03 Dec 2020, 08:23
ވޮޝިންޓަން (ޑިސެމްބަރު 2): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވައިފި އެވެ.
ވައިޓް ހައުސްގައި އިއްޔެ ބޭއްވި އެއްވުމެއްގައި ޓްރަމްޕް ވިދާޅުވި ގޮތުގައި ފާއިތުވި ހަތަރު އަހަރަކީ ވަރަށް ފުރިހަމަ ހަތަރު އަހަރެވެ. އަދި އޭނާ ގެންދަވަނީ އިތުރު ހަތަރު އަހަރު ހޯއްދަވަން މަސައްކަތް ކުރައްވަމުން ކަމަށާއި ނަމަވެސް އެކަން ނާކާމިޔާބުވެއްޖެ ނަމަ 2024ގައި އެންމެންނާ ދިމާވާނެ ކަމަށް ވިދާޅުވެފަ އެވެ.
"މި ހަތަރު އަހަރަކީ ވަރަށް ރަނގަޅު ހަތަރު އަހަރު. އަޅުގަނޑުމެން މިއުޅެނީ އިތުރު ހަތަރު ލިބޭތޯ ބަލަން. ނޫނީ މީގެ ހަތަރު އަހަރު ފަހުން ތިބޭފުޅުންނަށް އަޅުގަނޑު ފެންނާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގައި މި މަހުގެ ތިނެއްގައި ބޭއްވި ރިޔާސީ އިންތިހާބުން ޑިމޮކްރެޓިކް ކެންޑިޑޭޓު ޖޯ ބައިޑެންއަށް 306 އިލެކްޓަރުން ލިބިފައިވާ އިރު ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ލިބިފައި ވަނީ 232 އިލެކްޓަރުންނެވެ. ނަމަވެސް ރައީސް ވަނީ ވޯޓުން މަކަރު ހަދާފައިވާ ކަމަށް ވިދާޅުވެ، ބަލި ގަބޫލު ކުރަން ދެކޮޅު ހައްދަވާފަ އެވެ.
ޓްރަމްޕްގެ އެ ތުހުމަތުތަކާ ގުޅިގެން އޭނާގެ ކެމްޕޭނުން އެކި ސްޓޭޓުތަކުގައި ކޯޓުތަކަށް މައްސަލަ ހުށަހެޅި ނަމަވެސް ހެކި ނެތުމުގެ ސަބަބުން ގިނަ މައްސަލަތައް ވަނީ ބޭރުކޮށްފަ އެވެ. އަދި އެގައުމުގެ އެޓާނީ ޖެނެރަލް ވިލިއަމް ބާ ވަނީ ނަތީޖާ ބަދަލު ކުރެވޭ މިންވަރަށް އިންތިހާބުން މަކަރު ހަދާފައިވާ ކަމުގެ ހެއްކެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.