ރޭ ޗެންޕިއަންސް ލީގުގައި ކުޅުނު ގްރޫޕް އެޗްގެ މެޗުގައި، ނޭމާ ޕެރިސް ސެއިންޓް ޖާމެން އަށް ކާމިޔާބު ކޮށްދިން ދެ ލަނޑާއެކު މެންޗެސްޓަރ ޔުނައިޓަޑް މުބާރާތުގެ ނޮކްއައުޓް ސްޓޭޖަށް ދިޔުމަށް އަނެއްކާވެސް އިތުރު މަސައްކަތްތަކެއް ކުރަން ޖެހިއްޖެ އެވެ.

ޔުނައިޓަޑްގެ މައްޗަށް ޕީއެސްޖީ ރޭ ހޯދި ކާމިޔާބާއެކު ޕީއެސްޖީ ވަނީ ގޯލްގެ ތަފާތުން މުބާރާތުގެ ގްރޫޕް އެޗްގެ ތާވަލްގެ އެއްވަނައިގައި އޮތް ޔުނައިޓަޑްގެ މައްޗަށް ކުރި ހޯދާފަ އެވެ. ދެ ޓީމަށްވެސް މުބާރާތުގައި މިހާތަނަށް 9 ޕޮއިންޓް ލިބިފައި ވާއިރު، މުބާރާތުގެ ދެވަނަ ބުރަށް ޔުއިޓަޑަށް ދިޔުމުގެ ފުރުސަތު ދެން އޮތީ ތާވަލްގެ ތިންވަނައިގައި އޮތް ލައިޕްޒިގްއާ ދެކޮޅަށް ކުރިއަށް ކުޅެން އޮތް މެޗު އެއްވަރު ކޮށްގެނެވެ.

ރޭ ޔުނައިޓަޑް ކުޅުނު މެޗަކީ 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައި އިރު އެންމެ އަވަހަށް އެ ޓީމްގެ ގޯލަށް އިދިކޮޅު ޓީމުން ލަނޑެއް ކާމިޔާބު މެޗެވެ. އެ ލަނޑު ޕީއެސްޖީއަށް ކާމިޔާބު ކޮށްދިނީ މެޗުގެ 6 ވަނަ މިނެތުގައި އެޓީމުގެ ކިލިއަން މްބައްޕޭ ފޮނުވާލި ބާރު ޝޮޓެއްގެ ރީބައުންޑްގެ ބޭނުން ހިފާ، ހަނި އެންގަލަކުން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިން އެ ޓީމުގެ ނޭމާ އެވެ.

މެޗުގެ ކުރީކޮޅު އަވަސް ލީޑެއް ޕީއެސްޖީއިން ހޯދި ނަމަވެސް، ޔުނައިޓަޑް ވަނީ މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރު ކޮށްފަ އެވެ. އެ ލަނޑު ޔުނައިޓަޑަށް ކާމިޔާބުވީ ޔުނައިޓަޑްގެ މާރކަސް ރަޝްފޯޑް ފޮނުވާލި ޝޮޓް ޕީއެސްޖީގެ ޑެނީލިއޯ ޕެރޭރާގެ ގައިގާ ޖެހި ޕީއެސްޖީގެ ގޯލްގެ ތެރެއަށް ޑިފްލެކްޓް ވެގެން ދިޔުމުންނެވެ.

މެޗުގައި ޕީއެސްޖީ ދެވަނަ ފަހަރަށް ކުރި ހޯދީ 69 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން މަރކީނިއޯ ޖެހި ލަނޑާއެކު އެވެ. އެ ލަނޑާއެކު ޕީއެސްޖީ މެޗުގެ ލީޑް ނެގުމުގެ އިތުރުން، ޔުނައިޓަޑަށް މެޗުގައި ލިބިގެން ދިޔަ އެންމެ ބޮޑު އެއް ނިކަމެތިކަމަކީ މެޗުގެ 70 ވަނަ މިނެޓުގައި އެ ޓީމުގެ މިޑްފީލްޑަރު ފްރެޑް އަށް ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމެވެ.

މެޗުގައި ދެ ޓީމަށްވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިޔަ ނަމަވެސް، ޔުނައިޓަޑަށް ވަނީ ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭ ގޮތް ނުވެފަ އެވެ. މެޗުގެ ފަހު ވަގުތުކޮޅުގައި 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ޔުނައިޓަޑްގެ މައްޗަށް ޕީއެސްޖީގެ ކާމިޔާބީ ފުރިހަމަ ވެގެން ދިޔައީ މެޗިގެ އިތުރު ވަގުތުގައި ނޭމާ އެ ޓީމަށް ކާމިޔާބު ކޮށްދިން ލަނޑުނެވެ.