ތެހެރާން (ޖަނަވަރީ 24) : އީރާނުގެ އިިޤްތިސާދީ މަސްލަޙަތާއި ޤައުމުގެ ސަލާމަތަށް ނުރައްކާވެއްޖެނަމަ ގަލްފުގެ ހުރްމުޒް ކަނޑުއޮޅި ބަންދުކުރާނެކަމުގެ އިންޒާރު އަނެއްކާވެސް އީރާނުން ދީފިއެވެ.

އީރާނުގެ ޕާލަމެންޓްގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ ވެރިޔާ ޙިޝްމަތުﷲ ފަލާޙަތު ވިދާޅުވީ އީރާނުގެ ޤައުމީ މަސްލަޙަތަށް ބޭރުގެ ޢުދުވާނެއް ކުރިމަތިވެއްޖެނަމަ ހުރްމުޒް ކަނޑުއޮޅި ބަންދުކުރާނެ ކަމަށާއި އެކަމުގެ ޤާބިލްކަން އީރާނަށް ލިބިގެންވާ ކަމުގައެވެ.

އޭނާ ވިދާޅުވީ ހުރްމުޒް ކަނޑުއޮޅި ބަންދުކުރަންޖެހިދާނެ ކަމުގެ ފުރަތަމަ އިންޒާރު އީރާން ދިނުމުން އެމެރިކާ އާދަޔާ ޚިލާފަށް ކަންބޮޑުވިކަމަށާއި މިމައްސަލާގައި ކަންބޮޑުވެގެން އެމެރިކާގެ ރައީސް ބަރަކް އޮބާމާ އީރާނުގެ އިސްވެރިންނަށް ސިޓީއެއްވެސް ފޮނުއްވާފައިވާ ކަމަށެވެ.

ޙިޝްމަތުﷲ ވިދާޅުވީ އީރާނާދެކޮޅަށް އިޤްތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން ގެންދިޔުމާއި އީރާނުގެ ތެޔޮ ބޭރުކުރުން ހުއްޓުވަން މަސައްކަތްކުރުމުގެ އިތުރުން އީރާނުގެ ނިއުކްލިޔަރ ސައެންޓިސްޓުން މަރައި ނިއުކްލިޔަރ މަރުކަޒުތަކަށް އިސްވެ ޙަމަލާދޭނެޖެހިދާނެކަމުގެ އިންޒާރުވެސް އެމެރިކާ ދެމުންގެންދާއިރު އީރާންވެސް މަޑުންނޯންނެކަން އެމެރިކާ ދަންނަންޖެހޭނެ ކަމުގައެވެ. އަދި އެމެރިކާގެ ޢުދުވާނީ ޢަމަލުތަކުން ޚުދު އެމެރިކާއަށްވެސް ލިބޭނީ މުޅިން ގެއްލުންކަން އެމެރިކާއަށް އަންގަންޖެހޭ ކަމުގައެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން އީރާނަށް ގޯނާކުރަން މަސައްކަތްނުކުރާނަމަ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ބިރު އެމެރިކާއަށް ނޯންނާނެ ކަމަށްވެސް ޙިޝްމަތުﷲ ވިދާޅުވިއެވެ. ދުނިޔޭގެ ބާޒާރަށް އެކްސްޕޯޓްކުރާ ޔެލުގެ 40% ހުރަސްކުރަނީ ގާތްގަނޑަކަށް 35 ކިލޯމީޓަރުގެ ފުޅާމިން ހުންނަ ކަނޑުއޮޅިއެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅިންނެވެ. މިކަނޑުއޮޅި ބަންދުނުކުރުމަށް އެމެރިކާވަނީ އެމެރިކާވަނީ އީރާނަށް އިންޒާރުކޮށްފައެވެ.

އެމެރިކާގެ ސިފައިންގެ ގުޅިފައިވާ ލަޝްކަރުތަކުގެ ކޮމާންޑަރު ޖެނެރަލް މާޓިން ޑިމްޕްސީ ވިދާޅުވެފައިވަނީ އީރާނަށް ހުރްމުޒް ކަނޑުއޮޅި ބަންދުކުރެވިދާނެކަމަށާ ނަމަވެސް އެކަނޑުއޮޅި އަލުން އެމެރިކާ ހުޅުވާނެ ކަމުގައެވެ. އަދި އީރާނާއެކު ހަނގުރާމައަކަށް ދާންޖެހިއްޖެނަމަ އީރާން ބަލިކޮށްލާނެ ކަމުގެ އިންޒާރުވެސް ޑިމްޕްސީ ދެއްވިއެވެ.

އީރާނުގެ ނޫސްތަކުންވަނީ 10 އަހަރުގެ ހަނގުރާމައަކުން އަފްޣާނިސްތާނުގެ ތާލިބާނުން ބަލިނުކުރެވުމުގެ އިތުރުން ވިއެޓްނާމް ހަނގުރާމައިގާވެސް އެމެރިކާ ބަލިވެފައިވާކަން ހާމަކޮށްފައެވެ.

ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފިނަމަ ތެލުގެއަގު އިންތިހާއަށް މަތިވެ އެމެރިކާއާއި ޔޫރަޕްގެ އިޤްތިސާދު އިނދަޖެހޭ ހިސާބަށް ކަންތައް ހިނގައިދާނެކަމުގެ ބިރު އެބައޮތްކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. -- އަލްޢާލަމް