ހަފުތާއަކަށް ވުރެ ދިގުލައިގެން ގޮސްފައިވާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއް ރޭވެސް ބޭއްވި އިރު ބޯމަތީގައި އޮތް ދިވެހިންގެ ފަހުރުވެރި ގައުމީ ދުވަހުގެ މަތިން ވެސް ގިނަ ބަޔަކު ތިބީ ހަނދާން ނެތިފަ އެވެ. އެހެން ނަމަވެސް އެމްއެމްއޭ ކުރިމައްޗަށް އެއްވެ، ކްރިމިނަލް ކޯޓްގެ އިސްގާޒީ މިނިވަން ކުރުމަށާއި ރައީސް ނަޝީދުގެ ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވުމަށް އާދަވެފައިވާ މީހުންނަށް އެމީހުންގެ މަސައްކަތް ގައިމުވެސް ހަނދާން ނުނެތެއެވެ. ރޭގަނޑުގެ ކެއުން ނިމުމާއެކު އެސަރަހައްދަށް މީހުން ޖަމާވާން ފެށީ އެހެންވެއެވެ.

މީހުން ޖަމާވެ، އަޑުގަދަކުރާ ހަރުކޮށްފައިވާ ޕިކަޕް ގެނެސް މުޒާހަރާގެ ބައިވެރިން ހަމަ ޖެހިލި އިރު ގަޑިން ގާތްގަނޑަކަށް ގަޑިން 10.00 ޖަހަނީއެވެ. ކުރީ ރެއެކޭ އެއްގޮތަށް އެމްއެމްއޭ ކުރިމަތިން އޮތް ސަރަހައްދު ފުލުހުން އޮތީ ބެރިކޭޑްޖަހައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ބައެއް އިސް ވެރިންގެ ތަގުރީރުތަކުން ފެށި މުޒާހަރާއަށް ، މި ސިލްސިލާގެ އެއްވެސް މުޒާހަރާއަކަށް ކުރިން ހާޒިވެވަޑައި ނުގަންނަވާ ބައެއް ސިޔާސީ ބޭފުޅުން ވެސް ވަޑައިގަތެވެ. އެހެންވެ، މި މުޒާހަރާ ތަފާތުވާނެކަމަށް އެންމެން ވެސް ގަބޫލުކުރި އެވެ.

މިފަހަރުގެ ސިލްސިލާއިން އަލަށް މޫނު ދައްކާލި ޕީޕީއެމްގެ ނައިބު ލީޑަރު އުމަރު ނަސީރާއި ގައުމީ ޕާޓީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހީމް ވަޑައިގަތުމުން އެއްވެ ތިބި މީހުންގެ ތަރުހީބު އެބޭފުޅުންނަށް އޮހުނެވެ. ހާއްސަ ގޮތެއްގައި އުމަރު ވަޑައިގަތުމުން އެހެން ރޭރެއާ މުޒާހަރާ ތަފާތުވާނެ ކަމަށް އެންމެ ވެސް ބުނަމުން ދިޔަ އެވެ.

ރައީސް ނަޝީދަށާއި ސަރުކާރުގެ އިސްވެރިންނަށް ފާޑުވިދާޅުވެ، އެބޭފުޅުން ދެއްވި ތަގުރީރުތަކަށް ފަހު ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވަން އިރުކޮޅަކު ތިއްބެވެ. އެސަރަހައްދުން އެހެން ދިމާއަށްދާން ހިނގައިގަތީ މުޒާހަރާގައި ނަގާ ކިޔާ ބޭފުޅުން އިރުޝާދާއެކު އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަހުމަދު އިލްހާމުގެ އިރުޝާދާއެކު މުޒާހަރާގެ ބައިވެރިން ދިޔައީ އެމްއެންބީސީގެ އިދާރާއާއި ރާއްޖެ ރޭޑިއޯ ހުންނަ އިމާރާތް ކައިރިއަށެވެ. އެވަގުތު އެތަނުގައި މަޑުކޮށްފައި އޮތް ފުލުހުންގެ ދެ ވެހިކަލްގެ ތެރެއިން އެއް ވެހިކަލަށް މުޒާހަރާގެ ބައިވެރިންގެ ތެރެއިން ހޫރައިލި ގާބުރިއަކުން ޖެހި އެއް ވެހިކަލްގެ އަރިމަތީ ބިއްލޫރިގަނޑެއް ތަޅައިގެން ދިޔައެވެ.

