09 Dec 2020, 12:50
މިދިޔަ ހޮނިހިރު ދުވަހު މެންދުރު އައިޝަތު ރިޒްލާ (އަސްލު ނަމެއް ނޫން) ހ. ވީނަސްލައިޓްގެ ކައިރަށް ދިޔައިރު އެ ގޭގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއައިޑީ)އިން އޮޕަރޭޝަނެއް ހިންގަމުން ދިޔަ ކަމެއް އޭނާއަކަށް ނޭނގެ އެވެ. އެ ގޭގެ ކައިރިން ރިޒްލާ ހުއްޓުވާ އޭނާ އެތަނަށް ގެނަ އެވެ. އޭނާއަކީ އޮފިސަރުން ދެކެފަރިތަ، މަސްތުވާތަކެތީގެ ތާރީހެއް އޮތް މީހަކަށްވެފައި، އޭނާ އައީ ވީނަސްލައިޓަށް ކަމަށް އޮތީ ބެލެވިފަ އެވެ. ވީނަސްލައިޓަކީ މާލޭގައި މަސްތުވާތަކެތި ބޭނުން ކުރުމުގެ ހިދުމަތްދޭ އެއް "ކެފޭ" އެވެ. ފުލުހުން އޭނާވެސް ގެއަށް ވައްދައި ހަށިގަނޑު ބަލައިފާސްކުރަން ފެށި އެވެ.
ރިޒްލާ އެ ގެއަށްވެއްދި އިރު ފުލުހުން ދިޔައީ މަސްތުވާތަކެތި ހޯދަން މުޅިތާ އަތްފުނާ އަޅަމުންނެވެ. ކުޑަކުޑަ ކޮޓަރިއަކާއި ބާ ސޯފާތަކެއް ބަހައްޓާފައި، ހުރި ސިޓިން ރޫމެއް ހުރި އެ ގެ ފުރާލާފައި އޮތީ ފުލުހުންނާއި ނޫސްވެރިންނެވެ. އެ ގެއަށް މަސްތުވާތަކެތި ބޭނުން ކުރަން ގޮސް ތިބި ކަމަށް ބެލެވޭ މީހުންގެ ހަށިގަނޑު ބަލައި ފާސްކޮށް، ފުލުހުން ސުވާލު ކުރަމުން ދިޔަ އެވެ. އެކި މީހުން ދައްކަމުން ދިޔައީ އެކި ބަހަނާ އެވެ.
"އަހަރެން އައީ މި ގެއަކަށް ނޫން. މިތާ ކައިރީ ހުރި ފިހާރައަށް. މިހާރު މަސްތުވާތަކެތި ބޭނުމެއް ނުކުރަން،" ރިޒްލާ އެ ގެއަށް އައީ ކީއްކުރަންތޯ އެހުމުން ޖަވާބުގައި އޭނާ ބުންޏެވެ.

ވީނަސް ލައިޓްގެ ފުރަތަމަ ފަންގިފިލާއަށް ހިމަ ސިޑިއަކުން އަރަމުންދާއިރު، މަތީގައި ދަނގަޑު ގޭޓެއް ހަރުކޮށްފައި --- ސަން ފޮޓޯ
އެ ގެއަކީ ކޮންކަހަލަ ގެއެއްކަން އެނގޭތޯ ސުވާލު ކުރުމުން އޭނާ ބުނީ، ފެންނަ ފެނުމަށް އެއީ މަސްތުވާތަކެތި ބޭނުން ކުރާ ގެއެއްކަން އެނގޭ ކަމަށެވެ.
ތެދެކެވެ؛ އެ ގޭގައި މަސްތުވާތަކެތި ބުއިމަށް ބޭނުންކޮށްފައި ހުރި ފޮއިލްތަކާއި، މަސްތުވާތަކެތި އާޅާފައި ހުންނަ ހުސް ރަބަރު ޕެކެޓްތައްވެސް ފެނުނެވެ. ފާރުގައި ކުރަހާފާއި ހުރި ކުރެހުންތަކާއި ލިޔެފައި ހުރި ލިޔުންތަކުންވެސް އެކަމަށް ވަރަށް ރަނގަޅަށް ބާރުދެ އެވެ. އެއީ މީހުން ނިދަން ހަދާފައި ހުރި ތަނެއް ނޫން ކަންވެސް ގެއަށް ބަލާލުމުން އެނގެ އެވެ. އެގެއަށް ޑީއައިޑީ ޓީމާއެކު ނޫސްވެރިން ދިޔަ އިރު އެ ގޭގައި އިތުރު ހަތަރު މީހުން ތިއްބެވެ.
