ގައުމީ ދުވަހަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި އެ ދުވަހެއްގެ ވާހަކަ ބަޔާން ކޮށްފައިވާ ހަމައެކަނި ދުވަހެވެ؛ މިނިވަންކަން މަތީގައި ދިވެހިން ދެމިތިބުމުގެ މައިގަނޑު މަސްދަރަކީ ވެސް ގައުމީ ދުވަހެވެ. އެހެންނަމަވެސް މިއަދު ވަނީ ގައުމުވަންތަ ކަމާއި އެއްބައިވަންތަ ކަމުގެ ލޯބި ރާއްޖެއިން ގަތްގަނޑަކަށް ވަޅުލެވިފަ އެވެ. އެންމެން ބައިބައިވެ ފިތުނައާ ފަސައިދައިގެ ތެރޭ އޮޔާ ގޮސްފަ އެވެ.

ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދު ވިދާޅުވި ގޮތުގައި އެއް ދީނަކަށް އުޅޭ އެއް ނަސްލެއްގެ އެއް ބަހަކުން ވާހަކަ ދައްކާ ބައެއްގެ ގޮތުގައި ދިރިއުޅެމުން އައި ބަޔަކަށް ދިވެހިން ވިޔަސް މިއަދު ވަނީ ބައިބައިވެ ފުން އަނދަވަޅަކަށް ވެއްޓިފަ އެވެ.

"އަޅުގަނޑުމެން ބައިބައި މިވީ ސިޔާސީ ފިކުރުގައި ޖެހިގެން. ބައިބައި ވެގެން ދާން ޖެހުނީ އެކަން އެހެން ވާން ނުޖެހޭ ސަބަބަކާ ހުރެ. މިހެންމިވީ އަޅުގަނޑުމެންގެ އާ ދުސްތޫރާއެކު އަޅުގަނޑުމެނަށް މިންވަރު ކުރި ވެރިން ގައުމަށް ވުރެ ބޮޑަށް އަމިލަ ކަންކަމާއި އެދުމަށް ބޭނުންވުމުން. އޭގެ ސަބަބުން ދިވެހިން މިވަނީ އަނދަވަޅަކަށް ވެއްޓިފައި. ގައުމީ ދުވަހު އަޅުގަނޑު ދުއާއަކީ ދިވެހިންގެ އެއްބައިވަންތަކަމާއި ގައުމުވަންތަކަށް އަނބުރާ ދިވެހިންނަށް ލިބެގެން ދިއުމަށް،" ޑރ. ހަސަން ވިދާޅުވި އެވެ.

ރާއްޖޭގެ އަމިއްލަވަންތަކަމާއި ގައުމުގެ ވަންތަކަމާއި ދިވެހިވަންތަކަމާއި އެއްބައި ވަންތަން ކަމުގެ މިނިވަންކަން ތަރިކައިގެ ގޮތުގައި ހިފެހެއްޓުމަކީ ދިވެހިންގެ ޒިންމާއެކެވެ. މީގެ ޒިންމާ ހުރިހާ ދިވެހި ޖެހޭނީ އުފުލާށެވެ. ގައުމު ދެކެ ލޯބިވާ ދަރިންތަކެއްގެ އަދި ދުޅަހެޔޮ، އެއްބައިވަންތަ ވެއްޓެއް ބިނާ ކުރުމަށެވެ. ހަމަ އެއްވެސް ދިވެއްސަކަށް ވުރެ ދިވެހި ގައުމު ކުޑަ ނުވާނެތީ އެވެ.

ފަހަކަށް އައިސް ކޮންމެ ދުވަހަކު ހަތްޔަރު ކުރުމުގެ ވޭން އުފުލަން ޖެހިވަޑައިގެންނެވި ޑރ. މުހައްމަދު ޖަމީލް އަހުމަދު ރޭ ވިދާޅުވި ގޮތުގައި ރާއްޖޭގެ ގާނޫނު އަސާސީން ދިވެހިންނަށް ލިބުނު އެންމެ މުހިންމު އެއްޗަކީ ބޭނުން އިރަކު ބޭނުން މީހެއްގެ ގަޔަށް އަތްލައި ހިފައި ހައްޔަރު ނުކުރެވުމެވެ. އެހެންނަމެވެސް ހުރިހާ ކަމެއް ބަދަލުވެ މިހާރު މިފެންނަނީ ބޭނުން އިރަކުން ބޭނުން މީހަކު ހިފާ ހައްޔަރު ކުރާތަނެވެ.

