ރޭގެ މުޒާހަރާގައި އެމްއެންބީސީގެ ނިއުސްކާސްޓަރަކަށް ބަޔަކު ހަމަލާދީ ޒަޚަމްކޮށްލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

އެމްއެންބީސީގެ ނިއުސްކާސްޓަރު މޫސާ ނައުޝާދަށް ރޭ ބަޔަކު ހަމަލާދީފައި ވަނީ އެމްޑީޕީހަރުގެ ސަރަހައްދުންނެވެ. މަންޒަރު ދުށް މީހަކު ބުނީ ނައުޝާދުގައިގައި ގުރޫޕަކުން ގޮސް ތަޅައިގަތުމަށް ފަހު ކަރަންޓް ޖައްސާ ބަޑިއެއް ކަހަލަ އެއްޗަކުން ދެ ފަހަރު ޖެއްސި ކަމަށެވެ. އަދި އޭނާގެ ކޮނޑުގައި ލަކުޑިބުރިއަކުން މީހަކު ޖެހި ކަމަށް ވެސް މަންޒަރުދުށް މީހާ ބުންޏެވެ.

އެ ސަރަހައްދުގައި ހުރި މީހަކު ބުނީ ނައުޝާދުގެ ގައިގައި ބަޔަކު ތަޅައިގަތީ އޮޅިގެން ވީ ޓީވީގެ ރިޕޯޓަރެއް ކަމަށް ހީކޮށް ކަމަށް ބެލެވޭ ކަމަށާއި އަދި ވީ ޓީވީ އާއި ދި ޓީވީ ކެމެރާމަން ކޮބައިހޭ ކިޔައި އެމްޑީޕީގެ ހަރުގެއިން ނުކުތް ބަޔަކު ހަޅޭލައްވައި ހެދި ކަމަށެވެ.

އެމްޑީޕީގެ ހަރުގެއިން ނުކުތް މީހުން ބައެއް ރިޕޯޓަރުންގެ ފާސް ޗެކްކޮށް ހެދި ކަމަށް ވެސް މަންޒަރު ދުށްމީހަކު ބުންޏެވެ.

މާލޭގައި ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތަކުގައި ނޫސް ވެރިންނަށް ހަމަލާދީ ތަފާތު އިންޒާރުތައްދީ ބިރުދެއްކުން ވަނީ އާންމު ކަމަކަށްވެފަ އެވެ.