24 Jan 2012, 12:31
ރޭގެ މުޒާހަރާ ތަޅާފޮޅުމަކަށް ބަދަލުވެ މުޒާހަރާ ކަވަރު ކުރަން އުޅުނު އެމްއެންބީސީގެ ނޫސްވެރިޔާ، މޫސާ ނައުޝާދަށް ބަޔަކު ހަމަލާދީ ޒަހަމްކޮށްލައި ދި ޓީވީ ސްޓޭޝަނުގެ ބިއްލޫރިތައް ތަޅާލި މައްސަލަ މޯލްޑިވެސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ކުށްވެރި ކޮށްފި އެވެ.
އެމްޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ އިދިކޮޅު ފަރާތްތަކާއި އެމްޑީޕީގެ އެކްޓިވިސްޓުން ރޭ ހިންގަމުން ދިޔަ ހަރަކާތްތަކުގެ ތެރޭގައި އެމްއެންބީސީގެ ނޫސްވެރިޔަކަށް އަށް ހަމަލާދީ ޒަހަމްކޮށްލާފައިވުމާއި ދި ޓީވީ ސްޓޭޝަންގެ ބިއްލޫރިތައް ތަޅާލައި އެހެން ބައެއް ތަންތަނަށް ގެއްލުންދިން މައްސަލަ އެއްމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެމްޖޭއޭ އިން ބުނީ އެމްއެންބީސީގެ ނޫސްވެރިޔާއަށް ހަމަލާދިން މައްސަލައަކީ އިންސާނިއްޔަތާ ހިލާފު އަމަލެއް ކަމަށާއި އެއީ މީޑިއާގެ މިނިވަންކަން ގެއްލިގެންދާ ފަދަ ނުރައްކާތެރި އަމަލެއް ކަމަށެވެ. އަދި ރޭ ދި ޓީވީ ސްޓޭޝަނަށް ގެއްލުންދިން މައްސަލަ އާއި އެމްއެންއެންބީސީ ނޫސްވެރިޔާ އަށް ހަމަލާދިން މައްސަލަ ސީރިއަސް އަވަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ފުލުހުންނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ގޮވާލާ ކަމަށް ވެސް އެމްޖޭއޭ އިން ބުނެ އެވެ.
މީގެ އިތުރުން ރާއްޖޭގައި މިހާރު މިއޮތް ނާޒުކު ހާލަތުގެ ސަބަބުން ރައްޔިތުންނެކޭ އެއްފަދައިން މީޑިއާ އިން ކަންބޮޑުވުން ފާހަގަ ކުރާކަމަށާއި ސިޔާސީ "އަމާޒު ފަތްގަނޑަކަށް" މީޑިއާ ނުހެއްދެވުމަށް ވެސް އެމްޖޭއޭ އިން ގޮވާލަ އެވެ.