ޕެރިސް (ޑިސެމްބަރު 3) : ފަރަންސޭސިވިލާތުގެ ކުރީގެ ރައީސެއްކަމަށްވާ ވެލަރީ ޖިސްކާޑެސްޓާން ކޮވިޑް-19ގެ އާލާސްކަންފުޅުގައި އަވަހާރަވެއްޖެ އެވެ.

ޖިސްކާޑެސްޓާންގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާ އަވަހާރަވީ ކޮވިޑް ޖެހި ހުންގަދަވުމާ އެކު ނޭވާލުމަށް ދަތިވުމާއި އެނޫން ވެސް ކޮވިޑްގެ ސަބަބުން ހަށިގަނޑަށް ލިބެމުންދިޔަ ވޭންތަކެއް ތަހައްމަލް ކުރައްވަމުން ގެންދަނިކޮށެވެ. ފަރަންސޭސި ރިޔާސީ ގަނޑުވަރުކަމަށްވާ އެލިޒޭ އިން ވެސް ވަނީ އުމުރުފުޅުން 94ގައި ވެލަރީ ޖިސްކާޑެސްޓާން އަވަހާރަވިކަން ކަށަވަރުކޮށްދީފަ އެވެ. ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯންވަނީ ޖިސްކާޑެސްޓާން ގެ އާއިލާއާ ގުޅުއްވައި ތައުޒިޔާ ވިދާޅުވެފަ އެވެ.

ޖިސްކާޑެސްޓާންގެ ވެރިކަމުގައި އެމެރިކާގެ އޭރުގެ ރައީސް ޖިމީ ކާޓަރ އާއި ހުޅަނގުގެ ޖަރުމަނުގެ ޗާންސެލާ ހެލްމުތް ޝްމިޓް އާއެކު

ޖިސްކާޑެސްޓާން ފަރަންސޭސި ރައީސްކަމުގައި ހުންނެވީ 1974 އިން 1981 އަށެވެ. އެދުވަސްވަރު ފަރަންސޭސި މުޖަތަމައު ޒަމާނީކޮށް ޔޫރަޕިޔަން ޖަމާއަތާއި ފަރަންސޭސިވިލާތް ގުޅުވައިދިނުމުގައި ޖިސްކާޑެސްޓާން މުހިއްމު ދައުރެއް އަދާކުރެއްވި އެވެ. ޔޫރަޕްގެ ޖަމާއަތް ޔޫރަޕިޔަން އިކޮނޮމިކް ކޮމިއުނިޓީ، ޔޫރަޕިޔަން ކޮމަން މާކެޓް އަދި އެންމެފަހުން ޔޫރަޕްގެ އިއްތިޙާދުގެ ނަމަށް އެޖަމާއަތް ބަދަލުވެގެން ގޮސްފައިވާއިރު އެ ޖަމާއަތުގައި ފަރަންސޭސިވިލާތް ރަނގަނޅަށް ހަރަކާތްތެރިވާން ފަށާފައި ވަނީ ޖިސްކާޑެސްޓާންގެ ވެރިކަމުގަ އެވެ.

ޔޫރަޕްގެ ގައުމުތަކުގެ ފައިސާ އެއްފައިސާއަކަށް (ޔޫރޯ) ހެދުމުގެ ދެ މޭސްތިރިންގެ ތެރެއިން އެއްމޭސްތިރިއަކީ ވެސް ޖިސްކާޑެސްޓާން އެވެ. އަނެއް މޭސްތިރިއަކީ ދެ ޖަރުމަނު އޮތް ދުވަސްވަރު ހުޅަނގު ޖަރުމަނުގެ ޗާންސެލަރު ހެލްމޮތް ޝްމިތް އެވެ. ޝްމިތުގެ ވެރިކަމުގައި ޖިސްކާޑެސްޓާން ހުންނެވީ ފަރަންސޭސި ރައީސްކަމުގެ މަގާމުގަ އެވެ. އެދެބޭފުޅުންނަކީ ވަރަށް ގާތް ގުޅުންތަކެއް ބޭއްވި ދެބޭފުޅުންނެވެ.

ފަރަންސޭސިވިލާތުގައި ބޯދާގޮތަށް ހުރި ގިނަ ގާނޫނުތައް ޕާލަމެންޓަށް ހުށަހަޅައިގެން އެ ގާނޫނުތައް އިސްލާހުކޮށް ޒަމާނީ ކުރީވެސް ޖިސްކާޑެސްޓާންގެ ވެރިކަމުގަ އެވެ. ޖިސްކާޑެސްޓާންގެ ޖަނާޒާ ބާއްވާނީ އާއިލީ ފެންވަރުގައި އާދައިގެ ގޮތަކަށް ނުރަސްމީކޮށް ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ. ފަރަންސޭސި ކުރީގެ ރައީސެއްކަމަށްވާ ޖެކް ޝިރާކުވެސް މީގެ އަހަރެއްހާ ދުވަސްކުރިންވަނީ އަވަހާރަވެފަ އެވެ. (އަލްޖަޒީރާ)