02 Dec 2020, 14:36
އަބޫޖާ (ޑިސެމްބަރު 2): ނައިޖީރިއާގެ ބޯނޯ ސްޓޭޓުގައި މިދިޔަ ހޮނިހިރު ދުވަހު ހިންގި ގަތުލްއާއްމުގެ ޒިންމާ އެގައުމުގެ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމްއިން ނަގައިފި އެވެ.
ބޯކޯ ހަރާމްގެ ފެކްޝަން ލީޑަރެއް ކަމަށްވާ އަބޫބަކުރު ޝެކަކޫ އާއްމު ކުރި ވީޑިއޯއެއްގައި އޭނާ ބުނި ގޮތުގައި އެ ޖަމާއަތުން ވަނީ ހޮނިހިރު ދުވަހު 78 ދަނޑުވެރިން މަރާލާފަ އެވެ. އަދި ބޯނޯގެ ވެރިރަށް މައިޑުގުރީ ކައިރީގައި އޮންނަ އަވަށްތަކުގައި ދިރިއުޅޭ ދަނޑުވެރިންތަކަކަށް އެހަމަލާ ދޭން ޖެހުނީ އެމީހުން ބޯކޯ ހަރާމްގެ މެމްބަރަކު ހިފަހައްޓާ، އޭނާ ނައިޖީރިއާގެ އަސްކަރިއްޔާއާ ހަވާލު ކުރުމުން ކަމަށް ބުނެފަ އެވެ.
އެ ހަމަލާ ކުށްވެރި ކުރަމުން އދ.އިން ފުރަތަމަ ބުނި ގޮތުގައި ހަމަލާގައި 110 މީހަކު މަރުވި އެވެ. ނަމަވެސް ފަހުން އދ.އިން ވަނީ އެއީ ސައްހަ އަދަދެއް ނޫން ކަމަށާއި ހަމަލާގައި ގިނަ އަދަދެއްގެ މީހުން މަރުވެ، ޒަހަމްވި ކަމަށް ބުނެފަ އެވެ. އަދި ބޯނޯ ސްޓޭޓުގެ އިންފޮމޭޝަން ކޮމިޝަނަރު ބަބަކުރާ އައްބާ ޖަތައު އިއްޔެ ވިދާޅުވި ގޮތުގައި އެ ހަމަލާގައި 76 މީހަކު މަރުވެ، އެ އެންމެންގެ ޖަނާޒާވެސް އާދިއްތަ އަދި ހޯމަ ދުވަހު ވަނީ ބާއްވާފަ އެވެ.
ބޯކޯ ހަރާމްއިން އެ ހަމަލާ ދިނީ ހަނޑޫ ދަނޑުތަކެއްގައި މަސައްކަތް ކުރަމުން ދިޔަ މީހުންނަށެވެ. އަދި އެ ދަނޑުތަކުން މަރުވެފައިވާ ނުވަތަ އަނިޔާވެފައިވާ އިތުރު ބަޔަކު ފެނޭތޯ ބެލުމުގެ މަސައްކަތް ބޯނޯގެ ސާޗް ޓީމުތަކުން ދަނީ ކުރަމުންނެވެ.
އެ ހަމަލާއާ ގުޅިގެން ނައިޖީރިއާގެ ޕާލިމެންޓުން ވަނީ އެގައުމުގެ ސަލާމަތީ ފައުޖުތަކުގެ އިސްވެރިން މަގާމުން ދުރު ކުރުމަށް ގޮވާލާފަ އެވެ. އަދި އެ ފައުޖުތަކުގެ މައްޗަށް ކުރާ ކޮރަޕްޝަނުގެ ތުހުމަތުތައް ތަހުގީގު ކުރަން ގޮވާލާފަ އެވެ.
ބޯކޯ ހަރާމްއިން 2009 ވަނަ އަހަރު ނައިޖީރިއާގައި ދޭން ފެށި ހަމަލާތަކުގެ ސަބަބުން މިހާތަނަށް 36،000 މީހުން މަރުވެ، ދެ މިލިއަން މީހުންނަށް ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ.