އުމުރުން އެންމެ 18 އަހަރުގެ ޖެސިކާ ކޮލިންސް މިވަނީ 1400 އަނބު ބޭނުންކޮށްގެން ހެދުމެއް ތައްޔާރުކޮށް ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ހޯދާފަ އެވެ. އޭނާ ބުނާގޮތުން މިއީ ކާނާ އިސްރާފުކުރުމާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށް އޭނާ ކުރި މަސައްކަތެކެވެ.

އޮސްޓްރޭލިއާގެ ކުއީންސް ލޭންޑަށް އުފަން ޖެސިކާ އުޅެބޮޑުވީ އޭނާގެ އާއިލާގެ އަނބު ދަނޑެއްގަ އެވެ. ދަނޑުހައްދާ ބެލެހެއްޓުމުގައި ހާއްސަކޮށް ބައްޕަ އާއި އެކު ގިނަ ވަގުތުތަކެއް ހޭދަކުރާއިރު ހައްދާ އަނބުތަކުގެ ބޮޑު ބައެއް ކުނީގެ ގޮތުގައި އުކާލަންޖެހުމަކީ އޭނާ ކަންބޮޑުވާ ކަމެކެވެ.

ޖެސިކާ ބީބީސީ އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާގޮތުން އަހަރެއްގެ މައްޗަށް 5،000 ކިލޯގެ އަނބު އޭނާގެ އާއިލާގެ ދަނޑުން އެކަނިވެސް އުކާލަންޖެހެ އެވެ. ސަބަބަކަށްވަނީ އެ އަނބުތައް ސުޕާމާކެޓްތަކުގެ ފެންވަރަށް ނުފެތުމެވެ.

ޖެސިކާ އެނާގެ އަނބު އޮށް ހެދުމުގައި ހުއްޓިލައިގެން --

މިގޮތުން އުކާލެވޭ އަނބުތައް ބޭނުންކޮށްގެން އެއްޗެއް ހެދުމުގެ ޚިޔާލު އޭނާއަށް ލިބުނީ ސްކޫލް ޕްރޮޖެކްޓްއަކުން ނެވެ.

ޖެސިކާ ބުނާގޮތުން އޭނާ މި ހެދުމުގައި ބޭނުންކޮށްފައިވާނީ މިފަދައިން އުކާލަންޖެހުނު 1400 'ކްލިޕްސޯ' އަނބުގެ އޮށެވެ. މިގޮތުން ހުރިހާ އަނބެއް ފުރަތަމަ ކޮށައި ސާފުކޮށް އޭނާގެ ބައްޕަގެ ޕްރެޝާ ކްލީނާއިން ސާފުކޮށްލައެވެ. މިހެން ހަދަނީ އަނބަށް އެއްވެސްކަހަލަ ދިރޭއެއްޗެއްގެ ވަދެ ނޫނީ ކައިފާނެތީ އެވެ.

އެއަށްފަހު އޮށް ހިއްކާ ފަހަން ބޭނުންކުރުމުގެ ކުރިން ދެފަޅިކޮށްލަ އެވެ. ހެދުމުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ތިންމަހާއި ހަތަރުމަހާއި ދެމެދުގެ މުއްދަތެއް ހޭދަވިއިރު، އަނބު އޮށްތަކުން މުޅި ގޭތެރެ ފުރުނު ކަމަށް ޖެސިކާ ބުންޏެވެ.

މަސައްކަތް ފުރަތަމަ ފެށި ދުވަސްވަރު ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ލިބުނު ނަމަވެސް ހެދުން އެއްކޮށް ނިންމާލެވި ފެނުމުން ހައިރާންވެ ތައުރީފު އަންނަނީ ލިބެމުންނެވެ.

ޖެސިކާ އެނާގެ އަނބު އޮށް ހެދުމުގައި ހުއްޓިލައިގެން --

ޖެސިކާ ވަނީ މި ހެދުން އޭނާގެ ހައިސްކޫލް ގްރެޖުއޭޝަން ޑިނާގައި ލައިފަ އެވެ. ފެންނަ ފެނުމުގައި ހެދުމުގައި އެއްވެސް ކަހަލަ އުނިކަމެއް ނެތެވެ. އެހާވެސް ފުރިހަމަ އެވެ.