05 Dec 2020, 14:08
އެއް ކިލޯ އަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ހައްޔަރުކުރި ފަސް ދިވެހިން ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު މާލެއިން އެއް ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އެ ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މި ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އެމީހުން ދޫކޮށްލާފައިވާ ކަމަށެވެ.
މި މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ އެއް ކިލޯއަށްވުރެ ގިނަ ކެނަބިސް އާއި 108 ގްރާމުގެ އެމްޑީއެމްއޭ އަދި ހަތް ގްރާމް ހެރޮއިން ކަމަށް ފުލުހުން ބުންޏެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ސެޕްޓެމްބަރު މަހުގެ ތެރޭގައި ހިންގި އޮޕަރޭޝަނެއްގައެވެ.
އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހ.ވައިފިނި ބަލާ ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަނާ ބޭސް ކަމަށް ޝައްކު ކުރެވޭ ތަކެތި އަދި ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއްސާއި ގިނަ އަދަދެއްގެ ފައިސާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.