ރާއްޖޭގެ ބިން ހުރި ރަށްތަކުން، ދިވެހީންނަށް ބިން ގަނެވޭނެ ގޮތް ހެދުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަން ބޭނުންވާކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ރާއްޖޭގެ ރަށްތަކުން ގޯތި ދިނުމުގައި ވިސްނުމެއް ގެންގުޅުއްވާ ކަމަށާއި، ރާއްޖޭގެ ރަށްރަށުގެ ތެރެއިން، ހާއްސަކޮށް ބިންހިއްކާފައި ހުރި ރަށްރަށުން ކޮންމެވެސް މިންވަރެއްގެ ބިން ރަށުން ބޭރު ދިވެހީންނަށް ވިއްކޭނެ އުސޫލެއް ގާއިމުކޮށް، އެކަން ކުރިއަށް ގެންދަން ރައީސް ވެސް އިންނަވާ ކޮމެޓީއަކުން ފާސްކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ތަނެއް ކުރިއަރައިދިއުމަށް، ވަކި ކަހަލަ ސިފަތަކެއް ހުންނަ ބަޔަކު އެ ތަނެއްގައި ހަރުލުމަކީ ވަރަށް މުހިންމު ކަމެކެވެ. މުޖުތަމައެއް ކުރިއަރާ ދާނީ މީހުންގެ ވިސްނުމުގެ ގާބިލުކަމާއި މީހުންގެ ތަނަވަސްކަމާ ހުރިހާ ކަމެއް މުޖުތަމައެއްގެ ތެރޭގައި އެކުވެގެން އައުމުން ކަމަށެވެ.

"އަޅުގަނޑު ހަމަ ހިތާމަޔާއެކީގައި ދަންނަވަން، އަޅުގަނޑުމެން މި ވާހަކަ ދައްކާފައި ވެސް އެއަށް ބައެއް ފަހަރު ތާއީދުކުރައްވާ ބޭފުޅުންވެސް އެބޭފުޅުންގެ ރަށުގެ ކަންތަކުގައި ޖެހުނީމާ އެ ރަށަކުން ހިލާ އިންޗިއެއް ވެސް އެހެން މީހަކަށް ލިބޭނެ ގޮތެއް ނުހަދާނަމޭ ބުނޭ އިނގޭތޯ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ ފިޔަވައި، ބަންޑާރަގޯތި ހިލޭ ލިބޭ ގައުމެއް ނޯންނަ ކަމަށެވެ. ނަމަވެސް އެއީ މިހާތަނަށް ވެސް ރާއްޖޭގައި އަމަލުކުރަމުން އައި ގޮތް ކަމަށްވުމުން، އެގޮތް އުވާލަން ސަރުކާރުން ނޫޅޭ ކަމަށެވެ.

"އެހެން ނަމަވެސް ކޮންމެވެސް މިންވަރަކަށް ބިމަކީ އަޅުގަނޑުމެންނަށް ވިޔަފާރި ކުރެވޭ، މުއާމަލާތް ކުރެވޭ އެއްޗަކަށް ވުމަށްޓަކައި ރަށުގެ ގޮނޑުދޮށުން ނެއްޓި، އެހެން ދިވެހި ރައްޔިތުންނަށް ވެސް އެރަށުގެ ބިން، އެރަށުގައި ދިރިއުޅެވޭނެ ގޮތް ހަދަން އަޅުގަނޑުމެން އެބަޖެހޭ ވިސްނުން ގެންނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ހިސާބު ޖަހައިލުމުން ގިނަ އަދަދެއްގެ ފައިސާ ލިބޭނެ ވަރަށް ބައެއް ރަށްރަށުގައި ބިމުގެ އަގު މިހާރު އެބަހުރި ކަމަށެވެ. އެހެންކަމުން އެހެން ދިވެހީންނަށް އެ ރަށްރަށް ހުޅުވާލައިފި ނަމަ، ރަށްތަކަށް ތަރައްގީ އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ރަށަކުން ބިންކޮޅެއް ގަނެގެން އަންނާނީ ތަނަވަސް މީހުން ކަމަށާއި، އެފަދަ މީހަކު ރަށަށް އައިސްފިނަމަ އެމީހެއްގެ ފަރާތުން އެރަށަކަށް ކުރިއެރުމާއި ފައިދާ ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެ ވިސްނުން އަޅުގަނޑުމެންގެ ތެރެއަށް ގެނައުން އެއީ ވަރަށް މުހިންމު ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބިން ވިއްކުމުގެ ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފިކުރާއި ކައުންސިލްތަކުގެ ވިސްނުން ހުރި ގޮތެއް ބަލާފައި އެކަން ކުރިއަށް ގެންދަން ރައީސް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

މިހާރު ރާއްޖޭގެ ރަށްތަކުގައި ބިން ހުރި މިންވަރާއި، ބިން ވިއްކޭނެ މިންވަރާއި، ބިން ވިއްކޭނެ ބޭސް ރޭޓް ވެސް މިހާރު ކަނޑައަޅާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެވަރަށް ވިކިއްޖެއްޔާ އެ ރަށަކަށް ލިބޭނެ އާމްދަނީއަކީ ކޮބައިކަން ވެސް ކަނޑައަޅާފައި ހުންނާނެ. އެހެންވީމަ، އެ މަޝްވަރާކޮށްލަން އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވޭ. އަޅުގަނޑު އެދެން އަޅުގަނޑަށް އެފަދަ ފުރުސަތެއް މަޖިލީހުން ތަނަވަސް ކޮށްދެއްވަން،" މިނިސްޓަރު އެދިވަޑައިގަތެވެ.

މިނިސްޓަރުގެ ވާހަކައާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ވަނީ މި މަހުގެ ހަތް ވަނަ ދުވަހު މަޖިލިސް ރިސެސް އަށް ދިއުމުގެ ކުރިން، އެ މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ގޮތެއް އިންތިޒާމް ކޮށްދެއްވާނެ ކަމަށެވެ.