04 Dec 2020, 20:28
ދިވެހި ރާއްޖޭގައި ތުތި ބޯވަދިލަމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނެއް ތައްޔާރުކޮށް އިއްޔެ ގެޒެޓްކޮށްފިއެވެ.
ތުތި ބޯވަދިލަމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ހަދާފައިވާ އެ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ)ގެ 19 ވަނަ ނަމްބަރުގައި މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމުގެ ޕްލޭނެކެވެ. އެ ޕްލޭންގައި، ރާއްޖޭގައި ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ބެލެހެއްޓުމުގެ މައިގަނޑު ކަންތައްތައް ކަނޑައަޅާފައިވާނެ އެވެ.
ފިޝަރީޒް މިނިސްޓްރީއިން ބުނެފައިވާގޮތުގައި އެ ޕްލޭންގެ މަގުސަދަކީ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ރާވައި، ހިންގުމުގެ އިންތިޒާމެއް ގާއިމުކޮށް ޒިންމާދާރުގޮތެއްގައި ތުތި ބޯވަދިލަމަހުގެ މަސްވެރިިކަން ބަލަހައްޓައި، އެ މަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް ދިވެހީންނަށް ހޯދައިދިނުމެވެ.
އެ ޕްލޭންގެ ދަށުން މެނޭޖުކުރާނެ ބާވަތަކީ ތިސަނޮތިއުޓިޑޭ އާއިލާއަށް ނިސްބަތްވާ ތިސަނޮތިއުޓިޑޭ ރޮމްބަސް ކަމުގައި މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.
ތުތި ބޯވަދިލަމަހުގެ އާބާދީއަށް އަސަރުކޮށްފާނެ ހުރިހާ ހަރަކާތްތަކަށް ބަލައި އެ ޕްލޭން އަމަލު ކުރާނެއެވެ. އޭގެތެރޭގައި ތުތި ބޯވަ ދިލަމަސް ބޭނުމާއި ޕްރޮސެސްކުރުމާއި ރައްކާކުރުމާއި ގަނެވިއްކުމުގެ އިތުރުން އެތަކެތި އެކްސްޕޯޓުކުރުމުގެ ކަންތައްތައް ކުރާނެ ގޮތްވެސް ވަނީ ޕްލޭންގައި ހިމަނާފައެވެ.
އޭގެއިތުރުން އެ ޕްލޭންގެ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެއް ނުވަތަ އެފަދަ ހަރަކާތްތަކެއް ހިންގާ ފަރާތްތަކާއި އުޅަނދުފަހަރާއި ޕްރޮސެސް ކުރާ ތަންތަނާއި އެކްސްޕޯޓުކުރާ ތަންތައްތަނަށްވެސް އެ ޕްލޭން ހިނގާނެ ކަމަށް ވަނީ ބުނެފައެވެ.
ގެޒެޓުގައި ޝާއިއުކުރާ ހިސާބުން ފެށިގެން އެ ޕްލޭނަށް އަމަލު ކުރަން ފަށާނެ ކަމަށް ޕްލޭނުގައި ބުނެފައިވެއެވެ.