05 Dec 2020, 14:17
މިދިޔަ ނޮވެންބަރު މަހު ނިޔާވި އާޖެންޓީނާގެ މައްޝޫރު ފުޓްބޯޅަ ކުޅުންތެރިޔާގެ ހަނދާނުގައި އިޓަލީގެ ކްލަބް ނަޕޯލީ އެ ކްލަބުގެ ސްޓޭޑިއަމްގެ ނަން ބަދަލުކޮށްފި އެވެ.
ނެޕޯލީ ވަނީ މެރެޑޯނާގެ ހަނދާނުގައި އެ ކްލަބުގެ ސްޓޭޑިއޯ ސަން ޕޯލޯ ނަމަކަށް ކިޔާ ސްޓޭޑިއަމްގެ ނަން ސްޓޭޑިއޯ ޑިއޭގޯ އަރމަންޑޯ މެރެޑޯނާއަށް ބަދަލުކޮށްފަ އެވެ. އެ ސްޓޭޑިއަމްގެ ނަން ބަދަލުކުރަން ހުށައަޅާފައި ވަނީ ކްލަބް ނަޕޯލީގެ ވެރިޔާ އޯރޭލިއޯ ޑެ ލޯރެންޓިސް އެވެ.
ނަޕޯލީގެ ސިޓީ ކައުންސިލްގެ އިތުރުން، ނަޕޯލީގެ މޭޔަރު ލުއީޖީ ޑި މެޖިސްޓްރިސްވެސް ވަނީ ނަޕޯލީގެ ސްޓޭޑިއަމްގެ ނަން ބަދަލުކުރުމަށް ތާއީދު ކޮށްފަ އެވެ. އެކަމާ ގުޅޭގޮތުން އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނަން ބަދަލުކުރަން ހުށައެޅި ހުށައެޅުމުގައި ސިޓީ ކައުންސިލް އެއްކޮށް ސޮއެކޮށްފައި ވާކަމަށާއި، މެރެޑޯނާއަކީ މުޅި ދުނިޔޭގެވެސް އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށެވެ.
މެރެޑޯނާގެ މަރަށް ފަހު އޭނާގެ ހަނދާނެއްގެ ގޮތުން ނަޕޯލީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެ ސްޓޭޑިއަމްއަށް އެއްވެފަ އެވެ. އޭގެ އިތުރުން ނަޕޯލީ ކުޅުނު ޔޫރަޕާ ލީގު މެޗުގައި ކުޅުންތެރިން ވަނީ އޭނާގެ ހަނދާނުގައި "މެރެޑޯނާ 10" ޖާޒީގެ ފަހަތުގައި ޖަހާފަ އެވެ.
މެރެޑޯނާ ވަނީ 1984 ވަނަ އަހަރު ނަޕޯލީއަށް ސޮއެ ކުރުމަށްފަހު އެ ޓީމުގައި ހަތް އަހަރު ހޭދަކޮށްފަ އެވެ. އެ ޓީމަށް އޭނާ 188 މެޗު ކުޅެދީފައި ވާއިރު، މިއީ އޭނާ އެއް ކްލަބަކަށް ކުޅެދިން އެންމެ ދިގު މުއްދަތެވެ. އެ ކަލްބަށް އޭނާ 81 ގޯލް ޖަހައިދީފައި ވާއިރު، އޭނާ ވަނީ 1987ގެ ކޮޕަ އިޓަލިއާ އާއި 1989ގެ ޔޫއެފާ ކަޕް އެ ކްލަބަށް ހޯދަދީފަ އެވެ.
އޭގެ އިތުރުން މެރެޑޯނާ ވަނީ އާޖެންޓީނާގެ ގައުމީ ޓީމާއެކު ހަތަރު ވޯލްޑް ކަޕް ކުޅެ، 1986 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް އޭނާގެ ގައުމީ ޓީމަށް ކާމިޔާބު ކޮށްދީފަ އެވެ.