05 Dec 2020, 09:13
ދައުހާ (ޑިސެމްބަރު 5) : ސައޫދީ އާއި ޔޫއޭއީ އިސްކޮށް އޮވެގެން ގަތަރާ ގުޅުންތައް ކަނޑާލައި ގަތަރާ ދެކޮޅަށް އެޅި ހިސާރުގެ ފިޔަވަޅުތަކުން ސައޫދީ ނުކުމެ ގަތަރަށް ބޮޑެތި ލުއިތަކެއް ދިނުމަށް ސައޫދީ ސަރުކާރު މިހާރު ބޭނުންވާ ކަމަށް ކުވައިތުން ބުނެފިއެވެ.
ކުވައިތުގެ ޚާރިޖީ ވަޒީރު ޝައިޚް އަހްމަދު ނާސިރުއްސަބާޙް ވިދާޅުވީ ގަތަރާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތަކަށް ލުއިދިނުމާބެހޭގޮތުން ސައޫދީ އާ ކުރި މަޝްވަރާތައް އީޖާބީ ކަމަށާ މިކަމާބެހޭގޮތުން ގަތަރާއި ސައޫދީން އެއްބަސްވުމަކާ ހަމައަށް ދިޔުން ގާތްވެފައިވާ ކަމުގައެވެ. ކުވައިތުގެ ޚާރިޖީ ވަޒީރު މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މުސްތަޝާރު އަދި ދަނބިދަރިކަލުން ޖެރަޑް ކުޝްނާ ސައޫދީ އަށާއި ޤަޠަރަށް ކުރެއްވި ދަތުރުފުޅެއްގައި އެދެގައުމުގެ މަސްއޫލުވެރިންނާ މިކަމާބެހޭގޮތުން ކުރެއްވި މަޝްވަރާތައް ކުވައިތާ ހިއްސާ ކުރައްވާފައި ވަނިކޮށެވެ.

ކުވައިތުގެ ޚާރިޖީ ވަޒީރު
ޚަބަރުތައް ބުނާ ގޮތުން ގަތަރާ ދެކޮޅަށް އެޅި ހިސާރުގެ ފިޔަވަޅުތައް ދޫކޮށްލުމަށް ސައޫދީ މިހާރު ބޭނުންވެއެވެ. ނަމަވެސް ގަތަރާ ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމްކުރާކަށް ސައޫދީ އަދިވެސް ބޭނުމެއް ނުވެއެވެ. ކުޝްނާގެ ދަތުރުފުޅަށްފަހު ކުވައިތުގެ ޚާރިޖީ ވަޒީރުވަނީ ސައޫދީއާއި ގަތަރު ސުލްޙަ ކުރުވުމަށްޓަކައި މެދުވެރިއެއްގެބައި އަދާކުރަން ފަށާފައެވެ.
2017 ވަނައަހަރު ސައޫދީ އާއި ޔޫއޭއީ އިސްކޮށް އޮވެގެން ގަތަރާ ގުޅުންތައް ކަނޑާލައި ގަތަރާ ދެކޮޅަށް ހިސާރު ގެ ފިޔަވަޅުތައް އެޅުމުންވެސް ކުވައިތުން މެދުވެރިއެއްގެ ބައިއަދާކޮށްގެން މައްސަލަ ހައްލުކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަންއޭރުވަނީ ނާކާމިޔާބު ވެފައެވެ.
މިހާރު ގަތަރާއި ސައޫދީ އެއްބަސްވުމަކަށް އަންނަނީ ގަތަރުގެ ފަސިންޖަރު މަތިންދާ ބޯޓުތައް ސައޫދީ މަތިން އުދުހުމުގެ ހުއްދަ ދިނުމާއި، އެއްގަމާއި ވައިގެ މަގުން ދެގައުމުގެ ސަރަހައްދީ ރޮނގު ހުޅުވާލުމާއި، އެއް ގައުމު އަނެއް ގައުމާ ދެކޮޅަށް ކުރަމުންގެންދާ މީޑިއާގެ ހަނގުރާމަ ހުއްޓާލުމަށެވެ. މި އެއްބަސްވުމަށް މަރުހަބާ ކިޔާކަން އެދެ ގައުމުން ވެސްވަނީ ހާމަކޮށްފައެވެ. އެހެންކަމުން މިކަމާބެހޭ އެއްބަސްވުމެއްގައި އެދެގައުމުން ވަރަށް އަވަހަށް ސޮއިކުރާނެއެވެ.
ގަތަރާ ސުލްހަވުމުގައި ޔޫއޭއީ އާއި ބަހްރައިން އާއި މިސްރު އަދިވެސް އޮތީ އެއްވެސް ވަރަކަށް ދޫ ދޭގޮތަށް ނޫންކަމުން އެހެންކަމުން ކުޝްނާގެ ދަތުރުފުޅުގައި އެތިން ގައުމަށް ވަޑައިގެންފައި ނުވެއެވެ.