އިދިކޮޅު އިއްތިހާދުން އެމްއެންބީސީއާ ހުންނަ ސަރަހައްދަށް ދިޔައިރު، އެމްޑީޕީގެ މައި ގަރުގެއިން ނުކުތް މީހުންގެ މުޒާހަރާއެއް އަޑުގަދަ ކުރާއާއެކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ކައިރީގައިވެސް އޮތެވެ. އެމްޑީޕީގެ އެކްޓިވިސްޓުންނާއެކު ޖޭއެސްސީ ކުރިމައްޗަށް އެއްވި މީހުން ވަނީ ޖުޑީޝަރީ މިނިވަން ކުރުމަށާއި އަބްދުﷲ ގާޒީގެ މައްޗަށް އަވަހަށް ޝަރީއަތް ހިންގުމަށް ގޮވާލާފަ އެވެ. އަދި އަބްދުﷲ ގާޒީގެ މައްޗަށް ތުހުމަތު ކުރެވޭ ސުލޫކީ މައްސަލަ ބަލައި އޭނާއާމެދު ފިޔަވަޅުތައް އެޅުމަށް ވެސް އެމްޑީޕީގެ އެކްޓިވިސްޓުންގެ ތާޅަފިލިތަަކުން ގޮވާލި އެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކާއި އެ ޕާޓީގެ ނައިބު ރައީސް އަލްހާން ފަހުމީ ލީޑު ކުރެއްވި މުޒާހަރާ ހުއްޓާލުމަށް ފުލުހުން އިރުޝާދު ދިނުމާއެކު އެމްއެމްއޭ ސަރަހައްދަށް އެމްޑީޕީގެ އެކްޓިވިސްޓުން ޖަމާވި އެވެ. ޖުޑީޝަރީ މިނިވަން ކުރުމަށް ގޮވާލައި އެމްއެމްއޭ ސަރަހައްދުގައި އަޑު އުފުލުމަށްފަހު، ނައްޓާލަން އުޅެނިކޮށް ރަޔަޓް ގިޔަރު ފުލުހުން ވަނީ އަޑުގަދަ ކުރާ ހަރުކޮށްފައި ހުރި އެމްޑީޕީގެ ޕިކަޕި ހިފަހައްޓާފަ އެވެ. އަދި އެ ވަގުތު އިދިކޮޅު އިއްތިހާދު މުޒާހަރާގެ މަދު އެކްޓިވިސްޓުންތަކެއް އެމްޑީޕީގެ މުޒާހަރާގެ ތެރެއަށްވަދެ ކުރިމަތިލައި ހަމަނުޖެހުން ހިންގައި އެވެ.

