ޗެންޕިއަންސް ލީގުގައި ރޭ ލިވަރޕޫލް އާއި އަޔެކްސް ބައްދަލުކުރި މެޗުގައި 1-0 ގެ ނަތީޖާއަކުން ކުރި ހޯދާ، މުބާރާތުގެ ނޮކްއައުޓް ސްޓޭޖުން ލިވަޕޫލް ޖާގަ ކަށަވަރު ކޮށްފި އެވެ.

ލިވަޕޫލުން މުބާރާތުގެ ނޮކްއައުޓް ސްޓޭޖުން ޖާގަ ކަށަވަރު ކޮށްފައި މި ވަނީ ގްރޫޕް ސްޓޭޖުގައި އެ ޓީމަށް އަދި އިތުރު އެއް މެޗު ކުޅެން އޮއްވަ އެވެ. ރޭ ކުޅުނު މެޗާ އެކު މުބާރާތުގެ ގްރޫޕް ޑީގެ ތާވަލްގެ އެއްވަނަ 12 ޕޮއިންޓާއެކު ހޯދާފައިވާ ލިވަޕޫލްއަށް ނޮކްއައުޓް ސްޓޭޖުން ޖާގަ ކަށަވަރު ވެގެން ދިޔައީ އެ ގްރޫޕްގައި ހިމެނޭ އެޓްލާންޓާ އާއި މިޔުލޭންޑް ރޭ ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރު ވުމުންނެވެ.

ރޭގެ މެޗުގައި ލިވަރޕޫލްގެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 58 ވަނަ މިނެޓުގައި އެ ޓީމުގެ 19 އަހަރުގެ މިޑްފީލްޑަރު ކަރޓިސް ޖޯންސް އެވެ. އެ ލަނޑު އޭނާ ކާމިޔާބު ކުރީ ލިވަޕޫލްގެ ނެކޯ ވިލިއަމްސް ދިން ދިގު ޕާހަކުން، އަޔެކްސްގެ ކީޕަރު އަންޑްރޭ އޮނަނާއަށް ހެދުނު މިސްޓޭކެއްގެ ބޭނުން ހިފާ، ހަނި އެންގަލްއަކުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިންނެވެ.

މެޗުގައި ލިވަޕޫލް ކުރި ހޯދުމުގެ ކުރިން މެޗުގެ ލީޑު ނަގަން އަޔެކްސްއަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން އެގޮތުން ފުރަތަމަ ހާފުގައި އަޔެކްސްގެ ޑިފެންޑަރު ނުސައިރު މަސްރޯއީ ވަނީ ޕެނެލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރުގަދަ ހަމަލާއެއް ލިވަރޕޫލްގެ ކީޕަރަށް ދިފާއުކުރަން މަޖުބޫރު ކުރުވާފަ އެވެ. އެ ހަމަލާއާއި ވިދިގެން އަޔެކްސްގެ ޑޭވިޑް ނެރޭސް ފޮނުވާލި ބާރުގަދަ ޝޮޓު އަމާޒުވެގެން ދިޔައީ ލިވަރޕޫލްގެ ގޯލް ދަނޑިއަށެވެ.

ނަތީޖާ ހަމަހަމަ ކުރަން މެޗުގައި އަޔެކްސްއަށް ލިބުން އެންމެ ރަނގަޅު އެއް ފުރުސަތުގައި ދެވަނަ ހާފްގެ ފަހުކޮޅު އެ ޓީމުގެ ހަންޓެލާ ފޮނުވާލި ހަމަލާ ލިވަޕޫލްގެ ޒުވާން ކީޕަރ ކެލެހަރ ވަނީ ދިފާއު ކޮށްފަ އެވެ. ރޭގެ މެޗުގައި ލިވަޕޫލްއަށްވެސް ވަނީ ނަތީޖާގެ ފަރަގު އިތިރު ކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލބިފަ އެވެ.