03 Dec 2020, 20:08
ޕެރިސް (ޑިސެމްބަރު 3): ފަރަންސޭސިވިލާތުގެ 76 މިސްކިތެއް ބަލައި ފާސްކޮށް ބައެއް މިސްކިތްތައް ބަންދު ކުރާނެކަމަށް އެގައުމުގެ ދާޚިލީ ވަޒީރު ޖެރަލްޑް ޑަރްމަނިން ވިދާޅުވެއްޖެ އެވެ.
ޑަރްމަނިން ވިދާޅުވީ ފަރަންސޭސިވިލާތުގައި ވަކިވެގަތުމުގެ ރޫހެއް ހުންނަ މުސްލިމުން ގެ ހަރުކަށި ބަޔަކު އުޅޭ ކަމަށާއި މިސްކިތްތައް ބަލައި ފާސްކުރާނީ ވަކިވެގަތުމުގެ ރޫހު ގެންގުޅޭ ހަރުކަށި ފިކުރުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ އަމުނާބެހޭ އޮޕަރޭޝަނެއްގައި ކަމަށެވެ. މިއީ ފަރަންސޭސި އަމުނާބެހޭ ބާރުތަކުން މިހާތަނަށް ހިންގާފައި ނުވާވަރުގެ ބޮޑު އޮޕަރޭޝަނެއް ކަމަށްވެސް ޑަރްމަނިން ސިފަކުރެއްވި އެވެ.
ޑަރްމަނިން ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ސަލާމަތީ ބާރުތަކުން ބަލައި ފާސްކުރާ މިސްކިތްތަކުގެ ތެރެއިން ބަންދުކުރަން ޖެހޭ ހާލަތުގައިހުރި މިސްކިތްތައް ބަންދުކުރުންވެސް މި އޮޕަރޭޝަންގައި ހިމެނޭކަމަށެވެ.
ޔޫރަޕްގެ ގައުމުތަކަށް ބަލާއިރު މުސްލިމުންގެ އާބާދީ އެންމެ ބޮޑީ ފަރަންސޭސިވިލާތުގަ އެވެ. ފަރަންސޭސިވިލާތުގެ އާބާދީގައި ގާތްގަނޑަކަށް ހަ މިލިއަން މުސްލިމުން ހިމެނޭއިރު އެއީ އެ ގައުމުގެ އާބާދީގެ އަށް އިންސައްތައެވެ. މިއާއެކު ފަރަންސޭސިވިލާތުގައި ނަސާރާ އިން ފިޔަވައި ދެވަނަ އަށް އެންމެ ގިނައީ މުސްލިމުންނެވެ. ނަމަވެސް ފަރަންސޭސިވިލާތުގައި ނަސާރާއިންނަށް ލިބޭ ދީނީ ގިނަ ހައްގުތަށް މުސްލިމުންނަކަށް ނުލިބެ އެވެ. އަދި މުސްލިމުންނަށްވުރެ މާ ބައިމަދު ޔަހޫދީންނަށް ލިބޭ ދީނީ ހައްގުތަށްވެސް މުސްލިމުންނަކަށް ނުލިބެ އެވެ.
ހުދު ފަރަންސޭސި ދާޚިލީ ވަޒީރު ޖެރަލްޑް ޑަރްމަނިންއަކީވެސް މުސްލިމުންނާމެދު ހަރުކަށިކަމާއި ތަފާތުކުރުމުގެ ހަރުކަށި ފިކުރު ބޭފުޅެއްކަމަށް ނަން މަޝްހޫރު ބޭފުޅެކެވެ. ފަރަންސޭސި ނޫހެއްކަމަށްވާ ޗާލީ އެބްޑޫ ނޫހުން މީގެ ކުރިން ކީރިތި ރަސޫލާ މުހައްމަދު (ސޢވ) އަށް ފުރައްސާރަކޮށް ކާޓޫނު ކުރެހުމުން އެކަމަށް ތާއީދުކުރައްވައި ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން މިދިޔަމަހު ވާހަކަ ދެއްކެވުމުން ޑަރްމަނިން ވަނީ އެކަން ދިފާއުކުރައްވާފަ އެވެ. މިއާއެކު ފަރަންސޭސިވިލާތުގެ މުސްލިމުންގެ ތެރޭގައި ޑަރްމަނިން ސިފަކުރެވެނީ މުސްލިމުންނާމެދު ނަފްރަތުކުރުން ގެންގުޅޭ ހަރުކަށި ބޭފުޅެއްގެ ގޮތުގަ އެވެ.
މުސްލިމުންގެ ނަމުގައި ހަރަކާތްތެރިވާ ހަރުކަށި ބައެއް ފަރާތްތަކުން ފަރަންސޭސިވިލާތުގައި ހަރުކަށި ބައެއް އަމަލުތައް ހިންގި ނަމަވެސް އެއީ ފަރަންސޭސި މުސްލިމުންގެ ތާއީދު ލިބިގެންކުރާ ކަމެއްނޫނެވެ. ހަރުކަށި ހުރިހާ އަމަލުތަކަކަށް ފަރަންސޭސި މުސްލިމުން ދެކޮޅުހަދާކަމަށް މުސްލިމުންގެ ލީޑަރުންނާއި މުސްލިމުންގެ ޖަމްއިއްޔާ ޖަމާއަތްތަކުން ބުނެ އެވެ. ނަމަވެސް ހަރުކަށި އަމަލުތައް ހިންގާ މީހުންނާއި މުސްލިމުންނާ ގުޅުވުމަށް ފަރަންސޭސި ލީޑަރުން މަސައްކަތް ކުރައްވަމުން ގެންދަވަ އެވެ.
ފަރަންސޭސިވިލާތުގެ ޣައިރު މުސްލިމުން މުސްލިމުންނާ ދެކޮޅަށް ހިންގާ ހަރުކަށި އަމަލުތައް ފަރަންސޭސިވިލާތުގެ ނަސާރާ އިންނަކާ ނުގުޅުވަ އެވެ. ފަރަންސޭސި ސަލާމަތީ ބާރުތަކުން ޓެރަރިޒަމާ ދެކޮޅަށް ހިންގާ ހަރަކާތްތަކާ ދެކޮޅަށް އެގައުމުގެ ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަންތަކުގައި ކުށެއްނެތް މުސްލިމުންނަށް ދަތިކުރުމާއި ގޯނާކުރުމާއި އަނިޔާކުރުމުގެ އަމަލުތައް ވަރަށް ގިނައިން ހިންގަ އެވެ. މިސްކިތްތައް ބަންދުކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ އަމަނާބެހޭ އޮޕަރޭޝަނާމެދުވެސް ފަރަންސޭސި މުސްލިމުން ކަންބޮޑުވަނީ އެހެންވެ އެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ދީނީ މިނިވަންކަން ފަރަންސޭސިވިލާތުގައި އޮތްނަމަވެސް ފަރަންސޭސި ސަރުކާރުން ގެންދަނީ މުސްލިމުންގެ އަމިއްލަވަންތަކަމާއި އިސްލާމީ ސަގަފަތާއި އެނޫންވެސް މުސްލިމުންނަށް ހާއްސަ ކަންކަން ދޫކޮށް ފަރަންސޭސި މުޖްތަމައުގެ ލާދީނީ އުސޫލުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ބާރުއަޅައި ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. (އަލްޖަޒީރާ)