ހަގީގަތުގައި ގައުމަކީ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމުގެ ރުކުންތަކުގެ މައްޗަށް ބިނާވެގެން ލިބޭ އެއްޗެކެވެ. އެއީ ރާއްޖޭގެ މީހުން ތަބާވާ އިސްލާމްދީނާއި ދިވެހިބަހާއި ގައުމުވަންތަ ކަމާއި ތާރީހާއި ސަގާފަތާއި އެއްބައިވަންތަ ކަމުގެ ރުކުނެވެ.

"ހަމަ އެއްވެސް ފަރުދަކަށް ވުރެ މި ގައުމު ބޮޑުވާނެ. ހަމައެއްވެސް ފަރުދަކަށްވުރެ މި ގައުމަށް އިސްލާމްދީން މަތިވެރިވާނެ. ހަމަ އެއްވެސް ފަރުދަކަށްވުރެ މި ގައުމަށް މި ގައުމުގެ އެއްބައިވަންތަކަން ބޮޑުވާނެ،" ޑރ. ޖަމީލް ވިދާޅުވި އެވެ.

ދިވެހިންގެ ދީނާއި ބަހުގެ ރުކުން އެއީ މުޅިން ވެސް ރާއްޖޭގެ ގައުމުވަންތަ ކަމުގެ ބިންގާތަކެވެ. ތާރީހާއި ސަގާފަތް އެއީ ހިމާޔަތްކޮށް ރައްކާތެރިކޮށްދޭ ރުކުންތަކެވެ. މިކަންކަން ދޫކޮށްލުމުން ގައުމުގެ ބިންގާތަކަށް އަރާނެ ލޮޅުން ރާއްޖެއިން ދަނީ ފެންނަމުނެވެ.

ސިޔާސީ ފިކުރުގައި ދިވެހިން ގައުމުވަންތަކަން ދޫކޮށްލައި ބައިވެފައިވާއިރު ވޭތުވެދިޔަ މުޅި ހަފުތާ ވެސް ދިޔައީ ދިވެހިންގެ ބައިބައިވުން އިންތިހާއަށް ބޮޑުވެފައިވާ ދުވަސްތަކެއް ގެ ގޮތުގަ އެވެ. ރޭ މެންދަމު 12:00 ޖެހިރު ދިވެހިންގެ ގައުމީ ދުވަސް ފަށައި ދިނީ ވެސް ދެބަޔަށް ބައިވެ ވަރުގަދަ ކުރުމަތިލުމަކާއެކު ތަޅާފޮޅާއި އެއްބަޔަކު އަނެއް ބަޔަކަށް ޒަހަމް ކުރުމަށްފަހު އެވެ. މީހުނަށް ބޮޑެތި އަނިޔާ ދީގެނެވެ. ހުރިހާ ވެސް މައްސަލައަކީ ސިޔާސީ ފިކުރުގައި އެކަކު އަނެކަކަށް ހިތް ނުބައިވުމެވެ.

ޕޯޗްގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށް ދެއްވި އުތީމު ބޮޑުތަކުރުފާނު ގައުމަށްޓަކައި ކރެއްވި ޖިހާދާއި ގައުމު ދެކެ ލޯބިވުމުގައި ދެއްކެވި ގައުމުވަންތަކަމުގެ ފުރިހަމަ މިސާލު ދިވެހިންގެ ހަނދާނުގައި މިހާރު ހުރިހެނެއް ހީއެއް ނުވެއެވެ. ބޮޑުތަކުރުފާނާއި އެ މަނިކުފާނާއެކު ޖިހާދުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ދިރިއުޅުއްވުމުގައި ދެއްކެވި ނަމޫނާ އެއްބައިވަންތަކަން އަޅުގަނޑުމެނާ ބީވެ ބީރައްޓެހިވެގެން ހިނގައްޖެ އެވެ.

ޑރ. އަހުމަދު ރާޒީ ވިދާޅުވި ގޮތުގައި ރާއްޖެ ގައުމެއް ގޮތުގައި ބަލައިގަނެވޭ ވަރަށް ވުރެ ދިވެހި ގައުމުގެ ރަށްވެހީންގެ މެދުގައި ބައިބައިވުން އުފެދިފައިވާ މިންވަރު މިހާރު ވަނީ ބޮޑުވެފަ އެވެ. ވިދާޅުވި އެވެ: "ގައުމުގެ ބަދިކަން ގެނައުމަށް ދެކޮޅުވެރިކަން [އަޅުގަނޑުމެންގެ ތެރެއިން] ނައްތާލަން އެބަޖޭހެ. މިއީ އެންމެން އެބައިވެ ގައުމު އިސްކުރަންވީ ވަގުތެއް. އެކަމަކު މިވަގުތު މި އޮތީ ގަބޫލު ކުރެވޭވަރަށް ގައުމުގައި ބައިބައިވުން އުފެދިފައި،" ޑރ. ރާޒީ ވިދާޅުވި އެވެ. ރާޒީ ވިދާޅުވި ވާހަކަފުޅު ހަމައެކަނި ވެރިރަށް މާލޭގައި ރެ ހިނގައިދިޔަ ހާދިސާތަކުން ވެސް ސިފަ ކޮށްލެވޭހާވެ އެވެ.

