02 Dec 2020, 10:55
ރޭ ކުޅުނު ޗެންޕިއަންސް ލީގު މެޗުގައި 2-0 ގެ ނަތީޖާއަކުން ޝަޚްތަރް ޑޮނެސްކް އަތުން ބަލިވެ ގްރޫޕް ސްޓޭޖުގައި ލީގުން ކެޓުމުގެ ބިރު ރިއަލް މެޑްރިޑަށް ބޮޑުވެއްޖެ އެވެ.
ޝަޚްތަރު ވަނީ ޗެންޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރިއާލްގެ ހޯމްގައި ކުޅުނު ފުރަތަމަ މެޗުގައިވެސް އެ ޓީމުގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރި ހޯދާފަ އެވެ. ރޭގެ ނަތީޖާއަށްފަހު، ލީގުގެ ގްރޫޕް ބީގެ ތާވަލްގައި ހަތް ޕޮއިންޓާ އެކު ރިއާލް އޮތީ ތިން ވަނައިގަ އެވެ. ތާވަލްގެ އެއްވަނައިގައި އަށް ޕޮއިންޓާ އެކު ބްރޯޝިއާ މޮންޝެންގްލެޗްބަޚް އޮތް އިރު، ޝަޚްތަރު ވަނީ ހަތް ޕޮއިންޓާއި ގޯލްގެ ތަފާތުން ތާވަލްގެ ދެވަނަ ހޯދާފަ އެވެ. އަންގާރަ ދުވަހު ބްރޯޝިއާ އާއި އިންޓަ ބައްދަލުކުރާ މެޗުން ބްރޯޝިއާ ކުރި ހޯދައިފި ނަމަ، މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް ރިއާލްއަށް އޮތް ބާރު ކެނޑިގެން ދާނެ އެވެ.
ޔޫކްރައިންގެ ވެރިރަށް ކިއެވްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު އެ މެޗުގެ ފުރަތަމަ ހާފްގައި ރިއާލްގެ ކަރިމް ބެންޒެމާ ދިން ޕާހަކުން މެޗުގެ ފުރަތަމަ ހަމަލާ އެ ޓީމުގެ މާކޯ އެސެންސިއޯ ޝަޚްތަރުގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ނަމަވެސް، އެ ޝޮޓް އަމާޒުވެގެން ދިޔައީ ގޯލް ދަނޑިއަށެވެ.
އޭގެ އިތުރުން ފުރަތަމަ ހާފްގައި ޝަޚްތަރްގެ ކީޕަރު އަނަޓޯލީ ޓްރޫބިން ބެންޒެމާގެ ނުރައްކާތެރި ހަމަލާއެއް ދިފާއު ކޮށްފައި ވާއިރު، އެސެންސިއޯ ފޮނުވާލި ދެވަނަ ހަމަލާވެސް ޓްރޫބިން ވަނީ ދިފާއު ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ ރިއާލްގެ ރަފައެލް ވެރާނޭ ކުރި ފައުލަކުން ޝަޚްތަރުގެ މޮރައިސް އިންޖަރީވެ، ރަފައެލް އަށް ރީނދޫ ކާޑެއް ލިބިގެންނެވެ.
މެޗުގެ ދެވަނަ ހާފްވެސް ފުރަތަމަ ކޮންޓްރޯލް ކުރަމުން ދިޔައީ ރިއާލުން ނެވެ. ދެވަނަ ހާފް ފެށިގެން ބެންޒެމާ ތަނަވަސް ކޮށްދިން ހަމަލާގައި ނަޗޯއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ޝަޚްތަރް ވަނީ ކުޅުން ރަނގަޅުކޮށް ރިއާލްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ.
މެޗުގައި ޖެހި ފުރަތަމަ ލަނޑު ޝަޚްތަރަށް ކާމިޔާބު ކޮށްދިނީ މެޗުގެ 57 ވަނަ މިނެޓުގައި ރިއާލްގެ ދެ ޑިފެންޑަރުންނަށް ހެދުނު ކުށެއްގެ ބޭނުން ހިފާ، އެ ޓީމުގެ ފޯވާޑް ޑެންޓީނިއޯ އެވެ. މެޗުގައި ރިއާލްއިން ނަތީޖާ އެއްވަރު ކުރަން މަސައްކަތް ކުރި ނަމަވެސް، ރިއާލްގެ ބަލި ޔަގީންވެގެން ދިޔައީ 82 ވަނަ މިނެޓުގައި ޝަޚްތަރުގެ ސޮލޮމަން އެ ޓީމަށް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.