެތުރުމާއެކު ސަރުކާރު ނިސްބަތްވާ އެމްޑީޕީގެ ބައެއް މީހުންނާ ދެމެދު ހިނގި ތަޅާފޮޅުންތަކުގެ ތެރޭގަ އާއި މުޒާހަރާގެ ތެރޭގައި ފުލުހުންގެ ދެ ވެހިކަލަކަށް ވެސް ވަނީ އެކިވަރުގެ ގެއްލުން ދީފަ އެވެ.

ރޭގެ މުޒާހަރާ އާއި ހަމަނުޖެހުންތަކުގައި ފުލުހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވިޔަސް ވަރަށް ގިނަ ފުލުހުންނަށް ވެސް ރޭ އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

ފުލުހުން ބުނީ ރޭގެ މުޒާހަރާ އާ ގުޅިގެން ނުވަ މީހަކު ހައްޔަރު ކުރި ކަމަށާއި އޭގެ ތެރޭ 17 އަހަރުގެ ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ އަދި ބުނީ ހައްޔަރު ކުރި އެންމެން ރޭ ފަތިހު ވަނީ ދޫކޮށްލާފައިވާ ކަމަށެވެ.

އިދިކޮޅު ފަރާތަކުން ސިލްސިލާކޮށް މާލޭގައި މިހާރު ބާއްވަމުން ގެންދާ މުޒާހަރާތަކާ ގުޅިގެން އާންމުންގެ މުދަލާއި ފުލުހުންގެ ވެހިކަލްތަކަށް ދަނީ އެކިވަރުގެ ގެއްލުން ވަމުން ނެވެ. އަދި ބައެއް މުޒާހަރާތަކުގައި ފުލުހުންނަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާ ހޯދާފައިވެ އެވެ.