ރާއްޖެ މިވަނީ ބޮޑެތި ބަދަލުތަކެއް އައުމަށްފަހު އަދިވެސް ބަދަލުތަކުގެ ތެރޭގަ އެވެ. ފިކުރަށް އައި ބަދަލުން ދިވެހިންގެ އެއްބައިވަންތަކަމަށް ވަނީ ލޮޅުން އަރާފަ އެވެ. ގައުމާއި އަމިއްލަ އެދުމުގެ ރޫހު ވަނީ މުޅި ގައުމުގައި ހިނގައިފަ އެވެ. ކޮންމެ މީހަކު ވެސް ބޭނުން ވަނީ އެމީހެގެ ފައިދާ އަށް އިސްކަން ދޭށެވެ. ނަތީޖާއަކަށްވީ ތަޅާފޮޅުމާއި އަނިޔާވެރިކަމާއި ފިތުނަވެރިކަން އައިސް ދިވެހިނ ވަށައިލާ ގަވަދެގަތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވި ގޮތުގައި ގައުމު މިވަގުތު އޮތް ހާލަތުގައި ގައުމީ ދުވަހާ ބައްދަލުވެ އެދުވަސް ފަހަގަ ކުރާއިރު ހުރިހާ ދިމާއެއްގައި ވެސް މައްސަލަތައް އެބަހުއްޓެވެ. އެކަންކަން ހައްލު ކުރުމަށް ހުރިހާ ދިމާއަކުން ވެސް ގައުމު އިސްކުރަން ވަނީ ޖެހިފަ އެވެ.

"ގައުމުގެ ނިޒާމުގެ ތެރެއިން އިދިކޮޅު ފަރާތްތަކުން ވެސް ޝަރުއީ ނިޒާމުން ވެސް މުޒާހަރާ ކުރާ މީހުން ވެސް އަދި ގައުމުގެ ކަންކަމާ މަސްއޫލުވެފައިވާ ބޭފުޅުން ވެސް ގައުމު އިސްކުރަން ޖެހިފައިމިވަނީ،" އަލީ ވިދާޅުވި އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން ވިދާޅުވީ ކޮންމެ މީހަކީ އަމިއްލަ ބުއްދިއާ ވިނުމެއް ލިބިފައިވާ މީހެއް ކަމަށާއި ދީނާއި ގާނޫނުގެ ތެރޭގައި ދީނަށާއި ގައުމަށް ފައިދާ ހުރި ގޮތަކަށް ކަންކަން ނިންމާ މީހަކަށް ވާންޖެހެނެ ކަމަށެވެ. ދީނާގައި ގައުމުގެ މަސްލަހަތަށް އިސްކަން ދޭން މީހަކަށް ވާން ޖެހޭނެ ކަމަށެވެ. ގައުމީ ދުވަހަކާއެކު އެ އެޒުމުގެ ދިވިން ގަދަ ކުރަން ޖެހިފައިވާ ކަމަށެވެ. ހަމަ ހަގީގަތުގައި ވެސް ދިވެހިން ވަނީ ބައިބައިވެފައެވެ.

ގައުމީ ދުވަހުގެ ތާރީހު ކުރުކޮށް:

ބޮޑުތަކުރުފާނަކީ، ރާއްޖެ ދުށް އެންމެމަތިވެރި ގައުމީ ބަތަލެވެ. ގައުމީ ދުވަސް ނިސްބަތްވަނީ އުތީމު ބޮޑުތަކުރުފާނު ޕޯޗްގީޒު އިސްތިއުމާރުން ދިވެހި ގައުމުގެ ދީނާއި ދިވެހި ގައުމުގެ މިނިވަންކަމާއި ރައްޔިތުން ސަލާމަތްކޮށް ދެއްވި ހާދިސާއަށެވެ. ހާދިސާ ހިނގާފައި ވަނީ1 ރަބީއުލްއައްވަލް 981 ގައެވެ. ޕޯޗްގީޒުން ރާއްޖެ އަޅުވެތިކުރީ 1 ޝަޢުބާން 965 ގައި ރާއްޖޭގެ ރަސްކަމުގައިހުންނެވި އަލިރަސްގެފާނު ޝަހީދުކޮށްލުމަށްފަހު އެވެ. އޭގެފަހުން 15 އަހަރާއި މަސް ތަކެއް ވަންދެން އެމީހުން ރާއްޖެ އިސްތިއުމާރުކޮށް އަޅުވެތިކުރި އެވެ.