24 Jan 2012, 12:32
ވަޒީފާގެ ބާޒާރަށް ޒުވާނުން ނެރުމަށް ސަރުކާރުން ފެށި ހުނަރު ޕްރޮގްރާމުގެ ދަށުން 109 އަށް ވުރެ ގިނަ ޒުވާނުން އެކި ދާއިރާތަކުން ތަމްރީނުތައް ފުރިހަމަ ކޮށްފި އެވެ.
ހުނަރު ޕްރޮގްރާމްގެ ސީއީއޯ މުހައްމަދު ހާޝިމް ވިދާޅުވީ ޕްރޮގްރާމްގައި މިހާރުވެސް 500 އަށް ވުރެ ގިނަ ކުދިން ތަމްރީން ހާސިލް ކުރަމުން އަންނަ ކަމަށާއި ޕްރޮގްރާމްގެ 41 ޕަސެންޓް ކުދިން ތަމްރީނު ކުރުމަށް ކޮންޓްރެކްޓް ކޮށްފައިވާއިރު 179 ކުދިން ތަމްރީން ފުރިހަމަކޮށްފައިވާ ކަމަށެވެ.
"ހުނަރު ޕްރޮގްރާމްގެ ދަށުން 3505 ކުދިން ކޮންޓްރެކްޓް ކުރެވިފައިވޭ. އަދި އޭގެ ތެރެއިން 521 ކުދިން ތަމްރީން ހާސިލް ކުރަމުން މިހާރުވެސް އެބަގެންދޭ،" އޭނާ ވިދާޅުވި އެވެ.
ހުނަރު ޕްރޮގްރާމްގައި ކޮންސްޓްރަކްޝަން ދާއިރާއިން ތަމްރީން ކުރުމަށް ހަމަޖެހިފައިވާ 2290 ކުދިންގެ ތެރެއިން 1260 ކުދިން ކޮންޓްރެކްޓް ކޮށް 336 ކުދިން ތަމްރީން ހާސިލް ކުރަމުން އެބަދެ އެވެ. ޓޫރިޒަމްގެ ދާއިރާއިން 3800 ކުދިން ތަމްރީން ކުރުމަށް އަމާޒުކޮށްފައިވާއިރުު 1305 ކުދިން ކޮންޓްރެކްޓް ކޮށް 115 ކުދިން ތަމްރީން ހާސިލު ކުރެ އެވެ.
ހާޝިމް ވިދާޅުވީ ދަތުރުފަތުރު ކުރުމުގެ ދާއިރާއިން 700 ކުދިން ތަމްރީން ކުރުމަށް ހަމަޖެހިފައިވާ އިރު 350 ކުދިން ކޮންޓެރެކްޓް ކޮށް 50 ކުދިން މިހާރު ތަމްރީން ހޯދަމުން އަންނަ ކަމަށާއި އިތުރު ތިން ދާއިރާއަކުން ޖުމްލަ 1710 ކުދިން ތަމްރީން ކުރުމަށް ހަމަޖެހިފައިވާ އިރު 590 ކުދިން ކޮންޓްރެކްޓްކޮށްފައިވާ ކަމަށެވެ.
ސަރުކާރުގެ ހުނަރު ޕްރޮގްރާމުގައި ޖުމްލަ 16 ފަރާތަކުން 27 ކޯހެއް ރާއްޖެތެރޭގެ ހަތް ރަށެއްގައި ކުރިއަށް ގެންދެ އެވެ. ތަމްރީން ޕްރޮގްރާމްތައް ހިންގާ ރަށްތަކުގެ ތެރޭގައި ހއ. ހޯރަފުއްޓާއި ގދ. ތިނަދޫއާއި ހއ.ދިއްދޫއާއި ހދ.ކުޅުދުއްފުއްޓާއި ގއ. ވިލިނގިއްޏާއި ކ. ތުލުސްދޫއާއި އައްޑޫ ސިޓީގެ އިތުރުން ތ އަތޮޅާއި ލ އަތޮޅު ގެ ރަށްތައް ހިމެނެއެވެ.
ހުނަރު ޕްރޮގްރާމްގެ ދަށުން ސަރުކާރުން ވަނީ 8500 ޒުވާނަކު ތަމްރީން ކުރުމަށް ނިންމަވާފަ އެވެ. އެ ޕްރޮގްރާމްގެ ދަށުން މިދިޔަ ހަފުތާ ތެރޭގައި ވެސް ވަނީ އެކައުންޓިން ދާއިރާއިން 200 މީހުން ތަމްރީން ކުރުމަށްޓަކައި ވިލާ ކޮލެޖާއެކު އެއްބަސް ވުމެއްގައި ސޮއިކޮށްފަ އެވެ.