އެ ހަމަނުޖެހުން ފުލުހުން ކޮންޓްރޯލް ކުރީ ޕެޕާ ސްޕްރޭ ބޭނުންކޮށްގެންނެވެ. އަދި ދެ ބައިމީހުން ހަމަލާދިނުމަށް ބޭނުން ކުރި ލަޓި ބުރިއާއި ވަޅި ފަދަތަކެތި ބައެއް މީހުން އަތުން ވަނީ ފުލުހުން އަތުލައިފަ އެވެ. ނަސީބަކުން އެމްއެމްއޭ ސަރަހައްދުގައި ހަމަނުޖެހުންތައް ދިގުލައިގެނެއް ނުދެ އެވެ. އެ ސަރަހައްދު ދޫކުރުމަށްފަހު އެމްޑީޕީގެ އެކްޓިވިސްޓުން މިސްރާބު ޖެހީ ޕާޓީގެ މައި ހަރުގެއާ ދިމާއަށެވެ. މައިގަނޑު ސަބަބަކީ އެމްއެންބީސީކައިރިއަށް އިދިކޮޅު މީހުން އެއްވާ ޚަބަރެއް ފެތުރިގެން ދިއުމެވެ.
އިދިކޮޅު އިއްތިހާދުގެ މުޒާހަރާގެ ބައިވެރިން އަމީނީ މަގުން މުޒާހަރާ ކުރަމުންދަނިކޮށް އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން ކުރި އިންޒާރާ އެކު ރައީސް ނަޝީދާއި ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ އިސްތިއުފާއަށް ގޮވަމުން ކުރިއަށް ދިޔަ އިރު މުޒާހާގެ ބައިވެރިން ދިއުމަށް ވަކި މަންޒިލެއް ކަނޑައަޅާފައިވާކަން ވެސް ދިޔައީ އިއުލާނު ކުރަމުންނެވެ. އަމީނީ މަގުން ކުރިއަށް ގޮސް އަނެއްކާވެސް އަނބުރާ ބުރުޒުމަގަށް ވަނުމަށް ފަހު މުޒާހަރާގެ ބައިވެރިން ދެން ވެސް ދިޔައީ އަމީނީ މަގަށެވެ.

ދެވަނަ ފަހަރު އަމީނީ މަގަށް ނުކުތުމަށް ފަހު މުޒާހަރާގެ ބައިވެރިންގެ ހިނގުން އަވަސްކުރި އެވެ.

ފިނޭންސް މިނިސްޓްރީގެ އިދާރާއާ ހަމައަށް އެރުމާއެކު އެ އިމާރާތުގެ ކުރިމަތީގައި ހުރި ރެސްޓޯރެންޓެއްގެ މަތިން ލަކުޑި ފަތިބުރިތަކުގެ ވާރޭއެއް މުޒާހަރާގެ ބައިވެރިންނަށާއި މުޒާހަރާ ޕިކަޕަށް އޮހުނެވެ.

ފުލުހުންގެ ދެވެހިކަލާއި ގިނަ ފުލުހުން ތަކެއް އޭރު އެތާ ތިބ ނަމަވެސް އުކަމުން ދިޔަ ތަކެތި ހުއްޓުވުމުގެ ބަދަލުގައި މުޒާހަރާގެ ބައިވެރިންގެ ޕިކަޕް ހިމާޔަތްކުރަން ފުލުހުން އުޅުނުތަން ފެނުނެވެ.

ރެސްޓޯރެންޓްގެ ދެވަނަ ފަންގިފިލާގައި ތިބެ، ލަކުޑި ފަތިތައް އުކުމުން މުޒާހަރާގެ ބައިވެރިން ރުޅި ގަދަވެ، ހަމަ އެމަގުގައި ހުންނަ އެމްޑީޕީގެ މައި ހަރުގެއާ ދިމާއަށް ދުއްވައިގަތެވެ. ދުވެފަ އެވެ. އެމްޑީޕީގެ މައި ހަރުގެއާ ދިމާއަށެވެ. ދެން ފެނުނީ ހަރުގެއާ ދިމާއަށް ދުވި މީހުން ދާދި އަވަހަށް އައިކޮޅަށް އަނބުރާލައި ކުރިއަށް ވުރެ ބާރަށް ދުއްވައިގަތްތަނެވެ. ލަކުޑިބުރި ބުރި ހިފައިގެން ތިބި ބަޔަކު އެމީހުން ފަހަތުން އަންނާތީ އޭރު ފެނުނެވެ.

