ރާއްޖޭގެ ކުޅިވަރުގެ ތެރޭގައި މިހާރު މި އޮންނަނީ މާފިއާ އުފާއްދާފައި ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.

މިއަދު ރައްޔިތުންގެ މަޖްލިސް ޖަލްސާގައި ރާއްޖޭގެ ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު އަފީފް ވިދާޅުވީ ރާއްޖޭގެ ކުޅިވަރުގެ ތެރޭގައި މާފިއާ އުފައްދާފައިވާ ފަރާތްތަކުގެ އެންމެ ބޮޑު ބޭނުމަކީ ބޭރުގެ ފަރާތްތަކުން ލިބޭ ފައިސާ ބޭނުންކުރުން ކަމަށެވެ. އަދި އެގޮތަށް ލިބޭ ފައިސާ ދަނީ ކުޅިވަރު އެސޯސިއޭޝަންތަކާއި ސަރުކާރުގެ ބަޖެޓަށްވެސް ނޫން ކަމަށާއި، އެ ފައިސާ ދަނީ އެ ބޭފުޅުންގެ ޖީބަށް ކަމަށް މެންބަރު އަފީފް ތުހުމަތު ކުރެއްވި އެވެ.

މެންބަރު އަފީފް އެ ބިލަށް ވާހަކަ ދައްކަވަމުން އިތުރަށް ވިދާޅުވީ އެގޮތަށް އެސޯސިއޭޝަންތަކަށް ލިބޭ ފައިސާ އެފަދަ ފަރާތްތަކުން ބޭނުންކުރަނީ ވޯޓް ގަންނަން ކަމަށާއި، އެފަދަ ފަރާތްތަކުގެ ބޭނުމަކީ އަބަދުވެސް އެ މަގާމުތަކުގައި ތިބުން ކަމަށެވެ. އަދި މިކަން މިގޮތަށް އޮތުމުގެ ސަބަބުން ރާއްޖޭގެ ކުޅިވަރަށް ލިބޭ އެއްވެސް ކުރިއެރުމެއް ނެތް ކަމަށްވެސް އަފީފް ވިދާޅުވި އެވެ.

އޭގެ އިތުރުން ބައެއް ކުޅިވަރު ކްލަބްތަކުގެ ހިންގާ ކޮމިޓީތައް ވަގު ސޮއެކޮށްގެން ވެސް ބަދަލުކޮށްފައި އެބަހުރި ކަމަށް މެންބަރު އަފީފް ވަނީ ތުހުމަތު ކުރައްވާފަ އެވެ. އަދި މިފަދަ ކަންތައްތައް ބަލަން ޖެހޭ ކަމަށާއި، ބަލަންޖެހޭ މުއައްސަސާތަކަށް ހުށައަޅައިގެން ވެސް އެކަންކަން މިއަދު ބެލިފައި ނެތުން އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް މެންބަރު ވަނީ ވިދާޅުވެފަ އެވެ.

"...އަދި މީގެ އިތުރަށް ބައެއް ކްލަބުތަކުގެ ހިންގާ ކޮމިޓީ ބަދަލުކޮށްފައި އެބަހުރި ވަގު ސޮއެ ކޮށްގެން. މީހުންގެ ވަގު ސޮއެ ކޮށްގެން އެމީހުންނަށް ނޭނގި އެބަހުރި ބަދަލުކޮށްފައި. އެހެންވީމާ މިކަންތައްތައް ބެލެން އެބަ ޖެހޭ، މިކަންތައްތައް ބަލަން އެކިއެކި މުއައްސަސާތަކަށް ހުށައެޅުމުން އެކަންތައްތައް ކުރިއަށް ނުދާތީ އެއީ މިއަދު އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަމެއް. ކްލަބުތަކާއި ޖަމިއްޔާތައް ރަޖިސްޓްރީކޮށް ބަލަހައްޓާ ފަރާތަކީ މިނިސްޓްރީ އޮފް ހޯމް އެފެއާޒް، މިދެންނެވި ގޮތަށް ވަގު ސޮއެ ކޮށްގެން ހިންގާ ކޮމިޓީ ބަދަލުކޮށްފައި ހުރި މައްސަލަ އެ މިނސްޓްރީއަށް ހުށައަޅައިގެން މިއަދުވެސް އެކަންތައްތައް ބެލޭނެ ގޮތެއް ނެތިގެން އެމީހުންގެ ޝަކުވާތައް އެބަހުރި ވަރަށް ބޮޑަށް،" މެންބަރު އަފީފް ވިދާޅުވި އެވެ.

އޭގެ އިތުރުން ބޭރުގެ ގައުމުތަކުގައި ކްލަބްތަކާއި ޖަމިއްޔާތަކުގެ ހިންގާ ކޮމިޓީ ހޮވަނީ ވޯޓުން ނޫން ކަމަށާއި، އެ މަގާމުތަކަށް މީހުން އައްޔަނު ކުރަނީ އެތަންތާގެ ސަރުކާރުން ކަމަށް މެންބަރު އަފީފް ވިދާޅުވި އެވެ. އަދި އެފަދައިން ރާއްޖޭގައިވެސް ކަން ކޮށްފައި އެބަހުރި ކަމަށާއި، އެފަދަ ކަންކަން އިސްލާހުކުރުމަށް ރާއްޖޭގެ ކުޅިވަރު ގާނޫނު އިސްލާހު ކުރުމަކީ މުހިންމު ކަމެއް ކަމަށް މެންބަރު ވިދާޅުވި އެވެ.