ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑިއޭ)ގެ ސީއީއޯގެ މަގާމަށް މީހަކު ހޯދަން އިއުލާނުކޮށްފި އެވެ.

އެންޑީއޭގެ ސިއީއޯއަކަށް އެންމެ ފަހުން ހުންނެވީ، ހަސަން ޝަހީލް އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ސެޕްޓެމްބަރު 27ގަ އެވެ.

މީގެކުރިން ވެސް ދެ ފަހަރެއްގެ މަތިން ސީއީއޯއެއް ހޯދުމަށް އިއުލާން ކުރި ނަމަވެސް އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުން ލަސްވަނީ ރަނގަޅު އެކަށީގެންވާ މީހަކު ބޭނުންވާތީ ކަމަށް އެންޑީއޭގެ ބޯޑުގެ ޗެއާމަން އަބްދުލް ހަމީދު ވަނީ ވިދާޅުވެފަ އެވެ.

އެންޑީއޭ އިން ތިން ވަނަ ފަހަރަށް ސީއީއޯއެއް ހޯދަން އިއުލާނުކޮށްފައި ވާއިރު، މުސާރައާއި އެލަވަންސްގެ ގޮތުގައި 31،500 ރުފިޔާ ލިބޭނެ އެވެ.

މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ސޯޝަލް ސައިންސަސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓާސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު ހިންގުމުގެ ދާއިރާގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ނުވަތަ ހިންގުމުގެ ދާއިރާ ނުވަތަ ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ އެވެ.

އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއް ނުވަތަ ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގުމުގެ ކުށެއް ނުވަތަ ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށެއް ނުވަތަ މީހަކު މެރުމުގެ ކުށެއް ނުވަތަ ޓެރަރިޒަމްގެ ކުށެއް ނުވަތަ މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ އެވެ.

އެންޑީއޭގެ ސީއީއޯ އަކީ އެޖެންސީގެ ބޯޑުގެ ލަފަޔާ އިރުޝާދުގެ މަތިން އެޖެންސީ ހިންގުމުގެ އެންމެ އިސްފަރާތެވެ. އެޖެންސީގެ ބޯޑުގެ ނިންމުންތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އަދާކުރާނީ ސީއީއޯ އެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑި އަކީ ޑިސެންބަރު 14 ވާ ހޯމަ ދުވަހުގެ މެންދުރު 1:00 އެވެ.

ދެހާސްފަނަރަ ވަނަ އަހަރު އެންޑީއޭގެ ސީއީއޯ ކަމަށް އައްޔަން ކުރި ޝަހީލް މަގާމުން އިސްތިއުފާ ދެއްވީ، މަސްތުވާތަކެތި ބޭނުންކުރާ މީހުން މެދުވެރިކޮށް އޭނާއަށް އިންޒާރު ދެމުންދާ ކަމުގެ ތުހުމަތުކޮށެވެ. އަދި ސޯޝަލް މީޑިއާގައި އޭނާއާ ގުޅޭ ގޮތުން ސާބިތު ނުހިފޭ ވާހަކަތަކެއް ފަތުރައި ބަދުނާމުކޮށް، ފުރައްސާރަކުރަމުން ދިޔަ ކަމަށްވެސް އޭނާގެ އިސްތިއުފާ ސިޓީގައި ބުނެފައިވެ އެވެ.

އެންޑިއޭގެ ހިންގެވުމާ މިވަގުތު ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ، ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަލީ ޝަރީފެވެ.

އެންޑީއޭގެ ސީއީއޯއެއް ނެތި ގިނަ ދުވަސްތަކެއްވެފައިވާއިރު، އެތަން ރަނގަޅަށް ހިންގަމުން ނުދާ ކަމަށާއި އެތަނުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރެ އެވެ. އޭގެ އިތުރުން އެންޑީއޭގެ ވަސީލަތްތައް މަދު ކަމުން އެއް ފަހަރާ ފަރުވާ ދެވޭ ނިސްބަތްވެސް މަދު ކަން އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

އެންޑީއޭ އަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ މައިގަނޑު ސިޔާސަތުތައް ތަންފީޒުކުރުމުގެ މައި އިދާރާ އެވެ.