ފަހަތަށް ދުވި މީހުންގެ އަލުން ހަރުގެއާ ދިމާއަށް އަނބުރާލި އިރު އެމީހުންގެ އަތުގައި ވެސް ލަކުޑިބުރިތައް ހުރިތަން ފެނުނެވެ. އޭރު މަގުމަތި ހަލަބޮލިވެ މުޅި މަގަށް ޖަމާވެފައިވާ އެންމެން "ކުޅަނދުރަށް" ވެފައިވާއި އޮތުމުން ދެން މަސައްކަތް ކުރަން ޖެހުނީ އަމިއްލަ ޖާނައިގެން އުޅޭނެށެވެ. މީހުން ބައިބޯވެފައިވާ މުޅި މަގުގައި ވެސް އޭރު އޮތީ ތަޅާފޮޅުމެވެ. އެމީހެއގެ ދުލަށް އައިހާ ނުބައި ބަސްތަކާއެކު އެވެ.

އޭރު ބްރޯޑްކާސްޓް ކޮމިޝަންގެ ދޮރުމައްޗަށް ވާ ކަހަލަ ގޮތަކަށް އެމްއެންބީސީ ވަން ގެ ނޫސްވެރިއަކު ވެއްޓިފައި އޮތެވެ. އޭނާ ކުކުރިއިރު ހަމަ އެސްޓޭޝަންގެ ކެމެރާމަނަކު ދިޔައީ އޭނާ ވެއްޓިފައި އޮތް މަންޒަރު ވީޑިއޯ ކުރަމުންނެވެ.

އެމްއެންބީސީގެ ޖާނަލިސްޓް މޫސާ ނައުޝާދަށް ހަމަލާދީ ލަޓިބުރިންނެވެ. އޭނާ ވައްޓައިލައިގެން ވެސް ތެޅި އެވެ. މަންޒަރު ދުށް ގިނަމީހުން ބުނީ އޭނާއަށް ހަމަލާދިން މީހުން އައީ އެމްޑީޕީގެ ހަރުގެއާ ދިމާއިން ކަމަށެވެ. ނަމަވެސް އެމީހުން އައީ ސީދާ ހަރުގެއިން ކަމަކަށް އެއްވެސް މީހަކު ނުބުނެ އެވެ.

ފުލުހުންނާއި ސިފައިންނަށް ކޮންޓްރޯލް އަތުވާވާވަރުވީ މުޅި ތަނުގައި ދެބައި މީހުން މާރާމާރީ ހިންގައި ކަރަންޓް ޝޮކްދޭ ބާވަތެއްގެ އާލާތެއް ހިފައިގެން ބަޔަކު ނުކުމެ ބައެއް މީހުންނަށް ހަމަލާދިން ފަހުންނެވެ.

އެހިސާބުން ފެނުނީ ފުލުހުންނަށް ވުރެ ބޮޑަށް ސިފައިންހަރަކާތެރިވި ތަނެވެ. އަދި މީހުން ހައްޔަރު ކުރުމާއި ފަހަތަށް ޖެއްސުމާއި ސަރަހައްދު ސާފު ކުރަމުން ދިޔަ މަންޒަރެވެ. އޭރު މުޒާހަރާގެ ބައިވެރިން އެ ސަރަހައްދާ ގުޅިފައިވާ ގޯޅިތަކަށް ވަދެގެ ވަނީ ގެއްލިފަ އެވެ. ނަމަވެސް މުޅި މަގުގައި ލަޓިބުރިތައް ހިފައިގެން މީހުން ދުވާ މަންޒަރާއި ފުލުހުން އެމީހުން ފަހައި ދުވާ މަންޒަރު އެތައް އިރެއް ވަންދެން އޮތެވެ.

ގައުމީ ދުވަސް މިފަދަ ގޮތަކަށް ފެށިގެން ދިޔައިރު އެތައް ބަޔަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނެވެ. އަދި އެތައް ބަޔަކު ވަނީ ދޫނިދޫގައި ގައުމީ ދުވަސް "ފާހަގަ ކުރަން" ފުލުހުންގެ އަތްދަށަށް ވެސް ދާން ޖެހިފައެވެ. ރޭ މުޒާހާރާގެ ތަލައިލުން ނިންމާލިއިރު އޮތީ މެންދަމުގެ ދަންފަޅިއަޅަށް އެޅިފަ އެވެ.