"ޑޯންޓް އާސްކް ފޯ ޝޮޓްސް. އެއްވެސް މީހަކު ޝޮޓަކަށް ނުކިޔުން އެދެން،" އެ ގޭގެ ފާރުގައި ލިޔެފައިވެ އެވެ.

އެ ގޭގެ ފާރުގައި ލިޔެފައި ހުރި ބައެއް ލިޔުންތައް --- ސަން ފޮޓޯ
ރިޒްލާ ބަލާ ފާސް ކުރުމުން ނޫސްވެރިން އޭނާއާ ސުވާލު ކުރަން ފެށި އެވެ. އުމުރުން 30 އަހަރުގެ ރިޒްލާ ބުނި ގޮތުގައި އޭނާ އެންމެ ފުރަތަމަ މަސްތުވާތަކެތި ބޭނުން ކުރަން ފެށީ އުމުރުން 19 އަހަރުގަ އެވެ.
"އޭރު ފެމެލީ ތެރޭގައި ޖެހުނު މައްސަލައެއްގެ ސަބަބުން ފުރަތަމަ މަސްތުވާތަކެތި ބޭނުން ކުރަން ފެށުނީ،" ރިޒްލާ ބުންޏެވެ.
ވަކީލަކަށްވުމުގެ ހުވަފެނުން ކައްސާލައިގެން ދިޔަ ގޮތް!
ރިޒްލާއަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހުމުގެ ކުރިން ރަނގަޅު ވަޒީފާއެއްގައި އުޅެމުން ދިޔަ ޒުވާނެކެވެ. އެހެން މީހުންނެކޭ އެއްފަދައިން އޭނާވެސް ދިރިއުޅުމުގައި އައީ ހުވަފެންތަކެއް ދެކެމުންނެވެ. އޭނާ އެންމެ ބޭނުންވީ، ގާނޫނީ ވަކީލަކަށް ވުމަށެވެ. އެއީ އޭނާ ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުރި ދާއިރާއެކެވެ.
އެކަމަށް ހުރި ޝައުގުވެރިކަމުގެ ބޮޑުކަމުން ރިޒްލާ ވަނީ މައުހަދުން ޝަރީއާ އެންޑް ލޯއިން ފައުންޑޭޝަންވެސް ހަދާފަ އެވެ. އެހެން ނަމަވެސް ފައުންޑޭޝަން ނިމުމަށްފަހު، މަސްތުވާތަކެތީގެ ވަބާގައި ޖެހި އިތުރަށް ނުކިޔުވުނެވެ. އެންމެ ޒުވާން ދުވަސްވަރު ދިމާވި ރައްޓެހިންގެ ސަބަބުން މަސްތުވާތަކެތި ބޭނުން ކުރަން ފެށުނީ އެވެ.
"2010ގައި ފައުންޑޭޝަން ނިންމާފަ، އެއަށްވުރެ ކުރިއަށް ނުދެވުނު، މަސްތުވާތަކެއްޗާ ޖެހިގެން... އޭރު ޔަންގް އޭޖް ވީމަ މަޖާ ކުރަން ބޭނުންވީ،" ގާރީ ކޯސްވެސް ފުރިހަމަ ކޮށްފައިވާ ރިޒްލާ ބުންޏެވެ.

ރިޒްލާ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އޭނާ މަސްތުވާތަކެތި ބޭނުން ކުރަން ފެށި އުމުރުން 19 އަހަރުގައި --- ސަން ފޮޓޯ
ރިޒްލާ ބުނީ، އެންމެ ފުރަތަމަ އޭނާ ބޭނުން ކުރީ، މަސްތުވާތަކެތީގެ ދެވި ނުހިފާ ބާވަތްތައް ކަމަށެވެ. އެހެން ނަމަވެސް ރިހެބަށް ދާން ފެށި ފަހުން އެތަނުން އާ ރަހުމަތްތެރިން ލިބި، ބާރުގަދަ މަސްތުވާތަކެތީގެ ބާވަތްތައް ބޭނުން ކުރަން ފެށުނު ކަމަށް އޭނާ ބުންޏެވެ.
