ދިވެހި އަސްކަރިއްޔާ އިން ހައްޔަރުކޮށްފައިވާ ކްރިމިނަލް ކޯޓްގެ އިސްގާޒީ އަބްދުﷲ މުހަންމަދު [އަބްދުﷲ ގާޒީ[ ދޫނުކޮށްލަނިސް ސަރުކާރާ އެކު މަޝްވަރާތަކަކަށް ނުދާނެ ކަމަށް ޕީޕީއެމް އިން މިއަދު ބުނެފި އެވެ.

އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ޕީޕީއެމްގެ ކައުންސިލް މެންބަރު މުހައްމަދު ނިމާލް ވިދާޅުވީ އަބްދުﷲ ގާޒީގެ ހައްގުތަކެއް ގެއްލޭ ގޮތަށް އޭނާ ހައްޔަރުކޮށްފައި ބަހައްޓާހާ ހިނދަކު ސަރުކާރާ އެކު އެއްވެސް މަޝްވަރާއެއް ކުރުމުގެ ޖާގައެއް ނެތް ކަމަށެވެ.

"އަބްދުﷲ ގާޒީ ހައްޔަރުގައި ހުންނަވާ ނަމަ ޕީޕީއެމް އިން ސަރުކާރާ އެއްވެސް މަޝްވަރާއެއް ނުކުރާނަން. މަޝްވަރާއެއް ކުރަން ބޭނުން ނަމަ އަބްދުﷲ ގާޒީ ދޫކޮށް ލައްވާ އެބޭފުޅުން އެކަމަށް އެދެން ޖެހޭނީ،" އެ ޕާޓީގެ ބައި އިލެކްޝަން ކޮމިޓީގެ ޗެއާޕާސަންކަން ވެސް ކުރައްވާ ނިމާލް ވިދާޅުވި އެވެ.

ރައީސްގެ ނައިބު ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު އިއްޔެ ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވައި ނިމާލް ވިދާޅުވީ ޑރ. ވަހީދު އެ ވާހަކަ ދެއްކެވީ "ބޮލުގައި ބަޑިޖައްސައި" ސަރުކާރުން މަޖުބޫރު ކުރުވައިގެން ކަމަށާއި އެމަނިކުފާނު ހައްގަށް ބަސްބުނާ ކޮންމެ ފަހަރަކު ރައީސް ނަޝީދުގެ "ނުލަފާކަން" އެމަނިކުފާނަށް ދައްކާލާ ކަމަށެވެ.

"މީގެ ކުރިން ވީޓީވީގެ ހޫނު ގޮނޑި ޕްރޮގްރާމްގައި އެމަނިކުފާނު ހަގީގަތަށް ވާހަކަ ދެއްކެވީމާ އެމަނިކުފާނަށް ފިއްތުންތައް ކުރުވި ވަރު އޮތީ އެނގިފައި. އެ މަނިކުފާނުގެ ބްލޮގްގައި އިސް ގާޒީ ހައްޔަރުކުރުން ކުށްވެރި ކޮށްފައި ފަހުން އިއްޔެ އެ ވާހަކަތައް ދެއްކެވި ގޮތުން އެ މަނިކުފާނަށް ކޮންމެވެސް މަޖުބޫރެއް އޮތް ކަން އެބަ އެނގޭ،" ނިމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސް ގާޒީގެ މައްސަލައިގައި ނައިބް ރައީސްގެ ހިޔާލް ބްލޮގްގައި ފާޅުކުރެއްވުމުން ސަރުކާރުން ވަނީ ޑރ. ވަހީދަކީ އެއްވެސް މީހެއް ނޫން ކަމަށް ދޭހަވާ ގޮތަށް މީޑިޔާގެ ކުރިމަތީގައި ވާހަކަ ދައްކާފައި ކަމަށާއި އެކަން ކުށްވެރިކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލްކުރަން ޑރ. ވަހީދަކީ ތައުލީމީ އިންސާފަށް ލޯބި ކުރައްވާ ބޭފުޅެއް ކަން. އަޅުގަނޑުމެން އެމަނިކުފާނަށް ސާބަސް ދަންނަވަން އެހާ ދަތިކޮށް ހުންނަވައިގެން ވެސް އަމިއްލަފުޅު ބްލޮގްގައި ހިޔާލު ފާޅުކުރެއް ވީތީ." ނިމާލް ވިދާޅުވި އެވެ.