02 Dec 2020, 10:54
އެތުލެޓިކްސް އެސޯސިއޭޝަނުން އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދާ ޙިލާފަށް އަމަލުކޮށް، އިންތިހާބު ބާއްވާފައިވާ ކަމަށް ތުހުއްމަތުކޮށް މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އިއްޔެ މަޖިލީހުގައި ދެއްކެވި ވާހަކަތައް އެ އެސޯސިއޭޝަނުން ދޮގުކޮށްފި އެވެ.
ކުޅިވަރުގެ ގާނޫނަށް ބަދަލުގެނައުމަށް މަޖިލީހުގައި މިފަހުން ކުރެވުނު ބަހުސްތަކުގައި، މިހާރު ކުޅިވަރު އެސޯސިއޭޝަންތަކުގެ ގަވާއިދުތަކުގައި ހުރި ލޫޕް ހޯލްތަކެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އެސޯސިއޭޝަންތަކުގެ އިންތިހާބުތައް އިލެކްޝަން ކޮމިޝަނުން ބާއްވަން ފެންނަކަމަށް ބުނެ ގިނަ މެމްބަރުންތަކެއް ވަނީ އެމްޑީޕީގެ ޗެއާޕަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ހުށައެޅުއްވި އިސްލާހަށް ތާއީދުކޮށްފަ އެވެ.
އިއްޔެގެ މަޖިލީހުގައި ވެސް އެކަމަށް ބަހުސްތަކެއް ކުރެވުނު އިރު މި އިސްލާހު ފާސް ކުރުމަށް އެންމެ ގަދައަށް މަސައްކަތް ކުރައްވަމުން އަންނަ އާޒިމް ވިދާޅުވީ، އެތުލެޓިކްސް އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގައި ކަނޑައެޅިގެން ރައީސްކަން ކުރެވޭނީ ދެ ދައުރުގައި ކަމަށް ކަނޑައެޅިފައި އެބައޮތް ކަމަށެވެ. އަދި ފަހުވަގުތު އެ އެސޯސިއޭޝަނުގެ ކައުންސިލް ބައްދަލުވުމެއް ބާއްވާ، ތިންވަނަ ދައުރަކަށް ވެސް އެ މަގާމު ފުރުއްވޭނެ ކަމަށް ފާސްކޮށް މިހާރު ހުރި ރައީސް އަނެއްކާވެސް ތިންވަނަ ދައުރަކަށް އިންތިހާބުކޮށްފައިވާ ކަމަށެވެ.
ނަމަވެސް އާޒިމް ދެއްކެވި ވާހަކަތަކަކީ ހަގީގަތާ ޙިލާފު ވާހަކަތަކެއް ކަމަށާއި، އެސޯސިއޭޝަންގެ އިންތިހާބީ އަހަރު އެ އެސޯސިއޭޝަންގެ ގަވާއިދަށް ބަދަލު ނުގެނެވޭގޮތަށް ހިންގާ ގަވާއިދުގައި ވެސް އޮތުމާއެކު އެއްވެސް ބަދަލެއް މި އަހަރު ގެނެސްފައި ނުވާނެ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
"މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން، ޕާޓީގެ މެމްބަރުން ހުށައަޅާ ބިލްތަކަށް ބަހުސު ކުރާ މަރުހަލާގައި ވެސް އެ ބިލްތަކަށް ތާއީދު ހޯދުމަށް ދައްކަން ޖެހޭނީ، ކަންހިނގާ ގޮތުގެ ތެދު މައުލޫމާތު،" އެތުލެޓިކްސް އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެ އެސޯސިއޭޝަނުން ބުނީ، ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން 2008 ވަނަ އަހަރު ހޯމް މިނިސްޓްރީގެ ދަށުން ރަޖިސްޓްރީކުރި އިރު ވެސް ހިންގާ ކޮމިޓީގެ މެމްބަރުންނަށް އަދާކުރެވޭނީ ކިތައް ދައުރުކަން ކަނޑައަޅާފައި ނުވާނެ ކަމަށެވެ. އަދި ދެ ދައުރުގެ މުއްދަތެއް ކަނޑައެޅިފައިވަނީ އެސޯސިއޭޝަނުގެ ޓްރެޒަރާއަށް އެކަނި ކަމަށާއި، އެހެން ހުރިހާ މަގާމަކަށް ވިދިވިދިގެން ވަކި ދައުރެއް ވަންދެން މަގާމުގައި ނުހުރެވޭނެކަމަށް ކަނޑައަޅާފައި ނޯންނާނެ ކަމަށެވެ.
"ރައްޔިތުން އިތުބާރުކޮށް މަގާމުތަކަށް އިންތިހާބުކޮށްފައިވާ ޒިންމާދާރު ބޭފުޅުންގެ ކިބައިން މިފަދަ ކަންކަން ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން."