03 Dec 2020, 12:36
ޗެންޕިއަންސް ލީގުގައި ރޭ ސެވިއްޔާ އާއި ޗެލްސީ ކުޅުނު ގްރޫޕް އީ ގެ މެޗުގައި ސެވިއްޔާގެ 14 މެޗުގެ ހޯމް ރެކޯޑް ފުނޑާލުމަށްފަހު ޗެލްސީގެ އޮލިވިއޭ ޖިރޫ ޗެންޕިއަންސް ލީގުގެ އާ ރެކޯޑެއް ހަދައިފި އެވެ.
ރޭ ކުޅުނު މެޗުގައި 4-0 ގެ ނަތީޖާއަކުން ބަލިވި ސެވިއްޔާ ވަނީ ހޯމްގައި އެ ޓީމު ކުޅުނު އެންމެ ފަހު 14 މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ރޭގެ ނާކާމިޔާބީއާއެކު ސެވިއްޔާގެ މި ރެކޯޑް ފުނޑާލާފައި ވާއިރު، ރޭގެ މެޗުގައި ޖެހި ހެޓްރިކާއެކު 34 އަހަރުގެ ޖިރޫ ވެގެން ދިޔައީ ޗެންޕިއަންސް ލީގުގައި ހެޓްރިކެއް ކާމިޔާބު ކުރި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށެވެ.
އޭގެ އިތިރުން ރޭގެ މެޗުގައި ޖިރޫ ކާމިޔާބުކުރި ހަތަރު ލަނޑާއެކު އޭނާ ވެގެން ދިޔައީ 2010 ވަނަ އަހަރު ފްރޭންކް ލަމްޕާޑް އެސްޓަން ވިލާއާ ދެކޮޅަށް ޗެލްސީއަށް ކާމިޔާބު ކޮށްދިން ހަތަރު ލަނޑަށްފަހު، މެޗެއްގައި ހަތަރު ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ކުޅުންތެރިޔާއަށެވެ. އަދި ރޭގެ ނަތީޖާއާއެކު ޖިރޫ ވެގެން ދިޔައީ ޔޫރަޕިއަން ކަޕެއްގައި އަދި ޗެންޕިއަންސް ލީގުގައި ޗެލްސީއަށް ހަތަރު ލަނޑު ކާމިޔާބު ކޮށްދިން ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ރޭގެ މެޗުގައި ޖިރޫގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 8 ވަނަ މިނެޓުގައި ސެވިއްޔާގެ ޑިފެންސް ލައިން ފޫއަޅުވާލާ ކައި ހެވާޓްސް އޭނާއަށް ދިން ޕާހެއް ގޯލްގެ ތެރެއަށް ފޮނުވާލުމުންނެވެ. އެ ލަނޑާއެކު ސެވިއްޔާވަނީ ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފް ނިމެންދެން ޗެލްސީގެ ގޯލަށް ނުރައްކާ ކޮށްފައިވާއިރު، ހާފް ނިމުނީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ދެވަނަ ހާފް ޗެލްސީ ފަށާފައި ވަނީ އާ ހިތްވަރަކާއެކީ އެވެ. އެގޮތުން މެޗުގެ 54 ވަނަ މިނެޓުގައި މެޓިއޯ ކޮވަކިކް ދިން ބޯޅައާއެކު ސެވިއްޔާގެ ޑިފެންޑަރ ސަރޖީ ގޮމޭޒް ކައިރިން ނައްޓާ، ޖިރޫ ވަނީ ޗެލްސީއަށް އެ ޓީމުގެ ދެވަނަ ލަނޑު ކަމިޔާބު ކޮށްދީފަ އެވެ.
ޗެލްސީއަށް އެ ޓީމުގެ ތިންވަނަ ލަނޑު ޖިރޫ ކާމިޔާބު ކޮށްދިނީ 74 ވަނަ މިނެޓުގައި ކަންޓޭ ނަގައިދިން ހުރަސް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިންނެވެ. އަދި ގޮމޭޒް ކުރި ފައުލަކުން މެޗުގެ 83 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ގޯލްގެ ތެރެއަށް ފޮނުވާލާ، ޖިރޫ ވަނީ ޗެލްސީގެ ރެކޯޑް ފޮތުގައި އޭނާގެ ނަން ފަވާލާފަ އެވެ.