ކޮވިޑް-19ގެ ވެކްސިން ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ހިލޭ ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، މިއަދު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ. ގަމު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ތައާރަފް ކުރުމާއި އިންޖީނުގެ އެއް ނެޓްވޯކަކުން ގުޅާލުމާއި ފުޓުބޯޅަ ދަނޑު ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ވެކްސިން ދިނުމުގައި އެއްވެސް މީހަކު ބާކީ ނުކުރާނެ ކަމަށެވެ. ރައީސް އެހެން ވިދާޅުވީ ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީންވެސް ހިމެނޭތީ އެވެ.

"ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެއްވެސް ރައްޔިތަކު ބާކީނުކޮށް އަދި ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށްވެސް ހިލޭ އެ ވެކްސިން ފޯރުކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.

މިހާރު ކުރިއަށްދަނީ ވެކްސިން ޖެހުމުގެ ކުރިން ވާން ޖެހޭ ތައްޔާރީތައް ކަމަށް އެޗްއީއޯސީއިން މީގެ ކުރިން ވަނީ ވިދާޅުވި އެވެ. އެގޮތުން އެކަމަށް ނޭޝަނަލް ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައި މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެކްސިން ރައްކާކުރާނެ ސްޓޯރޭޖް ގާއިމް ކުރުމާއި، އެކަމަށް ބޭނުންވާ ސާމާނު ގަތުމާއި، ޤައުމުތަކުގެ މެދުގައި ވެކްސިން ބެހުމަށް އެކުލަވާލާފައިވާ "ކޮވެކްސް ފެސިލިޓީ"ގެ ތެރެއިން ވެކްސިން ހޯދުމަށް ޕްރޮޕޯސަލްތައް ތައްޔާރުކުރުމާއި، ވެކްސިން ލިބޭ މިންވަރަކުން ވެކްސިން ޖަހާނެ ފަރާތްތައް ގިންތިކުރުމުގެ މަސައްކަތް އެ ސްޓިއަރިން ކޮމިޓީއިން ކުރަމުންދާ ކަމަށް އެ ސެންޓަރުން ބުނެފައިވެ އެވެ.

ކޮވެކްސް ފެސިލިޓީގެ ތެރެއިން ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށްވާ ވެކްސިން ރާއްޖެއަށް ހިލޭ ފޯރުކޮށްދޭނެ އެވެ.

ވެކްސިންތަކުގެ ތެރެއިން ރާއްޖެ އިން ހޯދަން މަސައްކަތްކުރަމުންދަނީ އޮކްސްފަޑް ޔުނިވަސިޓީ އާއި އެސްޓްރަޒެނިކާގެ ވެކްސިނާއި މޮޑާނާގެ ވެކްސިނެވެ.