ޕެރިސް ސެއިންޓް ޖާމެއިންއަށް ކުޅެމުން އަންނަ ބްރެޒިލްގެ މައްޝޫރު ފޯވާޑް ނޭމާ އަންނަ އަހަރު ބާސެލޯނާގެ ތަރި ލައޮނަލް މެސީ އާއެކު ކުޅެން ކުރާ އުންމީދު ހާސިލް ވެދާނެކަމުގެ ހަބަރުތައް ފެންމަތިވެއްޖެ އެވެ.

ޕީއެސްޖީ އާއި މެންޗެސްޓާ ޔުނައިޓަޑް ޗެންޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އަންނަ އަހަރު ކުޅެން ބޭނުންވަނީ މެސީއާ އެކީ ކަމަށް ނޭމާ ވަނީ ބުނެފަ އެވެ. އެ ވާހަކަތަކާ އެކީ އަންނަ އަހަރު މެސީ ޕީއެސްޖީއިން ފެނިދާނެކަމަށް ގިނަ ބަޔަކު އަންނަނީ ދެކެމުންނެވެ.

މެސީ ބާސާއާއެކީ ވެފައިވާ އެއްބަސްވުން މި ސީސަން ނިމުމުން ހަމަވާއިރު، އޭނާ ވަނީ ބާސާ ދޫކޮށްލުމަށްވެސް މި އަހަރުގެ މެދުތެރޭ އެދިފަ އެވެ. ނަމަވެސް އޭނާ ޕީއެސްޖީއިން ފެނިދާނެ ކަމުގެ ހަބަރުތަކަށް ރައްދު ދެމުން ޕީއެސްޖީގެ ރައީސް ނާސިރް އަލްޚަލީފީ ވަނީ މެސީއަކީ ބާސާގެ ކުޅުންތެރިއެއް ކަމަށާއި، އެކަމާ ބެހޭގޮތުން ވާހަކަ ދެއްކެން ނެތްކަމަށް ބުނެފަ އެވެ.

ޕީއެސްޖީގެ ރައީސް އެކަމާ ބެހޭގޮތުން ސީދާ ވަކި އެއްޗެއް ބުނެފައި ނުވިކަމުގައިވިޔަސް، ލަލީގާގައި އަދި މިހާތަނަށް އެންމެ ގިނަ ގޯލް ކާމިޔާބު ކުރުމުގެ ރިކޯޑް އޮތް މެސީ ޕީއެސްޖީއަށް ސޮއެ ކުރުމަކީ އެ ޓީމަށް ލިބިގެން ދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. އެގޮތުން މި ސީޒަން ނިމުމުން ފްރީ ޓްރާންސްފަރގެ ގޮތުގައި މެސީ ޕީއެސްޖީއަށް ގެނެވެން އޮތްއިރު، ބާސާއަށް ނޭމާ ގެންދިޔުމަށްވުރެ ގާތީ ޕީއެސްޖީއަށް މެސީ ބަދަލުވުމެވެ.

ނޭމާ އާއި މެސީ އަކީ ލުއިސް ސުއަރޭޒް އާއިއެކު ބާސާގެ ފޯވާޑްލައިނުގައި އެތައް ރެކޯޑްތަކެއް ހަދާފައިވާ ދެ ކުޅުންތެރިންނެވެ. އެގޮތުން 2014-15 ވަނަ ސީސަންގައި ބާސާއަށް ލަލީގާ އާއި ކޮޕަ ޑެލް ރޭ އަދި ޗެންޕިއަންސް ލީގް ކާމިޔާބު ކޮށްދިނުމުގެ އިތުރުން، ސްޕެއިންގެ ފުޓްބޯޅައިގެ ތާރީޚުގައި އެ ތިން ކުޅުންތރިންވަނީ ފޯވާޑް ލައިންއަޕަކުން 122 ގޯލާއެކު އެންމެ ގިނަ ގޯލް ކާމިޔާބު ކުރުމުގެ ރެކޯޑް ހަދާފަ އެވެ.

ބާސާ ދޫކޮށް ޕީއެސްޖީއަށް ނޭމާ ބަދަލުވެފައި ވަނީ 2017 ވަނަ އަހަރު 222 މިލިއަން ޔޫރޯގެ ރެކޯޑް އަދަދަކަށެވެ. ޕީއެސްޖީއަށް ބަދަލުވުމަށް ފަހު ނޭމާ އެ ކްލަބަށް މުހިންމު މެޗުތަކުގައި ސްކޯރ ކޮށްދީފައި ވާނަމަވެސް، އިންޖަރީ އާއި ޑިސިޕްލިން މައްސަލަތަކުގެ ސަބަބުން އޭނާއަށް ވަނީ އެންމެ ފުރިހަމަ ކުޅުމެއް ދެއްކޭގޮތް ނުވެފަ އެވެ.