ސައޫދީއާއި ޔޫއޭއީ އިސްކޮށް އޮވެގެން މިސްރާއި ބަހްރައިންވެސް ގުޅިގެން ޖަމާއީ ގޮތެއްގައި ޤަޠަރާ ގުޅުންތައް ކަނޑާލައި ގަތަރާ ދެކޮޅަށް ހިސާރުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅީ 2017 ވަނަ އަހަރުގެ ޖޫން މަހުގައެވެ. އެކަމުގެ ބަހަނާއަކަށް ދެއްކީ ގަތަރުން ޓެރަރިޒަމަށް ތާއިދުކުރާ ކަމަށް ތުހުމަތު ކުރުމެވެ. އައިއެސް ފަދަ ސަލަފީ ތަކްފީރީ ފިކުރުގެ ޓެރަރިސްޓް ޖަމާއަތްތަކަށް ފައިސާ ދޭކަމުގެ ތުހުމަތަކީ ގަތަރެކޭ އެއްފަދައިން ސައޫދީ އާއި ބަހްރައިން އާއި ޔޫއޭއީގެ މައްޗަށްވެސް ކުރެވިފައިވާ ތުހުމަތު ތަކެކެވެ. ސިޔާސީ މަގްސަދުތައް ހާސިލް ކުުރުމަށްޓަކައި އެފަދަ ޖަމާއަތްތަކަށް ސިއްރިޔާތުގައި ހަތިޔާރު ފޯރުކޮށްދޭ ކަމުގެ ތުހުމަތު އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ ގެ މައްޗަށް ވެސް ކުރެވިފައިވެއެވެ. އަދި އެފަދަ ތުހުމަތުތައް ތުރުކީގެ މައްޗަށްވެސް ކުރެވިފައިވެއެވެ.
ގަތަރާއެކު ގުޅުންތައް އަލުން އިއާދަކުރުމަށް އެ ހަތަރު ގައުމުން 13 ޝަރުތު ހުށަހެޅި ނަމަވެސް އޭގެ ގިނަ ޝަރުތުތައް ގަބޫލުކުރުމަށް ގަތަރުވަނީ ދެކޮޅު ހަދާފައެވެ. އެތިން ގައުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ޤަޠަރުގައި ދިރިއުޅުއްވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ ލީޑަރުން އެގައުމުން ބޭރުކޮށްލުމާއި، އަލްޖަޒީރާ ޓީވީ ބަންދުކުރުމާއި ގަތަރުން އީރާނާއެކު ބާއްވާ ގުޅުންތައް ކަނޑާލުން ނުވަތަ ވަރަށް ދަށުލެވެލްއެއްގައި އެގުޅުންތައް ބޭއްވުމެވެ.
ސައޫދީ އާއި ޔޫއޭއީ ން ގަތަރަށް އަސްކަރީ ގޮތުން ކުއްލި ގޮތަކަށް އަރައި ގަތަރުގެ ވެރިކަން ބަދަލުކޮށްލުމަށްވެސް އެދެގައުމުން ރޭވިކަމަށާ އެރޭވުމަށް އެމެރިކާގެ ތާއީދުވެސް ލިބުނު ކަމަށް އެދުވަސްވަރުގެ ބައެއް ރިޕޯޓްތައް ބުނެފައިވެއެވެ. ނަމަވެސް ސަރަހައްދުގެ ބޮޑު ދެބާރު ކަމަށްވާ ތުރުކީއާއި އީރާނުން ގަތަރުގެ ދިފާއުގައި ނުކުމެދާނެތީ އެކަން ކުރަންއުޅެން ސައޫދީއާއި ޔޫއޭއީ އަށް ނުކެރުނީ ކަމަށް އެ ރިޕޯޓްތައް ބުނެއެވެ.
ގަތަރާ ދެކޮޅަށް އެޅި ހިސާރުގެ ފިޔަވަޅުތަކާއެކު ގަތަރުންވަނީ އީރާނާއި ތުރުކީގެ މަދަދު ވަރަށް ބޮޑަށް ހޯދައި އެދެގައުމާ ގުޅުންތައް ކުރިޔަށްވުރެ ބޮޑަށް ބަދަހިކޮށްފައެވެ. ހިސާރުގެ ފިޔަވަޅުތަކަށް ލުއިދޭން އެންމެފަހު ސައޫދީ އެއްބަސްވީ މިފިޔަވަޅުތަކުން އެއްވެސް ކާމިޔާބީ އެއް ނުފެނި ދިގުލާން ފެށުމުންކަމަށް މުހައްލިލުން ދެކެއެވެ.
ސައޫދީން ގަތަރަށް ލުއިދިނުމުން ގަތަރާ ދެކޮޅަށް ފިޔަވަޅު އަޅައިގެން ކާމިޔާބީ ހޯދުމުގެ ފުރުސަތު ޔޫޢޭއީ އާއި މިސްރާއި ބަހްރައިންނަށް ވަރަށް ބޮޑަށް ގެއްލިގެންދާނެކަމަށް މުހައްލިލުން ދެކެއެވެ.
ޔޫޢޭއީ އާއި މިސްރާއި ބަހްރައިން އަކީ އަރަބިންނާއި މުސްލިމުންގެ ތެޜޭގައިވާ އިސްރާއީލާއި އެމެރިކާގެ ނާރެސް އެވެ. ސައޫދީ އަކީވެސް މި ނާރެސްގެ ގައުމެކެވެ. ޔޫޢޭއީ އާއި މިސްރާއި ބަހްރައިން އިން ފާޅުގައި އިސްރާއީލާ ގުޅުންތައް ބާއްވާއިރު ސައޫދީން އިސްރާއީލާ ގުޅުންތައް ބާއްވަމުން ގެންދަނީ ސިއްރިޔާތުގައެވެ. (ނޫސްއެޖެންސީތައް)