02 Dec 2020, 12:51
ޖެނުއަރީ އެކަކުން ފެށިގެން ޓޫރިސްޓުންނަށް ސްރީލަންކާ ހުޅުވާލަން ނިންމައި، އެކަމަށް ވާންޖެހޭ ތައްޔާރީތައް ވާންފަށައިފި އެވެ.
ސްރީލަންކާގެ ޓޫރިޒަމް ޗެއާޕާސަން ކިމާލީ ފާނެންޑޯ ވިދާޅުވީ އެގައުމުގެ ފަތުރުވެރިކަން މަޑުމަޑުން ހުޅުވާލަން ނިންމާފައިވާއިރު އެގައުމުގައި އޮންނަ ދެ އިންޓަނޭޝަނަލް އެއާޕޯޓުވެސް ފަތުރުވެރިންނަށް ހުޅުވާލަން ރާވާފައިވާ ކަމަށެވެ. ފަތުރުވެރިކަން އަލުން ފެށުމަށް ބޭނުންވާ ގައިޑްލައިންތައް އެކުލަވާލާ ސިއްހީ ދާއިރާގެ ކަމާބެހޭ ފަރާތްތަކުގެ ބަހެއް ހޯދަން މިހާރު ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަންޖެހޭއިރު އެ މުއްދަތުގައި ފަތުރުވެރިން ތިބެންޖެހޭނީ ކަނޑައާލާ ވަކި ހޮޓަލެއްގައި ކަމަށާއި އެގައުމަށް އެތެރެވާން ވިސާ ދޫކުރާނީ ހޮޓެލް ބުކިން ކޮންފަމޭޝަނެއް އޮންނަ މީހުންނަށް ކަމަށް ގައިޑްލައިން ބުނާ ކަމަށް އެނާ ވިދާޅުވި އެވެ.
ލަންކާ އިން ވަނީ އެގައުމުގެ ޓޫރިސްޓު އެކޮމޮޑޭޝަންތައް ދެ ލެވެލް އަކަށް ބަހާލައިފައެވެ. އެގޮތުން ލެވެލް އެކެއްގެ ޓޫރިސްތު ފެސިލިޓީތަކަށް ދާ ފަތުރުވެރިންނަށް، އެމީހުންނަށް ކަނޑައެޅޭ ސަރަހައްދު ތަކުގައި، އެ ފެސިލިޓީއެއްގެ ތެރޭގައި ހަރަކާތްތެރިވެވޭނެ އެވެ. ލެވެލް ދޭތްގެ ފެސިލިޓީތަކަސް ދާ ޓޫރިސްޓުންނަށް ވަކި ހާއްސަ ޓޫރިސްޓު ސައިޓުތަކަށް ޓުއަ ގައިޑަކާ އެކު ދެވޭނެ އެވެ.
ލެވެލް އެކެެއްގެ ޓޫރިސްޓު ފެސިލިޓީތައް ހާއްސަކޮށްފައިވަނީ ދެ ހަފްތާގެ މުއްދަތަށް ލަންކާ އަށް ދާ ފަތުރުވެރިންނަށެވެ. ލެވެލް ދޭތްގެ ޓޫރިސްޓު ފެސިލިޓީތަކަކީ 14 ދުވަހަށްވުރެ ދިގު މުއްދަތަކަށް ދާ ފަތުރުވެރިންނަށް ހާއްސަ ކޮށްފައިވާ ތަންތަނެވެ. 28 ދުވަހަށްވުރެ ދިގު މުއްދަތަކަށް ދާ ފަތުރުވެރިންނަށް، މި ދެލެވެލްގެ އެކޮމޮޑޭޝަންގެ ތެރެއިން އެމީހަކު ބޭނުން ތަނެއްގައި ހުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ލަންކާ ޓޫރިޒަމް ޗެއާޕާސަން ވިދާޅުވީ މިހާރު އެއް މަހަށް ދޭ ވިސާގެ މުއްދަތު ހަ މަހަށް އިތުރު ކުރުމަށް ކެބިނެޓްގެ އެޕްރޫވަލް އަށް ހުށަހަޅާފައިވާ ކަމަށެވެ.
ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓާއި މަޓާލާއ އިންޓަނޭޝަނަލް އެއާޕޯޓަށްވެސް ދުވާލަކު 300 ފަސިންޖަރުންނަށްވުރެ ގިނަ ނުވާނެހެން ކުރިއަށް ގެންދަން ހުށަހަޅާފައިވާއިރު ފަތުރުވެރިންނަށް ހުޅުވާލިނަމަވެސް ބޮޑަށް އިސްކަންދޭނީ ރެޕަޓްރިއޭޝަން ދަތުރުތަކުގައި ލަންކާ އަސް ދާ އެ ގައުމުގެ ރައްޔިތުންނަށް ކަމަށް ޓޫރިޒަމް ޗެއާޕާސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޓަނޭޝަނަލް ފްލައިޓުތަކަށާއި ޗާޓާޑް ފްލައިޓުތަކަށް އަދި ޕްރައިވެޓް ޖެޓުތަކަށްވެސް ލަންކާ މަރުހަބާ ކިޔާނެ ކަމަށެވެ.
އެގައުމަށްދާ ފަތުރުވެރިން 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓު ނަތީޖާ އެއް ހުށަހަޅަން ޖެހޭއިރު، ފަތުރުވެރިންނަށް ޕަބްލިކް ޓްރާންސްޕޯޓެއް ބޭނުމެއް ނުކުރެވޭނެ އެވެ. ފަތުރުވެރިންގެ ދަތުރުގެ ކަންތައް ހަމަޖައްސާނީ، އެ ފަތުރުވެރިއަކު ހުންނަ ޓޫރިސްޓު ފެސިލިޓީއަކުންނެވެ.
ކޮވިޑު19 އާއި ގުޅިގެން ލަންކާގެ ބޯޑަރު ބަންދުކޮށް ފަތުތުވެރިންނަށް އެ ގައުމު ބަންދުކުރީ މާޗު މަހު އެވެ. އޭގެ ފަހުން ލަންކާގެ ބޯޑަރުތައް ހުޅުވާލައިފައެއް ނުވެ އެވެ.
ލަންކާގައި ކޮވިޑް ފެތުރުުން ކޮންޓުރޯލު ކުރެވިފައި އޮތުމަށްފަހު އަނެއްކާވެސް އެގައުމުގައި ބަލި ފެތުރެމުންދާއިރު 24،532 މީހުންނަށް ބަލި ޖެހިފައިވެ އެވެ. ލަންކާ އިން 122 މީހަކު ބަލީގައި މަރުވެފައިވެ އެވެ.