"ރިހެބަށް ފުރަތަމަ ދިޔައީ ވޮލެންޓިއާކޮށްގެން. އޭރު 19 އަހަރު. އޭރު ނޭނގެ ރަނގަޅަށް ބޯކަށްވެސް، ކިހިނެއްް ކުރަން ޖެހޭ ކަމެއްވެސް. އެތަނުން ރަނގަޅަށް މަސްތުވާތަކެތި ބޭނުން ކުރަން އެނގުނީ، އެވެއާކޮށްދޭންވެގެން ދިން މައުލޫމާތުތަކުން. އެތަނަށް ދާން ފެށިފަހުން ހެރޮއިން ބޭނުން ކުރަން ފެށީ،" ރިޒްލާ ބުންޏެވެ.
މާލެއަށް ނިސްބަތްވާ އޭނާ ބުނިގޮތުގައި އޭރު ފަރުވާއަށް ދާ އެންމެންނަށް ފަރުވާ ދެމުން އައީ އެންމެން އެއްކޮށް ކަމަށެވެ. އޭގެ ނަތީޖާއަކަށްވީ މަސްތުވާތަކެތީގެ އެހެން ބާވަތްތަކަށްވެސް އޭނާއަށް ބޭނުން ކުރަން އެނގުން ކަމަށް އޭނާ ބުންޏެވެ.
"ކެނެބިސް ބޭނުން ކުރާ ކުދިންނާއި ހެރޮއިން ބޭނުން ކުރާ ކުދިން އުޅޭނެ. އެ މީހުން [ރިހެބުން] ދޭ ފަރުވާއަކީ ހުރިހާ ބާވަތެއް އެއްކޮށް [އޭރު]. އެހެންވިއްޔާ ކެނެބިސް ބޭނުން ކުރާ ކުއްޖާވެސް ހެރޮއިން ބޭނުން ކުރުމުގެ ފުރުސަތު މި ބޮޑު ވަނީ،" ރިޒްލާ ބުންޏެވެ.
ރިޒްލާ ދެ ފަހަރެއްގެ މަތިން ރިހެބުން ފަރުވާ ހޯދި އެވެ. އޭނާ ބުނާ ގޮތުން މިހާރު ހެރޮއިން ބޭނުމެއް ނުކުރެ އެވެ. ނަމަވެސް މިހާރުވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވާނެތޯ ސުވާލު ކުރުމުން އޭނާ ބުނީ ވާނެ ކަމަށެވެ.
"ބޭހަކަށްވެސް ޕޮޒިޓިވް ވެދާނެ. މިހާރު އެހެން އުޅެލާފަ އޮކޭޝަނަލީ ކެނެބިސް ބޭނުން ކުރަނީ،" ރިޒްލާ ބުންޏެވެ.
ރިޒްލާ ގަބޫލު ކުރާގޮތުން އޭނާގެ މުޅި ދިރިއުޅުން ހަލާކުކޮށްލި އެއްޗަކީ މަސްތުވާތަކެއްޗެވެ. އަދިވެސް އޭނާ އެހުރީ އޭގެ ވަކިތަކުން މުޅިން ސަލާމަތް ނުވެވިފަ އެވެ.
"ފަހަތަށް އެނބުރި އެ ދުވަސްތަކަށް ބަލާއިރު، ދިރިއުޅުމުގައި ހޯދަން ބޭނުންވި ކަމިޔާބުތައް ނުހޯދުނީ މި އެއްޗެހި ބޭނުން ކުރީމަ،" މާޔޫސްވެފައި ހުރި ރާގަކަށް ރިޒްލާ ބުންޏެވެ.
އެއާއެކު ރިޒްލާ އެހެން މީހުނަށްވެސް ވަރަށް ރަނގަޅު މެސެޖެއް ދިނެއެވެ؛ "ކޮންމެ މީހަކުވެސް މިކަން ފަށަނީ ކަމަކާ ދެރަވެގެން ނޫނީ އައިލާގެ މައްސަލަތަކާ ހުރެ. އެކަމަކު އެކަންކަމާ ދެރަވެގެން މަސްތުވާތަކެތި ބޭނުން ކުރީމަ އެ ލިބެނީ އެ މީހާއަށް ކުރިއެރުމެއް ނޫން. އެމިހާ ދަނީ އެއަށްވުރެ ދަށަށް،" ކަމަށެވެ.
