މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއްގެ އިސް މީހެއް ކަމަށް ފުލުހުން ތުހުމަތު ކުރާ ޕީއެންސީގެ ކައުންސިލް މެމްބަރު ގއ. ވިލިނގިލި، ލައިޓްހައުސް ޝަހީބް އިބްރާހިމް ޝަރީއަތް ނިމެންދެން ބަންދުގައި ބެއްހެޓުމަށް ހައިކޯޓުން ކުރި އަމުރު އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ކުރީ ސަރުކާރުގައި ހައުސިންގް މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރި ޝަހީބު ހައްޔަރު ކުރީ ހުޅުމާލޭ ފަޅު ތެރޭގައި އޮތް މަސްދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގަ އެވެ.

އެ މައްސަލައިގައި 14 ދުވަހަށް އޭނާ ބަންދު ކުރި އެވެ. އެކަމަކު ބަންދު އިތުރުކުރަން ދިޔުމުން އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ފަހުން ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލި އެވެ. ކްރިމިނަލް ކޯޓުގެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ނިންމީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރާށެވެ.

މިހާރު ޝަހީބުގެ ފަރާތުން ވަނީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އޭނާގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 9:00އަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި އެބަ އޮތެވެ.

ނިމިދިޔަ މަޖިލިސް އިންތިހާބުގައިވެސް ވާދަކުރި ޝަހީބަކީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި އިރާނު ބޯޓަކުން އަތުލައިގަތް މަސްތުވާތަކެއްޗާ ގުޅުން އޮތް މީހެއް ކަމަށްވެސް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.

އެ އިރާނު ބޯޓާ ޝަހީބު ހަވާލުވެ އެ ބޯޓު މިހާރު ސަފާރީއަކަށް ބަދަލުކުރަމުންދާކަންވެސް ވަނީ އެނގިފަ އެވެ.