ޓޫރިސްޓުން ފިޔަވާ ބޭރުން ރާއްޖެ އަންނަ މީހުންނާއި މާލެއިން ރަށްރަށަށް ދާ މީހުން ކަރަންޓީނު ވާންޖެހޭ މުއްދަތު 10 ދުވަހަށް ކުރުކޮށްފިއެވެ. އަދި މަޝްރޫއުތަކަށް ރަށްރަށަށް ދާ މީހުން، 72 ގަޑިއިރު ނުވާ ނެގަޓިވް ޕީސީއާރު ޓެސްޓު ނަތީޖާ ހުށަހަޅާން ޖެހޭނެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުކުރި އިއުލާނުގައި ބުނީ ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި، މާލެއިން ރަށްރަށަށް ދާ މީހުންނާއި ރިޒޯޓުތަކުން ރަށްރަށަށް ދާ މީހުންނާއި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކަށް ކަރަންޓީނުވުމަށް ކަނޑައަޅާ މުއްދަތަކީ 10 ދުވަސް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އަދި މި މުއްދަތަށްފަހު ކަރަންޓީނުން ދޫކުރަނީ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކު ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

މީގެ ކުރިން އުސޫލު އޮންނަގޮތުން ޓޫރިސްޓުން ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި މާލެއިން ރަށްރަށަށް ދާ މީހުންނާއި ރިޒޯޓުތަކުން ރަށްރަށަށް ދާ މީހުންނާއި ޒަރޫރީ ބޭނުކަމަށް ފިޔަވައި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހެއެވެ.

އަދި ކަރަންޓީނުން ދޫކޮށްލަނީ 14 ދުވަސް ހަމަވުމަށްފަހު ޕީސީއާރު ނެގެޓިވް ނަތީޖާއެއް ލިބުމުންނެވެ.

އެޗްޕީއޭ އިން ބުނީ މިގޮތަށް 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަޖައްސާނީ ޑިސެމްބަރު ހަތަރުވަނަ ދުވަހުން ފެށިގެން ދަތުރުކުރާ ފަރާތްތަކަށް ކަމަށެވެ.

އަދި މީގެ ކުރިން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމާ ގުޅިގެން ކަރަންޓީނު ކޮށްފައިވާ މީހުން 14 ދުވަހުގެ މުއްދަތު ހަމަކުރަންޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އަދި މިގޮތަށް ކަރަންޓީނުގެ މުއްދަތު 10 ދުވަހަށް ހަމަޖައްސާފައިވަނީ ހަމައެކަނީ އެއްތަނުން އަނެއްތަނަށް ދަތުރުކުރުމާ ގުޅިގެން ކަރަންޓީނުވުމަށް ކަމަށާއި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ޕޮޒިޓިވް މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވެގެން ކަރަންޓީނުވާ ފަރާތްތަކުގެ ކަރަންޓީނު މުއްދަތަކީ ކުރިއެކޭ އެއްގޮތަށް 14 ދުވަސް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މަޝްރޫއުތަކަށް ދާ މީހުން 72 ގަޑި ނުވާ ނެގަޓިވް ޓެސްޓެއް ބޭނުންވޭ

އެޗްޕީއޭގެ އިއުލާނުގައި ބުނީ ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ދިނުމަށާއި އެކިއެކި މަޝްރޫއުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތަކަށް ދަތުރު ކުރެވޭނީ 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާ އަކާއެކު ކަމަށެވެ.

މިގޮތަށް ހެދޭ ޓެސްޓަށް ހަރަދު ކުރަންވާނީ ދަތުރުކުރާ ފަރާތުން ނުވަތަ ދަތުރުގައި ބައިވެރިވާ ފަރާތްތަކަށް ޒިންމާވާ ކުންފުންޏަކުން ނުވަތަ އޮފީހަކުން ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

މިހާރު އުސޫލު އޮންނަގޮތުން މަޝްރޫއުތަކަށް ދަތުރުކުރާ ފަރާތްތަކުން ޕިސީއާރު ނެގެޓިވް ހުށަހަޅާކަށް ނުޖެހެއެވެ. އަދި އާންނމުން ރަށްރަށަށް ގޮސް ކަރަންޓީނުވާން ޖެހޭއިރު މިގޮތަށް ދަތުރު ކުރާ މީހުންނަށް އެ އުސޫލު ނުހިނގާތީ އާންމުންގެ ފާޑުކިޔުންތައްވެސް ވަނީ އަމާޒުވެފައެވެ

އެޗްޕީއޭގެ އިއުލާނުގައި ބުނެފައިވާ ގޮތުން މި އާ ފިޔަވަޅުތަކަށް އަމަލުކުރަން ފަށާނީ 4 ޑިސެމްބަރު 2020 ވާ ހުކުރު ދުވަހުން ފެށިގެންނެވެ.