ހޮންގްކޮންގްގެ ޑިމޮކްރަސީއަށް ތާއިދުކުރާ މީޑިއާއެއްގެ ވެރިއެއްކަމަށްވާ ޖިމީ ލައި ހައްޔަރުކޮށްފި އެވެ.

ހޮންގް ކޮންގްގެ ނެކްސްޓް ޑިޖިޓަލްގެ ފައުންޑާ ޖިމީ ހައްޔަރުކޮށްފައި ވަނީ އޮޅުވާލުންތަކެއްގެ ތުހުމަތުގަ އެވެ. އެ މީޑިއާއަކީ އާންމުކޮށް ޗައިނާއަށް ފާޑުކޮށް ލިޔުންތައް ލިޔާ މީޑިއާއެކެވެ.

އޭނާއަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ގަވައިދާ ހިލާފަށް ބިމެއް ލީސްކުރުން ހިމެނެ އެވެ. ޖިމީއާއެކު އޭނާގެ މީޑިއާގެ ސީނިއާ ދެމީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ޖިމީ ކަފާލާތުގެ ދަށުން މިނިވަންކުރަން ވެސް ހުއްދަ ދީފައެއް ނުވެ އެވެ.

ޖިމީ ހައްޔަރުކުރި އިރު ހޮންގް ކޮންގްގެ ޑިމޮކްރަސީއަށް ތާއިދުކުރާ ތިން އެކްޓިވިސްޓަކު އިއްޔެ ވަނީ ޖަލަށް ލާން ހުކުމްކޮށްފަ އެވެ.

ޖިމީއަކީ ހޮންގްކޮންގްގައި ޑިމޮކްރަސީއަށް އެންމެ ބޮޑަށް ތާއިދުކުރާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާގެ މިލްކިއްޔާތު އެއް ބިލިއަން ޑޮލަަރަށް އަރަ އެވެެ.

ހޮންގްކޮންގެ އާ އަމަނާ ބެހޭ ގަވައިދުގެ ދަށުން ބޭރުގެ ފަރާތްތަކާ ބައިވެރިވެގެން ގައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުތަކެއް ވެސް ޖިމީއަށް ވަނީ ކުރެވިފަ އެވެ.

މިދިޔަ އޮގަސްޓު މަހު ހޮންގްކޮންގްގެ ފުލުހުން ވަނީ ޖިމީގެ އޮފީސް ރެއިޑްކޮށް އޭނާ ހައްޔަރުކޮށްފަ އެވެ. ނަަމަވެސް ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލި އެވެ.