ކުރެހުންތެރިއެއް، އެކަމަކު ކުރިއަށް ދާން ބޮޑު ހުރަހެއް!

މިއީ މޮޅު ކުރެހުންތެރިއެއް: އެކަމަކު މަސްތުގެ އަވައިގައި ޖެހި ކުރިއެރުމަށް ވަނީ ހުރަސް އެޅިފައި --- ސަން ފޮޓޯ
ހުވަދު އަތޮޅު ރަށަކަށް އުފަން އިބްރާހިމް ރީހާން (އަސްލު ނަމެއް ނޫން) އަކީވެސް ހުރަން ފުރިފައިވާ ޒުވާނެކެވެ. އޭނާއާ ވެސް ދިމާވީ، ކެފޭ އުސޫލުން މަސްތުގެ ހިދުމަތްދޭ ކަމަށް ތުހުމަތުވާ ގެއަކުންނެވެ. ވަރަށް ހަނި ގޯޅިއަކުން ވަދެގެން ގޮސް ޖިފުޓި ގަނޑެއްހެން ހަދާފައި ހުރި އެ ގެއަށް ފުލުހުންނާއި ނޫސްވެރިން ދިޔަ އިރު، ރީހާން އިނީ ތަޅުމުގައި އަޅާފައި އޮތް ގޮދަޑީގައި ވަރަށް ހަމަ ޖެހިލައިގެން އޭނާ ކުރަން ގެންގުޅޭ ފޮތް ނަގައިގެން ސެލޯގްރިޕާ ގަލަމަކުން ކުރަހަންށެވެ. އެއް ފައި ކުރުކޮށްގެން ފާރަށް ލެގިލައިގެން އޭނާގެ ހިޔާލުގައިވާ އަންހެން ކުއްޖެއްގެ ފޮޓޯ ރީހާން ދިޔައީ ކުރަމުންނެވެ.
"ވަރަށް ކުރީއްސުރެ ޝައުގުވެރިކަން ހުންނަ ކަމެއް މިއީ. އެކަމަކު މަސްތުވާތަކެތީގައި ޖެހި މިކަމުންވެސް ކުރިއަށް ނުދެވުނު،" ރީހާން ބުންޏެވެ.

ރީހާން އޭނާގެ ކުރެހުންތަކާއެކު -- ސަން ފޮޓޯ
މިހާރު އުމުރުން 34 އަހަރުގެ ރީހާން މަސްތުވާތަކެތި ބޭނުން ކުރާތާ މިހާރު 16 ވަރަކަށް އަހަރުވެއްޖެ އެވެ. އޭނާ އަދިވެސް އެހުރީ އެ ވަކިތަކުން ސަލާމަތް ނުވި އެވެ.
"އަޅުގަނޑުމެން [މަސްތުވާތަކެތި] ބޭނުން ކުރަން ފެށީ މިއީ ކޯއްޗެއްކަން ނޭނގި. އެކަމަކު މިހާރު މި ބޭނުން ކުރާ ގިނަ ކުދިން މި ބޭނުން ކުރަނީ ހަމަ އެނގިހުރެ. އަޅުގަނޑު ބުނަން ބޭނުންވަނީ [މީގެ ނުރައްކާ] އެނގިހުރެ މިއާ ގާތް ނުވާށޭ.،" އަތްތެރި މަސައްކަތްތައްވެސް ކުރަމުން އަންނަ ރީހާން ބުންޏެވެ.
"މިއީ ބޮޑު ވަބާއެއް، އެއްގޮތަކަށްވެސް ކައިރިވާން ހެޔޮވަރު އެއްޗެއް ނޫން،"
މަސްތުގެ ދުނިޔެއިން މިފަދަ އެތައް ހުވަފެންތަކެއް ވަނީ ކިލަނބުކޮށްލާފަ އެވެ. އަދި ދަނީ ކިލަނބުވަމުންނެވެ.