ރާއްޖެގައި ދަރުމަވެރިކަމުގެ ރޫހު ނުވަތަ ވޮލަންޓަރިޒަމް އާލާ ކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފި އެވެ.

މިއަދު ފާހަގަކުރާ ދަރުމަވެރިންގެ ދުވަހާ ގުޅިގެން ދެއްވި ހިތޯބުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ދަރުމަވެރިއެއްގެ ގޮތުގައި ކޮންމެ ދުވަހަކުވެސް އަމިއްލަ އެދުމުން އެއްކިބާވެ މުޖުތަމައުގެ އުފަލަށް އެހީތެރިވުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"އަމިއްލަ އެދމުން އެއްކިބާވެ، އެހީތެރިކަމަށް ބޭނުންވެފައިވާ ކޮންމެވެސް މީހަކަށް ކޮންމެ ދުވަހަކު ކަމެއް ކޮށްދިނުމަކީ އަމިއްލަ އުފަލެއް ކަމަށް ހަދަމާތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދަރުމަވެރިކަމަކީ މުޖުތަމައުގެ ގުޅުން ބަދަހިކޮށްދޭ ސިފައެއް ކަމަށާއި ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އަމިއްލަ ނަފުސަށްވެސް ލިބޭ އުފަލެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެހީތެރިކަން ފޯރުކޮށްދެވޭ މީހާގެ ކިބައިން އެއްވެސް ފައިދާއަކަށް އުއްމީދު ކުރުމަކާ ނުލާ އެހީތެރިވެ ދިނުމަކީ، އަމިއްލަ ނަފްސަށް ލިބޭނެ އުފަލެއް ކަމަށާއި އެއީ މުޖުތަމައުގެ ބަދަހިކަން އިތުރުވާނެ ކަމެއް ކަމަށެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގުވާމީ ދަރުމަވެރިންގެ ދުވަހުގެ ގޮތުގަ އެވެ.