މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް ހުޅުވާލައިން ކުޅުދުއްފުށީގައި ކުރިއަށް ގެންދާ ޑަބްލިއުއެސްއޭ ހޭންޑްބޯލް ބެޓްލްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް މިއަދު ކުރިއަށް ދާނެއެވެ.

މުޅިއެކު 16 ޓީމް ބައިވެރިވާ މި ހޭންޑްބޯލް މުބާރާތުގައި އަންހެން އަދި ފިރެހެން ޑިވިޝަން އެކުލަވާލާފައި ވެއެވެ. މުބާރާތުގެ އަންހެން ޑިވިޝަންގައި ނުވަ ޓީމު ބައިވެރިވެފައި ވާއިރު، ފިރެހެން ޑިވިޝަނުގައި ބައިވެރިވެފައި ވަނީ ހަތް ޓީމެވެ. މުޅި ރާއްޖެއަށް މި މުބާރާތް ހުޅުވާލާފައި ވިނަމަވެސް، ކުޅުދުއްފުށިން ބޭރުން މި މުބާރާތުގައި ބައިވެރިވެފައި ވަނީ ހަމަ އެކަނި ނޮޅިވަރަމުގެ އަންހެން ޓީމެކެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް އާއި ޑަބްލިއު ސްޕޯޓްސް އެކެޑެމީ ގުޅިގެން ކުރިއަށް ގެންދާ މި މުބާރާތުގައި މިއަދު ކުޅެން ހަމަޖެހިފައު ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ. އެގޮތުން މިއަދު ހަވީރު މި މުބާރާތުގައި ކުޅެން ހަމަޖެހިފައި ވަނީ މުބާރާތުގެ އަންހެން ޑިވިޝަންގެ ފަޔަރ ބަރޑްސް އަދި ނޮޅިވަރަން ބައްދަލުކުރާ މެޗާއި، ރަނިކަ އަދި ސްޓެމިނާ ބައްދަލުކުރާ މެޗެވެ.

އޭގެ އިތުރުން މުބާރާތުގައި މިރޭ ކުޅެން ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި އަންހެން ޑިވިޝަންގެ ޓީމް ސްޓަރ އަދި ފެމިލީ ބޭކަރސް ބައްދަލުކުރާ މެޗާއި، ޔުނީކް ފްރެންޑްސް އަދި ފައިވް ބައްދަލުކުރާ މެޗު ކުރިއަށް ދާނެއެވެ. އަދި މުބާރާތުގެ ފިރެހެން ޑިވިޝަންގައި މިނި ޒިގްޒެގް އާއި ސަތޭކަ ކުޅޭ މެޗުވެސް މިރޭ ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ ޕޮއިންޓް ތާވަލަށް ބަލާލާއިރު ފިރެހެން ޑިވިޝަންގެ ގްރޫޕް އޭގައި ކުޅުނު ދެ މެޗުންވެސް މޮޅުވެ ތާވަލުގެ އެއްވަނަ އަދި ދެވަނައިގައި ހޯދާފައި ވަނީ ނިއު އޭޖް އެސްސީ އަދި ޓީމް އަލްފާ އެވެ. އަދި ގްރޫޕް ބީ ތާވަލުގެ އެއްވަނަ ކުޅުނު ދެ މެޗުވެސް ކާމިބުކުރުމަށްފަހު ހޯދާފައި ވަނީ ފެމިލީ ބޭކަރސް އެވެ.

މުބާރާތުގެ އަންހެން ޑިވިޝަނަށް ބަލާލާއިރު ގްރޫޕް އެކްސްގެ ތާވަލްގެ އެންމެ ކުރި ކުޅުނު ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓާއެކު ހޯދާފައި ވަނީ ފެމިލީ ބޭކަރސް އެވެ. އަދި ޓީމް ސްޓަރ އާއި ޝޭޑް ހަތަރު ޕޮއިންޓާއެކު ދެވަނަ އަދި ތިން ވަނަ ހޯދާފައި ވާއިރު، ގްރޫޕް ވައި ގެ ތާވަލްގެ އެއްވަނަ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ހަ ޕޮއިންޓާއެކު ހޯދާފައި ވަނީ ނޮޅިވަރަމެވެ. އަދި ފައިވް ތިން ޕޮއިންޓާއެކު ދެވަނަ ހޯދާފައި ވާއިރު، މުބާރާތުގެ ނޮކްއައުޓް ސްޓޭޖަށް ދާ ޓީމްތައް ފައިނަލް ވާނީ މިއަދުގެ މެޗުތަކަށް ފަހު އެވެ.