ރައްޔިތުން މަޖިލީހުން އަދާކުރަން ޖެހޭ ޒިންމާތައް އެމްޑީޑީޕީގެ މެންބަރުންގެ ސަބަބުން އަދާ ނުކުރެވޭ ކަމަށް ޑިއާރުޕީ ޕާލަމެންޓްރީ ގުރޫޕްގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޮޒައިނާ ވިދާޅުވީ މިނިވަން މުއައްސަސާތައް ޒިންމާދާރު ކުރުމަށް މިނިވަން މުއައްސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް އެމްޑީޕީ މެންބަރުން ދެކޮޅު ހެދުމުން މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުން ޒިންމާ އެމްޑީޕީގެ މެންބަރުނާ ހުރެ އަދާނުކުރެވިވާތަން މިއަދު މި ފެންނަނީ. މިނިވަން މުއައްސާތަކަކީ މިނިވަން މުއައްސާތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ހިނދު އެ ބޭފުޅުން އަދާކުރަން ޖެހޭ މަސައްކަތްތައް އަދާކުރަމުން އެބަދޭތޯ ރަނގަޅަށް ބެލުމަށް އިންކާރު ކުރާ ހިސާބުން އެ އޮތީ އެމްޑީޕީ މަޖިލީހުގެ މަސައްކަތްތަކަށް ވެސް ހުރަސް އަޅާފައި،" އޭނާ ވިދާޅުވި އެވެ.

އަދި މިނިވަން މުއައްސާތަކުގެ ކޮމެޓީ ބައްދަލުވުމެއް ބޭއްވުމަށް އެދުނު މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިއަދު ހާލަތަށް ބާލާ އިރު މިނިވަން މުއައްސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް އެމްޑީޕީން ބޭނުންނުވީ އެމްޑީޕީން ޑިމޮކުރަސީގެ އުސޫލުން ކަންކަން ކުރަން ބޭނުން ނުވާތީ ކަމަށެވެ.

މިއަދު މިނިވަން މުއްސަސާތައް ހާޒިރު ކުރުވުމަށް ވޯޓް ދެއްވީ ކޮމެޓީގައި ތިއްބެވި އިދިކޮޅު މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންނެވެ. އަދި ދެކޮޅަށް އެމްޑީޕީގެ ފަސް މެންބަރުން ވޯޓު ދެއްވާފައިވާ އިރު، ޕީޕީއެމުގެ ޕާލަމެންޓްރީ ގުރޫޕްގެ ރައީސް އަބްދުﷲ ޔާމީން ކޮމެޓީ އަށް ހާޒިރުވެފައެއް ނުވެ އެވެ.

ރޮޒައިނާ ވިދާޅުވީ އަބްދުﷲ ޔާމީން ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގެންނެވީ ރަށުން ބޭރަށް ވަޑައިގަތުމަށް، އޮތުމުން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.